09 Aug 2020, 15:40
ސައުދީން ޕާކިސްތާނަށް ތެޔޮ ބޭރުކުރަން މަޑު ޖައްސާލައިފި އެވެ.
ދޭހާސް އަށާރަ ވަނަ އަހަރު ސައުދީއާއި ޕާކިސްތާނާ ދެމެދު ހެދި ތެޔޮ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 3.2 ބިލިއަން ޑޮލަރުގެ ތެޔޮ ޕާކިސްތާނަށް ފޯރުކޮށްދޭން ނިންމި އެވެ.
ނަމަވެސް މިދިޔަ މޭ މަހު އެ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ސައުދީން ވަނީ ފަހުން ފައިސާ ދައްކާ ގޮތަށް ތެޔޮ ވިއްކުން މަޑުޖައްސާލައިފަ އެވެ.
އެއްބަސްވުން ހަމަވުމުން ޕާކިސްތާނުން މިހާރު ވަނީ އެ ތެޔޮ ފެސިލިޓީގެ އެގްރިމަންޓްގެ މުއްދަތު އިތުރުކުރަން ސައުދީއަށް ހުށަހަޅައިފަ އެވެ.
ޕާކިސްތާނުން ސައުދީން ނެގި ލޯނުގެ ތެރެއިން އެއް ބިލިއަން ޑޮލަރު ވަނީ ދައްކައި ނިންމައިފަ އެވެ. އެ އަދަދަށް ލޯނު ދެއްކީ ލޯނު ދައްކަން ޖެހޭ މުއްދަތުގެ ހަތަރު މަސް ކުރިންނެވެ. އެ ލޯން ދައްކާފައި ވަނީ ޗައިނާއިން ލޯނެއް ނަގައިގެންނެވެ.
ފަހަކަށް އައިސް ޕާކިސްތާނުގެ ދަރަނި ވަނީ ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް ސައުދީ، ޔޫއޭއީ އަދި ޗައިނާގެ ލޯންތަކާ އެހީތެރިކަމާ އެކު ދަރަނި މެނޭޖްކުރުމުގައި ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ ލިބިފަ އެވެ.
ސައުދީން ތެޔޮ ބޭރުކުރުން މަޑުޖައްސާލިއިރު ކަޝްމީރުގެ މައްސަލާގައި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ)ން ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ނުކުރާތީ އެ ޖަމިއްޔާއިން ވަކިވާން ޖެހިދާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އޯއައިސީގެ މަރުކަޒު ހުންނަނީ ސައުދީގަ އެވެ. އަދި އެ ޖަމިއްޔާއަށް ސައުދީގެ ނުފޫޒު އޮންނަކަމަށް ވެސް އިސްލާމީ ބައެއް ގައުމުތަކުން ބުނެއެވެ. --ހިންދުސްތާން ޓައިމްސް، އެކްސްޕްރެސް ޓްރިބިއުން--