09 Jan 2012, 15:33
ޓޮޓެންހަމް ހޮޓްސްޕާއަށް ސަންޓޯސްގެ ބްރެޒިލް މިޑްފީލްޑަރު ގަންސޯ ގެންދަން އުޅޭ ވާހަކަ ދޮގުކޮށް، ގަންސޯ އަކީ ކާކުކަން ނޭނގޭ ކަމަށް ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.
ސަންޓޯސް ދޫކޮށް ދާން ބޭނުންނަމަ އެކަމަށް އެކްލަބުން ހުރަސް ނާޅާނެ ކަމަށް އެކްލަބުގެ ރައީސް ލުއިސް ރިބޭރޯ މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. ކްލަބުތަކާއެކު ވާހަކަ ދެއްކުމަށް ގަންސޯގެ އެޖެންޓް ލަންޑަނަށް އައިސްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނަމުން ދެއެވެ.
"ގަންސޯ؟ އެއީ ކާކު؟ އަހަރެން ދުވަހަކު ވެސް އެނަން ކިޔާ ކުޅުންތެރިއެއްގެ ވާހަކައެއް ނާހަން. އަހަންނަކަށް އެއީ ކާކުކަމެއް ނޭނގޭ. އެއީ ކޮން ކްލަބަކަށް ކުޅޭ ކުޅުންތެރިއެއް؟ ކޮން މަގާމަކަށް އޭނާ ކުޅެނީ؟ އަހަރެންނަކަށް ނޭނގޭ. ބްރެޒިލްގެ އެހެން ކުޅުންތެރިއެއް ކްލަބަކަށް ގެންނާކަށް ނޫޅެން. މިހާރު ކްލަބުގައި ބްރެޒިލް ކުޅުންތެރިއަކަށް ހުންނާނީ ހަމައެކަނި ސަންޑްރޯ." ޓޮޓެންހަމް ކޯޗު ރެޑްނެޕް ބުންޏެވެ.
ގަންސޯ ގެ އިތުރުން ބޮލްޓަންގެ ޑިފެންޑަރު ގޭރީ ކަހިލް ވެސް ޓޮޓެންހަމް އަށް ގެންނަން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެކުލަބުން ބޭނުންވަނީ ދުވަހަކަށް ވުރެ ދުވަހެއް ކުޅުން ރަނގަޅު ކުރެވޭނެ ވަރުގެ ކުޅުންތެރިއެއް ކަމަށް ރެޑްނެޕް ބުނެފައި ވެއެވެ.