ދ. ކުޑަހުވަދޫން: ހުސައިން ހަސަން


މިރަށު ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) 76، މަރާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް، އެ މަރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަވަހަށް ފުލުހުންނާ ހިއްސާ ކުރުމަށް މިރަށުގެ ރައްޔިތުންނަށް ފުލުހުން އަންގާ ނޯޓިސް ފޮނުވައިފި އެވެ.

މި ރަށުގެ ހުރިހާ ގެއަކަށް ފުލުހުން ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އިއްޔެ ރޭ މި ރަށުގައި ހިނގައިދި ނުރައްކާތެރި މަރުގެ ހާދިސާގެ ތަހުގީގަށް ކުޑަހުވަދޫ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މަރާ ގުޅިގެން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތަކީ ސިއްރު މައުލޫމާތެއް ކަމަށެވެ.

މީގެ އިތުރުން މިރަށުގެ މީހުން މައުލޫމާތު ހިއްސާ ކުރަން ފުލުހުންނަށް ގުޅާނެ ނަންބަރެއް ވެސް އެ ނޯޓިސްގައި ހިމަނާފައި ވެއެވެ.

އައްޔުބޭގެ މަރުގެ މައްސަލައިގައި މައުލޫމާތު ބޭނުންވާ ކަމަށް ފުލުހުން މިރަށުގެ ރައްޔިތުންގެ ކިބައިން އެދިފައިވާއިރު، އެ މައްސަލާގައި ރޭ ހައްޔަރު ކުރި ހަތަރު މީހުންގެ އިތުރަށް ފަސްވަނަ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށް ދ. އަތޮޅު ކައުންސިލުން ކަށަވަރުކޮށްދެ އެވެ.

ހައްޔަރުކުރި ފަސް މީހުންގެ އެއްވެސް ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އަދި އައްޔުބޭގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައެއް ވެސް ނުވެ އެވެ. ފުލުހުން ހަމައެކަނި ބުނީ އެ މައުލޫމާތުތައް ފަހުން ދޭނެ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޔުބޭގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދ. ގެމެންދޫން މިރަށަށް ހިޖުރަކުރި ހަތަރު މީހުން ކަމަށްވާ ފައުޒާން މުހައްމަދާއި އިބްރާހިމް ވަސީމާއި އަލީ މާހިރު ފާރޫގާއި އަބްދުﷲ އަޒުމީ އެވެ. އެންމެ ފަހުން ހައްޔަރު ކުރި މީހާގެ ވަނަވަރެއް އަދި ލިބިފައެއް ނުވެ އެވެ.

އައްޔުބޭގެ މަރާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ސަން އޮންލައިނަށް ވަނީ އެނގިފަ އެވެ.

އައްޔުބޭގެ މައްސަލަ ތަހުގީގު ކުރުމަށް ރޭ ދަންވަރު ފުލުހުންގެ ހާއްސަ ޓީމެއް މި ރަށަށް އައިސްފައިވާއިރު، މިއަދު ވަނީ ފުލުސް ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހުއާއެކު ފުލުހުންގެ ފަސް މީހުން ހިމެނޭ އިތުރު ޓީމެއް މިރަށުގައި ގާއިމުވެ ތިބި ތަހުގީގު ޓީމާ ގުޅިފަ އެވެ.

އައްޔުބެ މަރާލި ސަރަހައްދު ރެއިން ފެށިގެން އަދިވެސް މިރަށް ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތަހުގީގުތައް މި ރަށުގައި ކުރިއަށްދާއިރު އައްޔުބެގެ މަރާ ގުޅިގެން އާންމުންތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.