09 Jan 2012, 19:46
ކުއާލަލަންޕޫރު (ޖަނަވަރީ 9) : މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަދި މިހާރުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އަންވަރު އިބްރާހީމްގެ މައްޗަށް ކޮށްފައިވާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުން އޭނާ ބަރީއަވާކަމަށް އެޤައުމުގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މިމައްސަލަބެލި ކުއާލަލަންޕޫރުގެ ކޯޓުންބުނީ އަންވަރު އިބްރާހީމްގެ މައްޗަށް ސަރުކާރުން ކޮށްފައިވާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ސާބިތުނުވާ ކަމުގައެވެ. މިމައްސަލާގައި އަންވަރާދެކޮޅަށް އެކަށީގެންވާ ހެކިދެއްކި ސަރުކާރަށް ދެއްކިފައިނުވާކަމަށާއި ހުށަހެޅިފައިވާ ޑީ.އެން.އޭ. ސާމްޕަލް ޕޮލިއުޓް ވެފައިނުވުމުން އަންވަރުގެ މައްޗަށް ކުށްސާބިތުކުރެވޭވަރު ނުވާކަމަށާ ނަމަވެސް މިމައްސަލާގައި އަންވަރު 100 ޕަސެންޓް ބަރީއަކަމަށް ބުނެވެންނެތް ކަމަށް ޤާޒީ މުޙައްމަދު ޟިޔާ ވިދާޅުވެފައިވެއެވެ. މިއީ އަންވަރުގެ މައްޗަށް ހުށަހެޅުނު އެއްޖިންސުން ގުޅުން ހިންގިކަމުގެ ދެވަނަ ދަޢުވާއެވެ.
އަންވަރުގެ މައްޗަށް މިފަހަރު ކުށްސާބިތު ނުވުމުން މެލޭޝިޔާ ސަރުކާރާ އަދި ޚާއްސަކޮށް އޭނާގެ މައްޗަށް ކުރެވިފައިވާ މިތުހުމަތުތަކުގެ އަޑީގައި ހުންނެވިކަމަށް ބެލެވިފައިވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުޙައްމަދާއި މަހާތީރަށް ތާއީދުކުރާ ފަރާތްތައް މިހާރު "ބޮލާފޮށާއެޅިފައިވާނެ" ކަމަށް އަންވަރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.
އަންވަރުގެ މައްޗަށް 1998 ވަނަ އަހަރު ކުރެވުނު މިބާވަތުގެ ދަޢުވާއާއި 2008 ވަނަ އަހަރު ކުރެވުނު ދަޢުވާއަކީވެސް ސިޔާސީ ދެ ދަޢުވާކަމަށް އަންވަރު ވަކާލާތު ކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން މިއަދުގެ ޙުކުމް ވެގެންދިޔައީ އަންވަރަށް އަލުން ހިއްވަރުލިބި އޭނާ ސިޔާސީ ޙަޔާތް އުޖާލާކޮށްދޭނެ ކަމެއްގެ އިތުރުން އޭނާގެ ސިޔާސީ މުސްތަޤްބަލަށް ލިބުނު ކާމިޔާބީއެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ.
ކޯޓުގެ ޙުކުމާއެކު އަންވަރަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކާ އެކު އުފާ ފާޅުކުރައްވަމުން ކުރިއަށް އޮތް އިންތިހާބުގައި މެލޭޝިއާގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އަންވަރު ދެއްވިއެވެ.
މި ޝަރީއަތް ނިމުނުތަނާ، ހައިކޯޓު ހުރިސަރަހައްދުން ތިން ގޮވުމެއްގެ އަޑު އިވިފައިވެ އެވެ. ނަމަވެސް މިގޮވުންތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއްނުވެއެވެ. މަހާތީރުގެ ދުވަސްވަރު ބޮޑުވަޒީރުކަމުގެ ނާއިބުކަމުގައި ހުންނެވުމަށްފަހު މަހާތީރާ ޚިޔާލު ތަފާތުވެގެން މަހާތީރުގެ ސަރުކާރުން އަންވަރު ބޭރުކޮށްލީ 1998 ވަނަ އަހަރުއެވެ. އެއަށްފަހު ކޮރަޕްޝަނާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި އަންވަރުގެ މައްޗަށް ޖަލު ހުކުމެއް މަހާތީރުގެ ދުވަސްވަރު ކުއާލަލަންޕޫރުގެ ކޯޓަކުން އިއްވާފައިވެއެވެ.
މިޙުކުމަށްފަހު އަންވަރު ޖަލުން ސަލާމަތްވެ ވަޑައިގަތީ 2004 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށްވެސް އިދިކޮޅު ލީޑަރެއްގެ ގޮތުގައި އަންވަރުގެންދަވަނީ ޙަރަކާތްތެރިވަމުންނެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމާގުޅިގެން އެއްޖިންސުން ގުޅުން ހިންގިކަމުގެ އިތުރު ދައުވާއެއް އަނެއްކާވެސް އަންވަރާ ދެކޮޅަށް އުފުލާފައިވެއެވެ.
މިއަދުގެ ޙުކުމްގެ ސަބަބުން ރައްޔިތުންގެ ހަމްދަރްދީ އަންވަރަށްލިބި ކުރިޔަށްއޮތް އިންތިޚާބު އަންވަރުގެ ޕާޓީން ކާމިޔާބުކޮށް އޭނާ މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަކީ މިހާރު މެލޭޝިޔާގެ މަސްރަޙްއޮތްގޮތުން އެކަށީގެންވާ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. -- ނޫސްއެޖެންސީތައް