11 Aug 2020, 06:57
މޮރިޝަސް (އޯގަސްޓް 10) --- މޮރިޝަސް ކައިރިން ފަރަށް އެރި ކާގޯ ބޯޓު "އެމްވީ ވަކަޝިއޯ" ދެބުރި ވެދާނެކަމުގެ ބިރުހީވެއްޖެ އެވެ.
އެގޮތުން އެ ބޯޓުގެ ބަނޑުފިލާގައި ބޮޑެތި ރެނދުލާފައިވާ އިރު ތެޔޮވެސް މިހާރު ދަނީ ބޭރުވަމުންނެވެ.
ހަތަރު ހާސް ޓަނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އެ ބޯޓު ފަރަށް އެރީ މިދިޔަ މަހު 25 ގަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު ވިދާޅުވީ މޫސުން ގޯސްވި ނަމަވެސް 500 ޓަނުގެ ތެޔޮ މިހާރު ސަލާމަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކަންތައްތައް އެންމެ ގޯސްވެދާނެކަމަށް ބަލައި ތައްޔާރީ ފިޔަވަޅު އަޅަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބޯޓުގައި ހުރި ތެޔޮތަކުގެ ބައެއް ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އެއްގަމަށް ގެނެސްފައިވާ އިރު އަނެއް ބައި ތެޔޮތައް ވަނީ އެހެން ބޯޓަކަށް ވެސް ބަދަލުކޮށްފަ އެވެ.
މޮރީޝިއަސް ކައިރީގައި އޮންނަ ފްރާންސްގެ ރީޔޫނިއަން އައިލެންޑުން މިލިޓަރީ އެއާކްރާފްޓަކާއި ޕޮލިއުޝަން ކޮންޓްރޯލްކުރާ އިކުއިޕްމަންޓްތައް މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ. އޭގެ އިތުރުން މޮރީޝިއަސްގެ ކޯސްޓްގާޑާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭގެ އިތުރުން އާންމުން ވެސް ދަނީ ވޮލަންޓިއަރުކުރަމުންނެވެ.
ތެޔޮ ލީކްވެ އެ ސަރަހައްދު ތަޣައްޔަރުވެ އެތަކެއް ޖަނަވާރުތައް މަރުވެ މޮރިޝަސްގެ އިގްތިސާދު އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ވަނީ ބެލެވިފަ އެވެ.-- ބީބީސީ--