09 Jan 2012, 15:51
ވޮޝިންގޓަން : ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ޢަސްކަރީގޮތުން އީރާނަށް ކުރެވިދާނެ ކަމެއް ކަމަށް ފުރަތަމަ ފަހަރަށް އެމެރިކާ އެއްބަސްވެއްޖެވެ.
އެމެރިކާގެ ސިފައިންގެ ލަޝްކަރުތަކުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާރޓިން ޑިމްޕްސީ އިއްޔެ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ބޭނުންވާ ޢަސްކަރީ ޒަމާނީ ވަސީލަތްތައް އީރާނުން ތަރައްޤީކޮށްފައިވާ ކަމަށާއި އެވަސީލަތްތައް އީރާނުގެ އަތުގައި އެބަހުރި ކަމުގައެވެ.
ނަމަވެސް އެކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ކުރިމަތިލުމެއް އުފެދިއްޖެނަމަ އީރާން ބަލިކޮށް އަލުން އެކަނޑުއޮޅި ހުޅުވުމުގެ ޤާބިލްކަން އެމެރިކާއަށް ލިބިފައިވާ ކަމަށާއި ކޮންމެ ގޮތެއްގައިވެސް ގަދަވާނީ އެމެރިކާ ކަމަށް ޖެނެރަލް ޑިމްޕްސީ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ އެމެރިކާއިން އެކަނޑިއޮޅި އަލުން ހުޅުވާނެ ކަމަށްވެސް ޖެނެރަލް ޑިމްޕްސީ ވިދާޅުވިއެވެ.
ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާނުން ބަލިކުރުމުގައިވެސް އެމެރިކާ ނާކާމިޔާބުވެފައިވާތީ ކިތަންމެ ޒަމާނީ ހަތިޔާރާއި ޢަސްކަރީ ޓެކްނޮލޮޖީ އެމެރިކާއަށް ލިބިފައިވީނަމަވެސް އެމެރިކާގެ ޢަސްކަރީ ކާމިޔާބާމެދު ބައެއް މުޙައްލިލުން ސުވާލު އުފައްދައެވެ.
ޑިމްޕްސީ މިމޭރުމުން ވާހަކަ ދައްކަވާފައިވަނިކޮށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނެޓާ ރޭގައިވަނީ އިރާނުގެ ކަނޑުގެ ސަރަޙައްދާ ގުޅިފައިވާ ހުރަމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ރަތްރޮނގު ކަމަށް ވިދާޅުވެ އެކަނޑިއޮޅި ބަންދުނުކުރުމަށް އީރާނަށް އިންޒާރު ކުރައްވާފައެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބެނެޓާ ވިދާޅުވީ ހުރްމުޒް ކަނޑިއޮޅި ބަންދުކޮށްފިނަމަ އެމެރިކާ މަޑުން ނޯންނާނެ ކަމަށާއި އެކަމާ ދެކޮޅަށް އެމެރިކާ ރައްދުވެސް ދޭނެކަމުގައެވެ. މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބެނެޓާވަނީ ނިއުކްލިޔަރ ހަތިޔާރު ނުހެދުމަށްވެސް އީރާނަށް އިންޒާރު ކުރައްވާފައެވެ.
އީރާނުން މަސައްކަތްކުރަނީ ނިއުކްލިޔަރ ބޮމެއް ހެދުމަށް ކަމަށް ވިދާޅުވެ އެފުރްސަތު އީރާނަށް ނުދޭނެ ކަމަށާއި އީރާނުން ނިއުކްލިޔަރ ބޮން ހެދުމަކީ އެމެރިކާގެ އަނެއް ރަތްރޮނގު ހުރަސްކުރުން ކަމަށްވެސް އެމެރިކާގެ ދިފާޢީ ވަޒީރު ސިފަކުރެއްވިއެވެ. -- ނޫސްއެޖެންސީތައް