10:00


މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުން މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީއެމްއާރު ގްރޫޕާ ހަވާލުކުރެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުން ބަލައިގަންނަކަން، ވާރލްޑް ބޭންކް ގްރޫޕްގެ ބައެއްކަމުގައިވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެފްސީން ބުނެފި އެވެ.


މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުން ހަވާލުކުރާނެ އެކަށީގެންވާ ފަރާތެއް ހޯދުމަށް ވޭތުވެދިޔަ 18 މަސްދުވަހު ސަރުކާރުން ކުރި މަސައްކަތުގެ ލީޑް ޓްރާންސްއެކްޝަން އެޑްވައިޒަރަކީ އައިއެފްސީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އައިއެފްސީން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބައިނަލްއަޤްވާމީ، ދެފުށް ފެންނަ އަދި ވާދަވެރި ބީލަމެއް ކުރިއަށް ގެންދިޔުމުގައި، ދިވެހި ސަރުކާރާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓާއެކު މަސައްކަތް ކޮށްފައިވާނެ ކަމުގައި އައިއެފްސީން ބުނެފައިވެ އެވެ.


މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުރުމަށް އެކަށީގެންވާ އިންވެސްޓަރަކު ހޯދުމުގައި ދިވެހި ސަރުކާރަށް އެހީތެރިވުމަށް އައިއެފްސީން ކުރަމުންދިޔަ މަސައްކަތް މިވަނީ ނިމިފައި ކަމަށާއި ބީލަން ކާމިޔާބު ކުރިފަރާތުން އެއާޕޯޓްގެ ޢިމާރާތާއި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، ދެވޭ ޚިދުމަތުގެ ފެންވަރުގެ ރަނގަޅުކޮށް، ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ކުރިއަރުވައިދޭނެ ކަމަށް ވެސް އައިއެފްސީގެ ނޫސްބަޔާނުގައިވެ އެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ދެމެހެއްޓުމަށްޓަކައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޮޑެތި ޢުމްރާނީ ކުރިއެރުންތަކެއް ވަރަށް އަވަހަށް ބޭނުންވާ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރާ ދާއިރާ ކަމުގައިވާއިރު، އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމަށް ކުރެވިފައިވާ ޕްލޭނަކީ، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށް ކޮންމެހެން މުހިންމު މަސައްކަތެއް އައިއެފްސީގެ ނޫސްބަޔާނުގައިވެ އެވެ.


ޕްރައިވެޓް އިންވެސްޓަރުން ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ ހިންގުމުގެ ދާއިރާގެ ބައިނަލްއަޤްވާމީ ހުނަރުތަކާއި، ބެސްޓް ޕްރެކްޓިސްގެ ސަބަބުން، އެއަރޕޯޓުގެ ޙިއްސާދާރުންނާއި، އެއަރޕޯޓްގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް ކުރުމާއެކު، އެއަރޕޯޓް އެންމެ މަތީފެންވަރުގައި ހިންގޭނެ ކަމުގައިވެސް އައިއެފްސީން ބުނެފައިވެ އެވެ.


އައިއެފްސީގެ އެ ނޫސްބަޔާނުގައި، އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި އިންވެސްޓްމަންޓް ހޯދުމަށް ކުރެވުނު މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ހުޅުވާލެވިފައިވާ، އަމާނާތްތެރި، ދެފުށްފެންނަ، އަދި ވާދަވެރިގޮތެއްގައިކަން ފާހަގަކޮށްފައިވާ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެޑްވައިޒަރ އޮން އިންވެސްޓްމަންޓްސް މިފްޒާލް އަޙްމަދާ ހަވާލާދީ ރައީސް އޮފީހުން ބުނެ އެވެ.


މި މަސައްކަތް ކުރިއަށް ގެންދެވިފައިވާގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މަސައްކަތް ފެށިގެން ނިމެންދެންވެސް ކުރިއަށް ގެންދެވިފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްއަށް ޙުރުމަތްތެރިކޮށް ހިތުމާއެކުގައި ކަމަށް މިފްޒާލް ވިދާޅުވި އެވެ. އަދި މި އެއާޕޯޓްގެ ސަބަބުން ރާއްޖެ އަންނަ ފްލައިޓްތަކުގެ ޢަދަދު އިތުރުވެ، އެއާޕޯޓް ތޮއްޖެހުން ކުޑަވެ، އެއަރޕޯޓް ޗެކް އިންއަށް ހިނގާ ވަގުތު ކުޑަވެގެންދާނެ ކަމަށާއި އާ އެއާޕޯޓް ޓާމިނަލްގައި، އިތުރު ފިހާރަތަކާއި، ކެފޭއާއި ރެސްޓޯރަންޓްފަދަ ތަންތަން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިއެއާޕޯޓް ނިމިގެންދާއިރު، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްގަމު މަގުން އެއާޕޯޓަށް އާދެވޭނެ ކަމަށްވެސް މިފްޒާލް ވިދާޅުވި އެވެ.


އައިއެފްސީން މީގެ ކުރިންވަނީ ޖޯޑަންގެ ކްއީން އަލިއާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ސަޢޫދީ ޢަރަބިޔާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން ހަވާލުކުރާނެ އަމިއްލަ ފަރާތެއް ހޯދުމަށް ކުރެވުނު މަސައްކަތުގައި އެޤައުމުތަކަށް އެހީތެރިވެދީފަ އެވެ.