ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއެކު ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިދިޔަ ހަފްތާ އާންމު ކުރި ސާކިޔުލާއެއްގައި ބުނެފައިވަނީ ވަކި ގޮތެއް އަންގަންދެން ދިވެހިންނަށް ޓޫރިސްޓު ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރުމާއި، އެތަންތަން ބޭނުންކުރުން މަނާވާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ވަނީ ބޯޑަރު އަލުން ހުޅުވާލައިފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެންޖެހޭނީ އެމީހަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި ކަމަށާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެ ކަމަށެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކަކީ ކޮވިޑް ސޭފް ޕްލޭނެއް އެކުލަވާލާފައިވާ ރިސޯޓަކަށް ވާންޖެހެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮވިޑް-19 ޕްރޮޓޮކޯލްސް އަށް ޓްރެއިން ކުރެވިފައި ތިބެންވާނެ ބައެއް ކަމަށާއި، ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިން މުވައްޒަފުންނަށް ދެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެ އެވެ. މީގެ އިތުރުން ރިސޯޓާ ކައިރި ރަށްރަށުގެ މުވައްޒަފުން ވެސް ޑިޔުޓީ ނިންމައި، ކޮންމެ ދުވަހަކު ރަށަށް ނުދެވޭނެކަމަށް ވެސް ގައިޑްލައިންގައި ބުނެ އެވެ.

މީގެ އިތުރުން ސަފާރީތަކުގައި އެކި ރިސޯޓުތަކުން ޓޫރިސްޓުން ނަގައިގެން ނުގެންގުޅެވޭނެ ކަމަށާއި، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހައްދައިގެން އަންނަ ފަތުރުވެރިންނަށް އެކަނިކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް 67 ރިސޯޓަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވާއިރު އަށް ރިސޯޓަކުން ހަ ފަތުރުވެރިންނާއި ނުވަ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.