ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމާއި ވުޒާރާތަކުން ނުބެހުމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު މިއަދު މަޖިލީހުގެ ޖަލްސާތައް ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ހިންގަންވީ ގޮތާއި ގުޅޭ ގޮތުން ކަން ދޭހަވާ ގޮތަށް މިނިސްޓްރީ އޮފް ހެލްތުން ބަޔާނެއް ނެރެފައިވާ ކަމަށެވެ.

"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހްލާސްތެރިކަމާއި އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރުމަށާއި އަދި މި މަޖިލީހުން ކުރާ ކަންކަމާ ވުޒާރާތަކުން އެ ބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، ހެލްތު މިނިސްޓްރީގެ އިސް މަގާމުތަކެއްގައި މީގެ ކުރިން ތިއްބެވި ބޭފުޅުންތަކެއް، މިހާރު ހެލްތު މިނިސްޓްރީ ހިންގަމުންދާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި ފާޑުވިދާޅުވުމުން އެކަމަށް ރައްދުދީ އިއްޔެ ހެލްތު މިނިސްޓްރީއިން ބަޔާނެއް ނެރެފިއިވަނިކޮށެވެ.

އެ ބަޔާނުގައި މިނިސްޓްރީއިން ބުނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ހިޔާލާއި ލަފައަށް އަބަދުވެސް ތަރުހީބުދޭ ކަމަށެވެ. ނަމަވެސް، ކުރީގެ އިސްވެރިން ކޮމެޓީއަށް މައުލޫމާތު ދެއްވީ އެ ބޭފުޅުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެއްވެސް ވަރަކަށް މިނިސްޓްރީއާ މަޝްވަރާނުކޮށްކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި އެ ބޭފުޅުން ކޮމެޓީއަށް ދެއްވާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ބުންޏެވެ.