10 Aug 2020, 10:03
އދ. މަޖިލިސް (އޮގަސްޓް 10) : ބައިރޫތުގެ ބަނދަރުގައި ހުރި ކެމިކަލް ގުދަނެއް މިދިޔަ ހަފްތާގައި ގޮވުމުގެ ސަބަބުން ލުބްނާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިން އަރައިގަތުމަށް އެގައުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް އދ. އާއި ފަރަންސޭސިވިލާތް އިސްނަގައިގެން ބޭއްވި ބައިނަލްއަގްވާމީ ބައްދަލުވުމުން 398 މިލިޔަން ޑޮލަރު ހޯދައިފި އެވެ.
ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މިބައްދަލުވުމުގައި އެތައް ގައުމަކާއި އދ.ގެ ބައެއް އެޖެންސީތަކާއި ބައިނަލްއަގްވާމީ މާލީ މުއައްސަސާތައް ބައިވެރިވެރިފައިވާއިރު އެ ފަރާތްތަކުންވަނީ އަވަސް އެހީގެ ގޮތުގައި ލުބްނާނަށް 398 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފަ އެވެ.
އެބައްދަލުވުމުގައި ބައިވެރިވި ގިނަ ގައުމުތަކަކާއި މުއައްސަސާތަކަކުން ލުބްނާނަށް އެހީތެރިވުމަށް ދޭނެ ފައިސާގެ އަދަދު ހާމަކޮށްފައިނުވާއިރު ފައިސާ ދޭނެ އަދަދު ހާމަކޮށްފައިވަނީ މަދު ގައުމަކުންނެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތުން 35 މިލިޔަން ޑޮލަރު، ގަތަރުން 50 މިލިޔަން ޑޮލަރު، ކުވައިތުން 30 މިލިޔަން ޑޮލަރު، ޖަރުމަނުން 31 މިލިޔަން ޑޮލަރު، އިނގިރޭސިވިލާތުން 20 މިލިޔަން ޑޮލަރު އަދި ޔޫރަޕްގެ އިއްތިޙާދުން ދިނުމަށް ނިންމި 63 މިލިޔަން ޑޮލަރު ހިމެނެ އެވެ.
ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ލިބުނު މާއްދީ ގެއްލުންތަކުގެ މިންވަރު 17 ބިލިޔަން ޑޮލަރަށް އަރާއިރު މިއީ ގެއްލުން ލިބުނު ސަރަހައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށް އެއްވެސް އެއްޗަކަށް ނުވާނެ އެވެ. ނަމަވެސް މާލީގޮތުން އިފްލާސްވާ ހިސާބުގައި އޮތް ލުބްނާނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިވަގުތަށް މިއެހީއަކީ ވެސް މުހިއްމު އެއްޗެއްކަން ލުބްނާނުގެ މީޑިއާއިން ބުނެއެވެ.

ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން ބައިރޫތަށް ލިބިފައިވާ ގެއްލުން
ލުބްނާނަށް އެހީތެރިވުމަށްބައިނަލްއަގްވާމީ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު ބޭނުންމަކީ ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން ލުބްނާނުގެ ރައްޔިތުންނަށް ލިބިފައިވާ އާދާޔާ ޚިލާފު ގެއްލުންތަށް ފޫބެއްދުމަށް އަވަސްގޮތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އދ. އާއި ފަރަންސޭސިވިލާތުން ބުނެ އެވެ.
ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން 157 މީހުން މަރުވެ 6،000 މީހުން ޒަޚަމްވެފައިވާއިރު 300،000 މީހުން ވަނީ އެމީހުންގެ ގެދޮރު ހަލާކުވުމުގެ ސަބަބުން މަގުމަތިވެ ރެފިއުޖީންނަށްވެ އިންސާނީ އަވަސްއެހީއަށް ބޭނުންވެފަ އެވެ. މާއްދީ ގެއްލުންތަކަށް ބަލާއިރު ބައިރޫތުގެ މުހިއްމު އެތައް ސަތޭކަ އިމާރާތެއް އެއްކޮށް ހަލާކުވެ އަނެއް ބައި އިމާރާތްތައް ވަނީ ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މި މާއްދީ ގެއްލުންތައް ފޫބައްދައި ބައިރޫތު އަލުން އާރާސްތު ކުރުމަށް މަދުވެގެން 17 ބިލިޔަން ޑޮލަރު ބޭނުންވާނެކަމަށް ލުބްނާނު ސަރުކާރުންވަނީ ވަނީ އަންދާޒާކޮށްފަ އެވެ.
ލުބްނާނަށް އެހީ ހޯދުމަށް ބޭއްވި ބައްދަލުވުން ރޭގެ ވަގުތެއްގައި ނިންމާލައި ނެރުނު ބަޔާނުގައި އެ ބައްދަލުވުމުން ހާސިލްކުރެވުނު ފައިސާ ދޭނީ އދ. އާއި އދ.ގެ އެޖެންސީތައް މެދުވެރިކޮށް އިންސާނީ އެހީގެ ގޮތުގައި ސީދާ ލުބްނާނުގެ ރައްޔިތުންނަށް ކަމަށް ބުނެފައިވެ އެވެ. މިގޮތަށް ނިންމީ ލުބްނާނުގެ ސަރުކާރަކީ އިންތިހާއަށް ކޮރަޕްޓް ސަރުކާރަކަށް ވެފައި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް އެހީފޯރުކޮށްދިނުމުގެ ކަންކަން ކުރާނަމަ އޭގެ ބޮޑުބައެއް ކޮރަޕްޝަނަށް ދާނެކަމުގެ ބިރު އޮތުމުންނެވެ.
މީގެ އިތުރުން ލުބްނާނުގެ ރައްޔިތުން އެގައުގެ ސަރުކާރަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރުމާއި ސަރުކާރާއި ޕާލަމެންޓްގެ އެތަށް ބަޔަކު އިސްތިއުފާދީ ލުބްނާނުގެ އާންމުންގެ އެތަށް ބަޔަކު ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދިއުމަކީ ވެސް ލުބްނާނުގެ ސަރުކާރު ގެ ބަދަލުގައި އދ. ގެ އެޖެންސީތަށް މެދުވެރިކޮށް ސީދާ ލުބްނާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިއެހީ ފޯރުކޮށްދޭން ނިންމި ސަބަބެއްކަމަށް ބައްދަލުވުން އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކުރި ފަރަންސޭސިވިލާތުން ބުނެ އެވެ. (ނޫސްއެޖެންސީތައް)