08 Aug 2020, 18:06
ހުވަދުއަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ގްރީންވާޑް، ޝުއާއު ޝަރީފް،32، ކަމަށެވެ.
އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެވެ. އޭނާ ހައްޔަރުކޮށްފައި ޖެހިގެން އައި ދުވަހު އެވެ. ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
ނަމަވެސް އެ އަމުރު މުރާޖައާ ކުރަން ފުލުހުން ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.