09 Jan 2012, 18:57
ޕީޕީއެމްގެ މީޑިއާ ކޮމެޓީއެއް އެކުލަވައިލާ އެ ކޮމެޓީގެ ރައީސަކަށް އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި ނާއިބް ރައީސަކަށް ދުންޔާ މައުމޫން އިންތިހާބު ކޮށްފި އެވެ.
މުންދުއަކީ ޕާޓީގެ ވަގުތީ ރައީސް މައުމޫންގެ ތަރުޖަމާނެވެ. ދުންޔާއަކީ މައުމޫންގެ ދަރިކަނބަލުންނެވެ.
ޕީޕީއެމުގެ އަސާސީ ގަވައިދުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކުލަވައިލި ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަ ވަނީ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މުހައްމަދު ނިމާލާއި އިބްރާހިމް މުއާޒު އަލީ އާއި އަބްދުﷲ ޝިނާނެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މިޑިޔާ ކޮމެޓީ އެކުލަވާލުމަށް ފަހު ކޮމެޓީގެ ރައީސަކަށް މުންދު އަދި ނައިބު ރައީސަކަށް ދުންޔާން އިންތިހާބު ކުރީ މިއަދު ބޭއްވި ބައްދަލުވުމަކުންނެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގެ 43 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބުނަނީ މިޑިޔާ ކޮމެޓީގެ ރައީސަކީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ކަމަށާއި އެ ކޮމެޓީގެ ކޮންމެ މެންބަރަކީ ވެސް ޕާޓީގެ ސްޕޯކްސް ޕާސަން ކަމަށެވެ.