މަސްތުވާތަކެއްޗާއި ބެހޭ އާ ގާނޫނުގެ ދަށުން އުފެދިފައިވާ ޑުރަގް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައި ޖޭއެސްސީން އާންމުކުރި އިއުލާނެއްގައި ބުނަނީ ޑްރަގް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތައް ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް މިމަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅަންޖެހޭނެ ކަމަށެވެ.

މިއަދު އިއުލާން ކޮށްފައިވަނީ ގާނޫނުގައި އެ ކޯޓަށް މަދުވެގެން އައްޔަންކުރަންޖެހޭ ކަމަށް ބުނެފައިވާ ފަސް ފަނޑިޔާރުން ހޯދާށެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތައް ވެސް އެ އިއުލާނުގައި ހިމަނާފައި ވެއެވެ. އެގޮތުން އެ އިއުލާނުގައި ފާހަގަކޮށްފައިވާ ބައެއް ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށާއި ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެކަމަށް ހިމަނާފައި ވެއެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި އެ ހުކުމް ފާއިތުވި ހަތް އަހަރުގެ ތެރޭ ތަންފީޒުކޮށްފައިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އިސްލާމީ ޝަރީއާގެ ރޮގުން ނުވަތަ ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއިއެކު ޑްރަގް ކޯޓުގެ އިޚުތިސޯސް ހިމެނޭ ކަމަކާއި ގުޅޭގޮތުން ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލަކު ކަމުގައި ދެ އަހަރު އުޅެފައިވާ މީހަކުކަމުގައި ވެސް ވާންޖެހެ އެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި މަހަކު 30000ރ. ގެ އިތުރުން 15000ރ. ގެ ލިވިން އެލަވަންސްވެސް ލިބިވަޑައިގަނެ އެވެ. އެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކުރި ނަމަވެސް ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް އަދި ހަމަޖެހިފައި ނުވެއެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ހޯދުމަށް މިހާރުވެސް ދިރާސާތައް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން އިމާރާތެއް ހަމަޖައްސާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރައްވާނެ ކަމަށެވެ.