ކޮވިޑް-19އާ ހުރެ ދިމާވެފައިވާ ފުރަބަންދާއި އެހެނިހެން އުނދަގޫތަކުން ރެކެން މުއްސަނދިން އެހެން ގައުމުތަކުގެ ރައްޔިތުކަން ހޯދަމުން އެބަދެ އެވެ.

އެހެނިގެން ގައުމުތަކުގައި ސިއްހީ ހިދުމަތްތައް ރަނގަޅުވުމާއި އެއްތަނުން އަނެއް ތަނަށް ގޮސްއުޅުމުގެ މިނިވަންކަން ބޮޑުނަމަ އެތަނަކަށް ގިނަ އަދަދެއްގެ މުއްސަނދިންގެ ލޯ ދަނީ އަމާޒުވަމުންނެވެެ.

އެގޮތުން މޯލްޓާ އަދި ސައިޕްރަސް ފަދަ ގައުމުތަކަށް މުއްސަނދިން ލޯ އަޅާ މިންވަރު 145 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގައުމުތަކުގެ ރައްޔިތުކަން ލިބުމުން މުޅި ޔޫރަޕިއަން ޔޫނިއަންގައި ފަސޭހައިން ދަތުރުކުރުމުގެ ފުރުސަތު ފަހިވެ އެެވެ.

އޮަސްޓްރޭލިއާ އަދި ނިއުޒީލެންޑް ފަދަ ގައުމުތައް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެހެން ގައުމުތަކަށްވުރެ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމާ ގުޅިގެން އެގައުމުތަކަށް ދާން ބޭނުންވާ މީހުންވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

ނިއުޒީލެންޑް ފަދަ ގައުމުތަކުގައި ހަދާފައިވާ "ޑޫމްސްޑޭ ބަންކަރު" ތަކަށް މުއްސަނދިންގެ ޑިމާންޑް ވަރަށް ބޮޑަށް އެބައޮތެވެ.

އެކަކާއި 6.5 މިލިއަން ޑޮލަރުގެ މަގުން އިންވެސްޓުކުރުމުން އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް ފަދަ ގައުމުތަކުން ރެސިޑެންޓް ވިސާ ލިބެ އެވެ.

އޭގެ އިތުރުން ކޮވިޑްގެ އިތުރު ވަރުގަދަ ރާޅެއް އަތުވެދާނެކަމުގެ ބިރަށްވެސް އެހެން ގައުމުތަކުން ރައްކާތެރިކަން ހޯދަން ބޭނުންވެ އެވެ. އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލުން ނެއްޓިފައިވާއިރު ކުދި ގައުމުތަކުގައި އެ ބަލި ދަނީ މެނޭޖްކުރަމުންނެވެ.

އެންޓިގުއާ އަދި ބާބެޑޮސް ފަދަ ކެރީބިއަން ގައުމުތަކުގެ ސަރުކާރަށް ލައްކައެއްހާ ޑޮލަރު ދީފިނަމަ މިހާރުވެސް ހަ މަސްތެރޭ އައިލާއެއްގެ ހަތަރު މެމްބަރުންނަށް ޕާސްޕޯޓް ލިބެ އެވެ. އެ ޕާސްޕޯޓްތަކުން ގިނަ އަދަދެއްގެ ގައުމުތަކަށް ދަތުރުވެސް ކުރެވެ އެވެ. --ސީއެންއެން