09 Jan 2012, 18:30
ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން ދިޔަ ޝަރަފުއްދީން ބިލްޑިންގްގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގަން އައްޑޫ ސިޓީ ކައުންސިލުން ދީފައިވާ މައްސަލައާއި ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން އިމާރާތުގައި ކުރިން ވެސް ހިންގަމުންދިޔަ ލައިބްރަރީ ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އައްޑޫ ސިޓީ ކައުންސިލުން ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
ކެންގަރޫ ކިޑްސް ޕްރީސްކޫލް ހިންގުމަށް ސިޓީކައުންސިލުން ދޫކޮށްފައިވާ ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުންދިޔަ ޝަރަފުއްދީން ބިލްޑިންގައި ލައިބްރަރީ ހިންގުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ ހިތަދޫ ބާރޫޒުގޭ މުހައްމަދު އާދިލުއެވެ.
މިއަދު ހައިކޯޓޫގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އައްޑޫ ސިޓީ ކައުންސިލުން ހައިކޯޓުގައި އެދިފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރު ބާތިލް ކުރުމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓަށް ހާޒިރުވި ސުވާދު ޒާހިރު ވިދާޅުވީ އެ އަމުރު ނެރެފައި ވަނީ އެއްވެސް އަޑުއެހުމެއް ބޭއްވުމެއްނެތި ކައުންސިލްގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަދުލް އިންސާފުގެ ހަމަތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ދައުވާކުރާ އަދި ދައުވާ ލިބޭ ކޮންމެ މައްސަލައެއްގައި އޭނާ ކޯޓަށް ހާޒިރުވުމަށް ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާކަމަށެވެ. އަދި ވިދާޅުވީ އެ ގަރާރު ހިތަދޫ ކޯޓުން ބަލައިގެންފައި ނުވާކަމަށެވެ.
ހިތަދޫ ކޯޓަށް މައްސަލަ ހުށަހެޅުއްވި އާދިލްގެ ވަކީލު މަރަދޫ ފޭދޫ ކޯޓުގައި ހުންނަވައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވިދާޅުވީ އަމުރު ނެރެފައި ވަނީ ކައުންސިލުން ހާޒިރުވުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ވަގުތީ އަމުރެއް ނެރޭއިރު ކޮންމެހެން އަޑުއެހުމެއް ބާއްވަން ނުޖެހޭނެ ކަމަށާއި ހައި ކޯޓުން ވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށާއި ވަރަށް އަވަހަށް ކަނޑައެޅުމުގެ ޝަރީއަތް ބާއްވާނެކަމަށެވެ.
ހިތަދޫ ކޯޓުން ނެރުނު އަމުރާއިގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށި އިރު އައްޑޫ ސްކޫލްގައި ކިޔަވައި ނުދޭތީ ސްކޫލަށް ވައްދާފައިވާ 38 ކުދިންގެ ބެލެނިވެރިން ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ.