10 Aug 2020, 08:03
އިސްލާމްއާބާދު (އޮގަސްޓު 10): ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 58 މީހަކު މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންތް އޮތޯރިޓީން އިއްޔެ ބުނި ގޮތުގައި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް އެގައުމުގެ ހަތަރު ސަރަަހައްދަކުން 58 މީހަކު ވަނީ މަރުވެފަ އެވެ. އަދި 100 ގެޔަކަށް ގެއްލުން ލިބި، ފެންބޮޑުވުމުގެ ސަބަބުން ބަލޮޗިސްތާނުގެ 12 ވަރަކަށް މީހުން ގެއްލިފައިވެ އެވެ.
މީގެ އިތުރުން، ފެންބޮޑުވި އެއް ސަރަހައްދު ކަމަށްވާ ސިންދު ޕްރޮވިންސުގެ ދާދޫ ޑިސްޓުރިކްޓުން 100އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.
ޕާކިސްތާނަށް ޖުލައި މަހުން ސެޕްޓެމްބަރު މަހަށް ކުރާ މޫސުމީ ވިއްސާރައިގައި ކޯރުތައް ބަންޑުންވެ، މީހުން ދިރިއުޅޭ ތަންތަނަށާއި ދަނޑުބިންތަކަށް ގެއްލުން ލިބެ އެވެ. އަދި އެ ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް ގިނަ ސިޓީތަކަށް ގެއްލުން ލިބޭތީ ސަރުކާރަށް ފާޑު ކިޔުން އަމާޒުވެ އެވެ.
ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ މި ހަފްތާ ތެރޭ ވެސް އެގައުމަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.