11 Aug 2020, 02:55
ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާން ސްކްރީނުން ފެނިގެންދާ ފިލްމު "ލާލް ސިންގް ޗައްޑާ"ގެ ނުނިމި އޮތް ބައި ޝޫޓްކުރަން ފަށައިފި އެވެ.
އެކްޓަރު އާމިރު ވަނީ އެ ފިލްމުގެ ނުނިމި އޮތް ބައި ޝޫޓްކުރަން ތުރުކީއަށް ވެސް ގޮސްފަ އެވެ. ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ވައިރަސް ކޮރޯނާގެ ސަބަބުން ފިލްމުގެ ޝޫޓިންތައް މެދުކަނޑާލާފައި އޮތެވެ. ނަމަވެސް އިންޑިއާގައި ލުއި ދޭން ފެށުމުން އިންޑިއާގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގަން މިހާރު ވަނީ ފަށައިފަ އެވެ.
އާމިރު ޚާން ތުރުކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެ ފިލްމަކީ މިއަހަރު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް މިހާރު އެ ފިލްމު ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފަ އެވެ.
ލާލް ސިންހް ޗައްޑާ އަންހެން ލީޑަކީ ކަރީނާ ކަޕޫރެވެ. އެދެތަރިން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެންދިޔައީ ހިޓް ފިލްމު "ތްރީ އިޑިއަޓްސް"އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެ ދެ ތަރިން އެކުގައި ސްކްރީނުން ފެނިގެން ދިޔަ ދެވަނަ ފިލްމަކީ "ތަލާޝް"އެވެ. މި ފިލްމަށްވެސް ބޮޑު އާމްދަނީއެއް ލިބުނުއިރު ކަރީނާ އާއި އާމިރު އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމަކީ "ލާލް ސިންގް ޗައްޑާ"އެވެ.