ފީފާ ބެލޮންޑޯ ގެ ގިނަ އެވޯޑުތަކެއް އެންމެ ފަހުން އެ އެވޯޑު ހާސިލުކުރި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށް ހޮލެންޑުގެ ކުރީގެ ތަރި ޔޯހާން ކްރައިފް ބުނެފި އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނިފައި ވެއެވެ. މި އެވޯޑަށް ވާދަކުރާ އަނެއް ދެކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސާގެ ސްޕެއިން މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އެވެ.

"މެސީ ވަނީ މީގެ ކުރިން ވެސް ބެލޮންޑޭ އެވޯޑު ޖެހިޖެހިގެން ދެފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެއް. އަދި ތާރީހުގައި އެންމެ ގިނަ ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރި ކުޅުންތެރިއަކަށް އޭނާ ވާނެ. މިހާރު އެކުޅޭ ކުޅުމުން އޭނާ އަށް އަދި ފަހެއް، ހައެއް ނުވަތަ ހަތް ބެލޮންޑޯ އެވޯޑު ވެސް ލިބިދާނެ." މެސީ ބުންޏެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި އޮންނަ ފީފާ އެވޯޑު ނައިޓްގެ ރަސްމިއްޔާތު މިރޭ ކުރިއަށްދާ ގޮތަށް ހަމަޖެހިފައި ވެއެވެ. މި ރަސްމިއްޔާތުގައި ފީފާ ބެލޮންޑޯ އާއި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކޯޗު ވެސް ހޮވާނެ އެވެ.