09 Jan 2012, 15:25
ދ. ކުޑަހުވަދޫން: ހުސައިން ހަސަން
މީގެ ދުވަސްކޮޅެއް ކުރިން އެއް ދުވަހަކު އަތޯޔާ އަލީ އޭނާގެ ބައްޕަ، އަލީ ހަސަން (އައްޔުބޭ) އާ ސުވާލު ކުރިއެވެ: ބައްޕަ މާބޮޑަށް ދެރަވެފައި ހުންނަނީ ކީއްވެ ހެއްޔެވެ؟ "އަހަރެން އެ ސުވާލުކުރީ ބައްޕަ ނަމާދުން ގެއަށް އައި ވަގުތެއްގައި، ބައްޕަ ބުނީ ނަމާދުން ފައިބައިގެން ގެއަށް އަންނަ މަގުމަތީގައި ބަޔަކު ދިމާކޮށް މަރާލާނެ ކަމުގެ އިންޒާރު ދެނީއޭ! ބައްޕަ ބުނި މަގުމަތީގައި ރޮނގެއް އަޅާފައި އެމީހުން ބުންޏޭ އެ ރޮނގު ހުރަސްކޮށްފިއްޔާ މަރާލާނަމޭ! ނުވަތަ އަމިއްލައަށް މަރުވާށޭ!"
ރޭ އިރާކޮޅު މިރަށުގައި ރަހުމް ކުޑަ ގޮތަކަށް މަރާލި އައްޔުބޭގެ އަންހެން ދަރިފުޅު، އަތޯޔާ އޭނާގެ ބައްޕަ މަރުގެ ހަމަލަ ފެށިގެން އައި ގޮތް ސަން އޮންލައިނަށް މިއަދު ކިޔައި ދިނީ ތުހުމަތަކާއެކު އެވެ. އަދި ބައްޕައާމެދު ބަޔަކު މީހުން ކުރަމުން އަން ތުހުމަތައް ދޮގު ކުރަމުންނެވެ.
ދ. ގެމަންދޫއަށް ނިސްބަތްވާ އާއިލާގެ މެންބަރު އަތޯޔާ ބުނީ ބައްޕަ މަރާލީ އެކި އެކި ދުވަސްމަތިން ދެމުން އައި މަރުގެ އިންޒާރުތަކުގެ ތެރޭގައި ހުއްޓާ ކަމަށާއި އެ އިންޒާރުތައް ބައްޕަޔަށް ދޭތާ ތިން މަސް ވެއްޖެ ކަމަށެވެ.
"ބައެއް ފަހަރު ކަތިވަޅި ހިފައިގެން ވެސް މަގުމަތިން ދިމާކޮށް އިންޒާރުދީ ހަދާ!" އަޔޯތާ ބުންޏެވެ.
އައްޔުބޭގެ އާއިލާގެ މެންބަރު ބުނާ ގޮތުން މުސްކުޅިވެފައިވާ އެމީހުންގެ ބައްޕައަށް މަރުގެ އިންޒާރުތައްދީ ދިމާކޮށްލައިގެން އުޅެނީ ސުނާމީ ކާރިސާއަށްފަހު އެ އާއިލާއާއެކު ގެމެންދޫން ކުޑަހުވަދުއަށް ބަދަލުވި އެ ރަށުގެ ބައެކެވެ. އެމީހުން އަބަދުވެސް ބައްޕައަށް ނަފުރަތުކޮށް ރުޅި އަންނަ ކަމަށް އާއިލާގެ މެންބަރުން ބުންޏެވެ. އެކަމަކު ސީދަލަށް އެއާއިލާގެ ވާހަކަ ބުނާކަށް ބޭނުމެއް ނުވެއެވެ.
"އަޅުގަނޑުގެ މެންގެ ނެތް ހަސަދަވެރި ކަމެއް، ބަދަލު ހިފުމެއް،" އެއް މެންބަރަކު ބުންޏެވެ.
އިހަށް ވެސް މިހާރު ވެސް އައްޔުބެއަށް ކުރާ ބޮޑު ތުހުމަތަކީ ސިހުރު ހާހުރައިގެ ތުހުމަތުތަކެވެ. އައްޔުބޭ ސިހުރު ހަދާ ކަމަށް އަބަދުވެސް ގެމެންދޫ މީހުން ތުހުމަތައް ކުރެ އެވެ. އަދި ފަހުން ކުޑަހުވަދޫއަށް ހިޖުރަ ކުރުމުން ކުޑަހުވަދޫގެ ބައެއް މީހުން ވެސް އެ ތުހުމަތުތައް ކުރަން ފެށި އެވެ. އެފަދަ ބައެއް މީހުން ބުނާ ގޮތުން ކުޑަ ހުވަދޫ މޫދުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީނާ މަރާލީ އައްޔުބޭ ހެދި ބާރުގަދަ ސިހުރެއް ޖެހިގެނެވެ.
ޝީރީނާގެ ފިރިމީހާ އަބުދުﷲ ނައްޝަތު ބުނީ އަންހެނުން މަރުވެދިއުމާ ގުޅިގެން އެއްވެސް ކަމަކަށް ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާއި ވެދިޔަތަން މަރުވީ ކަމަށެވެ. އަދި އޭނާ ބުނެލި އެވެ: "ފަންޑިތައޭ ސިހުރޭ ކިޔައިން ދައްކާ ވާހަކަތަކަށް އިތުރު އެއްޗެއް ބުނާކަށް ބޭނުމެއް ނޫން،"
އައްޔުބެގެ ތިމާގެ މީހަކު ބުނީ އައްޔުބެއަށް ކުރާ ސިހުރުގެ ތުހުމަތަކުގައި އެއްވެސް ބަޔަކަށް ހެއްކެއް ނުދެއްކެ އެވެ. ހަމައެކަނި ސިހުރުހަދާ ކަމަށް ބުނާ ކޮންމެވެސް މީހަކާ ހަވާލާދީ ވާހަކަތަކެއް އުފަން ކުރުވަނީ އެވެ. އެވާހަކަތަކުގެ ތެރޭގައި ޖިންނި ގެނެސް މީހުން މޮޔަ ކުރުވާ ކަމަށާއި މަރާ ކަމަށް ބުނަނީ އެވެ.
"ބޭބޭއާ ދިމާކޮށްލައިގެން އުޅެނީ ސިހުރު ހާހޫރާއި ފަންޑިތަ ހަދަނީއޭ ބުނެ. ނަމަވެސް އެއީ ދޮގެއް،" އެއްވެސް ނަމަކުން އެނގެން ބޭނުން ނުވާ އެމީހާ ބުންޏެވެ.
ދެން ވާހަކަ ކިޔައިދިނީ އަތޯޔާ އެވެ، އޭނާ ބުންޏެވެ: "މިވީހާ ޒަމާނެއް ވެގެންދިޔައީ އަހަރުމެންނާއެކު ބައްޕަ އުޅޭތާ. ދުވަހަކު ވެސް އެފަދަ ކަމެއް [ސިހުރު ހަދާތަނެއް] ކުރާތަނެއް ނުދެކެން. އަދި ބައްޕަގެ ފަރާތުން ފަންޑިތައިގެ އެހީތެރިކަމެއް ހޯދަން ބަޔަކުވެސް މިގެއަކަށް ނާދޭ. މިހާރުވެސް ބަލާ މިގޭ ފާސް ކުރިއަސް އެންމެ ރަނގަޅު އެކަހަލަ އެއްވެސް އެއްޗެއް ނުހުންނާނެ. ހަރުގަނޑެއްގައި ބައްޕަ ގެންގުޅޭ ދެތިން ފޮތެެއް އޮވެދާނެ"
ތިން ހާހެއްހާ މީހުން ދިރިއުޅޭ މިރަށަށް ހިޖުރަކޮށްފައިވާ އައްޔުބެގެ އާއިލާއިން މެންބަރުން ތުހުމަތު ކުރާ ގޮތުގައި އެމީހުންގެ ބައްޕަ މަރާލީ ގެމަންދޫގައި ދިރިއުޅުނުއިރު ވެސް އެ އާއިލާއާ ޒާތީ ހަސަދައެއްލައިގެން އުޅުނު މީހުންގެ ތެރެއިން ބައެކެވެ. އަދި ބުނީ މަރާ ގުޅިގެން ފުލުހުން އެ އާއިލާއިން މިހާތަނަށް އެއްވެސް މައުލޫމާތެއް ނުހޯދާ ކަމަށެވެ.
"ނަމަވެސް ބައްޕަ އުޅޭ ކޮޓަރީގެ އެއްވެސް އެއްޗެއްގައި އަތްނުލުމަށާއި ފުލުހުން އެތަނަށް ވަދެ ސާފު ކުރަންޖެހޭ މައުލޫމާތު ސާފު ކުރާނެ ކަމަށް ބުނި،"
މަރާލާނެ ކަމުގެ އިންޒާރުތަކުގެ ތެރޭގައި ހުރި ނަމަވެސް އައްޔުބެ މަރާލާފައި ވަނީ އެކަމަށް އިންތިޒާރުކޮށްގެން ހުއްޓައެއް ނޫނެވެ. މެއަށް ދަނގަނޑުޖަހައި މަރައި ވައްޓާލުމަށްފަހު ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ދީ ފަޅު ގޯތީގެ ތެރެއަށް އެއްލާލާފައި ވަނީ އޭނާގެ އާދައިގެ މަތިން ނަމާދުން ފައިބައިގެން ކާފަދަރިންނަށް ހަދިޔާ ހިފައިގެން ގެއަށް ދަނިކޮށެވެ. ރޭވެސް މަޣުރިބު ނަމާދުން ފައިބައިގެން އޭނާގެ ކާފަދަރިފުޅަށް މެޓާ ޕެކެޓެއް ގަނެގެން ބެހެއްޓީ ގެއާ ދިމާއަށެވެ. ނަމަވެސް އޭނާއަށް ރޭ ޖެހުނީ އިންޒާރުތަކުގައި ކުރަހައިދިން މަރުގެ ރޮނގު ހުރަސް ކުރާށެވެ. މެއަށް ދަގަނޑު ހަރައިލުމުން އޮހޮރުނު ލޭތަކުން މަރުގެ ރޮނގު ކުރަހާށެވެ. އެ ލޭތައް ފެންނަން އެބަހުއްޓެވެ. ކާފަ ދަރިފުޅަށް ގެންދިޔަ މެޓާޕެކެޓެއް ރޮނގުމަތީގައި އެބައޮތެވެ.