10 Aug 2020, 16:26
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެދުމުން އެ މައުލޫމާތު ދިނުމަސް ދެކޮޅު ހައްދަވާ ކަމަށް ބުނެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަޖިލީހަށް ސިއްރު ސިޓީއެއް ފޮނުއްވައިފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ ސިޓީއާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އެކަމަކު އެ ސިޓީއަކީ ސިއްރު ސިޓީއަކަށް ވާތީ ކޮމިޓީ ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. އެހެންވެ ސިޓީގެ ތަފްސީލު މައުލޫމާތެއް ސާފެއް ނުވެ އެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކޮމިޓީގައި ވިދާޅުވީ އެ ސިޓީއަކީ އޭސީސީއިން ކުރަމުންދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ފޮނުއްވައި ދެއްވުމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ ޕީޖީ އޮފީހުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.
ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ ބާރު ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕީޖީއަށް ލިބިގެންވެ އެވެ.
އެހެންވެ ފުލުހުން ކުރާ ތަހުގީގުތަކާއި އޭސީސީއިން ކުރާ ތަހުގީގުތައް ހިނގާ ނުހިނގާގޮތް ބެލުމަކީވެސް ޕީޖީގެ މައްޗަށް ލާޒިމްގެ ވެގެންވާ ކަމެކެވެ.