މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަހްމަދު އަދުހަމް އައްޔަނު ކޮށްފި އެވެ.

އަދުހަމް އަކީ ވެރިކަން ކުރާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސެވެ. އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް އަދުހަމް ވާދަކުރެއްވިއެވެ. ނަމަވެސް އޭނާއަށް ޕާޓީގެ ޓިކެޓެއް ނުލިބެއެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދުހަމް ވަނީ ޖަލަށް ވެސް ލާފަ އެވެ. އެއީ އޭރުގެ އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި ބޭއްވި އެއްވުމަކުންނެވެ. ނަމަވެސް ދައުވާއެއް އުފުލައި ހުކުމް އިއްވާފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭރު އަދުހަމް ހައްޔަރު ކޮށްފައިވަނިކޮށް އޭނާ ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ވެސް ކޮށްފަ އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ސަބްސިޑަރީ ކުންފުންޏަކެވެ. އެ ބަދަލުގެނެސްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.