އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ޔަމަނުގެ އަލް ތިލާލާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ވިކްޓަރީން ގެންނަން މަސައްކަތް ކުރި ޑެންމާކުގެ ޑިފެންޑަރު ގެނައުމުގެ މަސައްކަތް އެކުލަބުން ހުއްޓާލައިފި އެވެ.

ކޯޗް އަލީ ސުޒޭން ބުނީ، އޭއެފްސީ ކަޕަށް ވިކްޓަރީން ގެންނަން މަސައްކަތްކުރި ޑެންމާކްގެ ޑިފެންޑަރު ގެނައުން ހުއްޓާލައި އެކަން މިހާރު ހަނދާން ނައްތާލާފައި ވާކަމަށެވެ. އަދި ވިކްޓަރީގެ މެނޭޖްމަންޓަށް ބިދޭސީ ފޯވަޑުން ހޯދުމަށް އެދިފައިވާއިރު އެމަސައްކަތް ބޭރުގެ އެޖެންޓުންނާ ގުޅިގެން ވިކްޓަރީން ކުރަމުން އަންނަ ކަމަށް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ޓީމްގެ ފަރިތަކުރުންތައް މާދަމާ ހަވީރު ފަށަނީ މި މަހު ފަހުކޮޅު އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމާއެކުގައި އަދި ކުރިއަށް އޮތް އޭއެފްސީ ކަޕަށް ވެސް ތައްޔާރުވުމާއި އެކުގައި ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ޔަމަނުގެ އަލް ތިލާލާ ދެކޮޅަށް ވިކްޓަރީ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. އެމެޗުން ވިކްޓަރީ މޮޅުވެއްޖެ ނަމަ ގުރޫޕް ސްޓޭޖުގައި ވިކްޓަރީ ވެސް ވާދަކުރަންޖެހޭނެ އެވެ. އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެގޮތުން ގުރޫޕް ސީގައި ދިވެހި ލީގުގެ ޗެމްޕިއަން ވީބީ ސްޕޯޓްސް ކުޅެންޖެހޭ ފުރަތަމަ މެޗުގައި މާޗް އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ލުބުނާނުގެ އަލް އަހްދާ ދެކޮޅަށެވެ.