08 Aug 2020, 18:19
ހުސްވި ޖުލައި މަހު ކުރި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކުރި ހުކުމްތައް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެކި މައްސަލަތަކުގައި ޖުމުލަ 34 މީހަކު ވަނީ ޖަލަށް ލާފަ އެވެ. އޭގެ ތެރެއިން ހުކުމްކޮށްގެން ޖަލަށް ލީ މީހުންގެ އަދަދަކީ 16 އެވެ. އަދި ބާކީ 18 މީހުންނަކީ ރިމާންޑު ބަންދުކުރި މީހުންނެވެ.
އޭގެ ތެރެއިން ގިނަ މީހުންނަށް ހުކުމް ކޮށްފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގަ އެވެ. އަދި ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. މީގެ އިތުރުން މަކަރާއި ހީލަތް، ކޮރަޕްޝަނުގެ މައްސަލަތަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކާއި މާރާމާރީއާއި ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގައި ހުކުމްކުރި މީހުން ވެސް ހިމެނެ އެވެ.
ޖަލުގައި ގެންގުޅުން މަނާތަކެތި އަތުލައިގަތުމަށް ކަރެކްޝަންސްއިން ހިންގި އޮޕަރޭޝަންތަކުގައި މިދިޔަ މަހު ގިނަ އަދަދެއްގެ ތަކެތި ވަނީ އަތުލައިގެންފަ އެވެ. އެއީ؛
މާފުށީ ޖަލު: 21 ފޯނު، 14 ފޯނު ޗާޖަރު، 34 ސިމް ކާޑު، އެއް ހެޑްސެޓު، 20 ކޮންޓްރާބޭންޑް، 229.18 ގުރާމުގެ މަސްތުވާތަކެތި
- މާލެ ޖަލު: 13 ފޯނު، ހަތަރު ސިމް ކާޑު، ދެ ހެޑްސެޓު، އަށް ފޯނު ބެޓަރި، ތިން ކޮންޓްރާބޭންޑް
- އައްސޭރި ޖަލު: 10 ފޯނު، ފަސް ފޯނު ޗާޖަރު
ސިއްހީ ހިދުމަތްތަކަށް ބަލާއިރު، ޖެނެރަލް ކޮންސަލްޓޭޝަނަށް އެދުނު 890 މީހުންނަށް އެ ހިދުމަތް ހޯދައިދީފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ. އަދި ސްޕެޝަލިސްޓު ކޮންސަލްޓޭޝަނަށް 60 މީހުން ވަނީ އެދިފަ އެވެ. ނަމަވެސް އެ ހިދުމަތް ދެވުނީ ހަތަރު މީހަކަށެވެ. މިއީ ޖެނުއަރީއިން ފެށިގެން ޖުލައިގެ ނިޔަލަށް އެ ހިދުމަތަށް އެދިފައި ތިބި މީހުންނެވެ.