ނަޕޯލީގެ ސްލޮވާކިއާ ޑިފެންޑަރު މަރެކް ހަމްސިކް، ބާސެލޯނާ، ޗެލްސީ ނުވަތަ ރެއާލް މެޑްރިޑަށް ބަދަލުވުމުން މަރުހަބާ ކިޔާނެ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ހަމްސިކް ވެފައިވަނީ ނަޕޯލީގެ ތަރިންތަކުގެ ތެރެއިން މުހިންމު ކުޅުންތެރިއަކަށެވެ. މިދިޔަ ސީޒަނާއި މި ސީޒަނުގައި ނަޕޯލީގެ ކާމިޔާބީތަކުގެ ފަހަތުގައި ހަމްސިކް ހިއްސާ ބޮޑެވެ. ނަޕޯލީ އިން ދަނީ ހަމްސިކްގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުން ނެވެ.

"'ހަމްސިކް ހޯދުމަށް ބާސާ، ޗެލްސީ ނުވަތަ ރެއާލް އިން ނަޕޯލީ އަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ ކުލަބުން އެހުށަހެޅުންތައް ގަބޫލުކުރުން ވަރަށް ގާތް." ހަމްސިކްގެ އެޖެންޓް ބުންޏެވެ.

ނަޕޯލީ ދޫކޮށް ދާން ބޭނުން ނުވާކަމުގައި މިދިޔަ ހަފްތާގައި ހަމްސިކް ބުނެފައި ވެއެވެ. "ނަޕޯލީގައި އަހަރެން މިހިރީ އުފަލާއެކު. ކޮންމެ ކުޅުންތެރިއެއް ވެސް ކުޅޭނީ ކާމިޔާބީ ހޯދަން. އަހަރެންނަށް އަދި އެއްވެސް ކާމިޔާބީ އެއް ނުލިބޭ. އެކަމާއި މެދު އަހަރެން ހިތާމަކުރަން. ނަމަވެސް ކުލަބުން އެމަސައްކަތް ކުރަނީ ކާމިޔާބީތަކެއް ހޯދަން." ހަމްސިކް ބުންޏެވެ.

ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް ކޮލިފައިވެފައިވާ ނަޕޯލީ އަށް ދެވަނަ ބުރުގައި ވެސް ކުޅެން ޖެހުނީ ވަރުގަދަ ޓީމަކާއެވެ. ޗެލްސީ އާއި ދެކޮޅަށް ދެވަނަ ބުރުގައި ނަޕޯލީ ނުކުންނަ އިރު، އެކުލަބުގެ ތަރިން ހިފެހެއްޓުމަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.