09 Aug 2020, 21:49
އދ. މަހިބަދޫން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނިކޮށް އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހާގެ ދެވަނަ ސާމްޕަލް ނެގަޓިވްވެއްޖެ އެވެ.
މާލެ ގެންގޮސްފައި ވަނިކޮށް ޕޮޒިޓްވި މަހިބަދޫ މީހާއަކީ އުމުރުން 80 އަހަރުން މަތީގެ މީހެކެވެ. އޭނާ އަކީ މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އޭނާ މާލެ ގެނެސް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ޓެސްޓު ހެދީ އެ ހޮސްޕިޓަލުންނެވެ.
މިއަދު އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމިން ހަސަން "ސަން"އަށް ވިދާޅުވީ، އެ މީހާގެ ދެ ވަނަ ޓެސްޓުގެ ނަތީޖާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.
ބުންޔާމިން ވިދާޅުވި ގޮތުގައި އެ މީހާގެ ކިބައިން ކޮވިޑް-19ގެ އަލާމާތެއް ވެސް ނުފެނެ އެވެ. ދެން އޭނާގެ އިތުރު ކޮވިޑް ޓެސްޓެއް ނަހަދާނެ އެވެ.
ޕޮޒިޓިވްވާ މީހުން ފެނުމަށް ފަހު ރަށްރަށުގައި އާންމުކޮށް ސަލާމަތީ ފިޔަވަޅުތައް އަޅަ އެވެ. މި ބަލި މީހާގެ ދެވަނަ ސާމްޕަލް ވެސް ޕޮޒިޓިވްވި ނަމަ އެފަދަ ފިޔަވަޅުތައް މަހިބަދޫގައި އަޅާނެ އެވެ.