އދ. މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ މާލެ ގެނައި އުމުރުން ދުވަސްވީ މީހެއްގެ ފުރަތަމަ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށު ކައުންސިލުން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ އުމުރުން 80 އަހަރަށްވުރެ މަތީގެ މީހެއް ކަމަށެވެ.

އަދި އޭނާ އޭޑީކޭ އަށް ގެންދިއުމުން ކޮވިޑް19 އަށް ޓެސްޓް ހަދައި، ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މަހިބަދޫއިން ގެންދިޔަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މި ކޭސްއާ ގުޅިގެން ހެލްތު މިނިސްޓްރީން "ސަން" އަށް ބުނީ، މިހާތަނަށް މަހިބަދޫގައި ހޯމް ކަރަންޓީނުވި އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި، އެހެންކަމުން އެމީހާގެ އިތުރު ސާމްޕަލް އެއް ނަގައި ދެވަނަ ޓެސްޓު ހެދުމަށް ފޮނުވާފައިވާ ކަމަށެވެ.

ހޯމް ކަރަންޓީންވި މީހަކު ޕޮޒިޓިވް ނުވި ނަމަވެސް، ވައިރަސް ހުރި މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެހެންކަމުން އިތުރު ޓެސްޓެއް ހަދައި ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަޑުކޮށްގެން މި ތިބީ ޓެސްޓުގެ ނަތީޖާއަށް،" އޮފިޝަލް ވިދާޅުވި އެވެ.

ރަށު ކައުންސިލުން ބުނެފައި ވަނީ މި ކޭސްއާ ގުޅިގެން ވަކި ގޮތަކަށް އަމަލުކުރަން ރަށު ކައުންސިލަށް އަދި ހޮސްޕިޓަލަށް ވެސް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

ސްކޫލް ބަންދުކުރުން ފިޔަވައި ރަށުގެ އާންމު ހާލަތު ކުރިޔެކޭވެސް އެއްގޮތް ކަމަށާއި ފިހާރަތަކާއި ހޮޓާތައް ހުޅުވައި ހިދުމަތްދެމުން އަންނަ އިރު ކުޅިވަރުކުޅޭ ދަނޑުތަކާއި، އޮފީސްތަކު މަސައްކަތްވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އަދި މަހިބަދޫއަށް އެހެން ރަށްރަށުން މީހުން އައުމާއި، ރަށުން ފުރައިގެން ދިޔުމުގައި އެއްވެސް ހިފެހެއްޓުމެއް އަދި ނެތީ އެޗްޕީއޭ އިން ވަކި ގޮތަކަށް އަމަލުކުރަން ނާންގާތީކަމަށް ކައުންސިލުން ބުނެ އެވެ.

މިކޭސް ޕޮޒިޓިވްވުމާ ގުޅިގެން ސަމާލުކަމަށް އެއްވެސް ކަމެއް ކުރުމަށް ރަށުކައުންސިލުން ރައްޔިތުންނަށް އަންގާފައި ނުވެއެވެ. ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރުމަށް އެޗްޕީއޭ އަށް ގުޅުމުން އިތުރު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.