ތަރްތޫސް (ޖަނަވަރީ 9) : މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އުފުލާ މަނަވަރާއި ސަބްމެރިންއާއި އެނޫން ކަނޑުގެ ވަރަށްގިނަ މަނަވަރުތަކަކާއެކު ރަޝިޔާގެ ކަނޑުގެ ބޮޑު ފްލީޓެއް ސޫރިޔާގެ ތަރްތޫސް ގައި ބަނދަރުކޮށްފިއެވެ.

ރަޝިޔާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ޔަކޮޝިން ވްލަޑިމޭރު ވިދާޅުވީ މިއީ ދެޤައުމުގެ ގުޅުންތައް ބަދަހިކުރުމަށާއި ރަޝިޔާއޮތީ ސޫރިޔާއާއެކުގައިކަން ހާމަކުރުމުގެ ގޮތުން ސޫރިޔާއަށް ކުރި ދަތުރެއްކަމުގައެވެ. ނަމަވެސް މިދަތުރުގައި ބައިވެރިވާ ބައެއް މަނަވަރުތަކަށް ސޫރިޔާގެ ތަރްތޫސްގައި ޤާއިމްކޮށްފައިވާ ރަޝިޔާގެ ކަނޑުގެ ޢަސްކަރީ މަރުކަޒުން ސާރވިސްކޮށްދީ މަރާމާތުގެ ބައެއް ޚިދްމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވްލަޑިމޭރު ވިދާޅުވިއެވެ.

ރަޝިޔާގެ ކަނޑުގެ ފްލީޓެއް ސޫރިޔާގައި ބަނދަރުކޮށްފައިމިވަނީ ސޫރިޔާ ސަރުކާރު ވައްޓާލުމަށްޓަކައި އެޤައުމުގެ އެތެރޭގައި ގަނޑުބަޑުތަކެއް ހިނގަމުންދާތާ 10 ވަރަކަށް މަސްވެފައިވަނިކޮށެވެ. މިގަޑުބަޑުތަކުގެ ފަހަތުގައިވާ ކަމަށް ސޫރިޔާ ސަރުކާރުން ތުހުމަތުކުރަނީ އެމެރިކާއާއި އިސްރާއީލާއި ހުޅަނގުގެ ބައެއް ފަރާތްތަކެވެ.

ސޫރިޔާގައި މިހާރު ބޮންގޮއްވުމުގެ ޢަމަލުތަކެއްވެސް ހިންގަމުން ގެންދެއެވެ. މިކަމުގެ ފަހަތުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކާގުޅިގެން އަލްޤާޢިދާ ޙަރަކާތްތެރިވާ ކަމަށް ސޫރިޔާ ސަރުކާރުން ބުނާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންނަށް ބިރުދައްކައި ޙަޤީޤަތް އޮޅުވާލުމަށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކެއް ކަމުގައެވެ.

ރަޝިޔާވަނީ ބޭރުގެ އެއްވެސް ފަރާތެއް ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވަނުމާ ދެކޮޅުހަދާކަން ހާމަކޮށްފައެވެ. ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ކޮންމެ ޤަރާރެއް ރަޝިޔާވަނީ ހުއްޓުވާފައެވެ. މިގޮތުން ސޫރިޔާ ސަރުކާރުގެ ދިފާޢުގައި ރަޝިޔާވަނީ އެމެރިކާއާއި ޔޫރަޕްގެ ޤަރާރަކާ ދެކޮޅަށް ވީޓޯގެ ބޭނުންކޮށް އެޤަރާރު މިދިޔަ އަހަރު ސަލާމަތީ މަޖިލީހުގައި ފެންކޮށްލާފައެވެ.

ސޫރިޔާއަކީ މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލާދެކޮޅަށް ޙަރަކާތްތެރިވާ އީރާނުގެ ވަރަށް ބޮޑު ބައިވެރިއެކެވެ. މެދުއިރުމަތީގައި ހިންގަމުންގެންދާ ބާރާއި ނުފޫޒުގެ އެއްކޮޅުގައި އެމެރިކާއާއި އިސްރާއީލު އޮންނައިރު މިދެޤައުމާދެކޮޅަށް ފަލަސްތީނުގެ ޙައްޤުތަކަށް ފާޅުގައި ވަކާލާތުކުރަމުން ގެންދާ މައިގަނޑު ޤައުމަކީ އީރާނެވެ.

ރަޝިޔާގެ ކަނޑުގެ ފްލީޓް ސޫރިޔާގައި ބަނދަރުކުރީ ހުރުމުޒް ކަނޑުއޮޅީގެ މައްސަލާގައި އެމެރިކާއާއި އީރާނާ ދެމެދު ބަހުގެ ހޫނުޙަމަލާތަކެއް ބަދަލުކުރަމުން ގެންދާ ދުވަސްވަރެއްގައެވެ. މިދުވަސްވަރަކީ ރަޝިޔާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާ ދުވަސްވަރު ކަމަށްވެފައި އެމެރިކާދެކޮޅަށް މަސައްކަތްކުރުމަކީ ރަޝިޔާގެ ރިޔާސީ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ތާއީދު އިތުރުވާނެ ކަމަކަށްވާތީ މެދުއިރުމަތީގައިވާ އެމެރިކާގެ ހަތުރުން ކަމަށްވާ ސޫރިޔާއާއި އީރާނާ ދެކޮޅަށް އެމެރިކާ ރާވާރޭވުންތައް ރަޝިޔާ ވަރަށްގާތުން ބަލަމުން ގެންދާނެކަމަށް ބައިނަލްއަޤްވާމީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޚާއްސަކޮށް ލީބިޔާ ގެ މަސްރަޙަށް ހުޅަނގުން އަތްގަދަކުރާކަމުގެ އިޙްސާސް ރަޝިޔާ ކުރަމުން ގެންދާތީ ސޫރިޔާއާއި އީރާނުގެ މައްސަލާގައި ރަޝިޔާ އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށާއި ރަޝިޔާގެ ރިޔާސީ ރޭހަށް ވާދަކުރައްވާ އެޤައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން، މިކަމުގެ ސިޔާސީ ފައިދާ ވަރަށް ބޮޑަށް ނަންގަވާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. -- ނޫސްއެޖެންސީތައް