08 Aug 2020, 15:20
ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު މަޑުމަޑުން ފެއިލްވަމުންދާ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޮތީ ނިންމައިފަ އެވެ. މައްސަލަ ދިރާސާ ކުރުމަށްޓަކައި ބައެއް ޑޮކްޓަރުންނާއި އެޗްޕީއޭ އަދި އެޗްއީއޯސީގެ ފަރާތްތަކާއި، ވޭތުވެދިޔަ 50 އަހަރު ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން އެ ނޫންވެސް ފަރާތްތަކާ ބައްދަލުކުރަންވެސް ވަނީ ނިންމާފަ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމައީ ކޮމިޓީއަށް ވަޑައިގަތީ ޑރ. ހުސެއިން މާހިރު، ޑރ. އިސްހާގު ޝަފީގު، ޑރ. ޝާފިއީ އަބްދުލްމުނިމް، ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އަދި ހަފީޒާ އަލީ އެވެ. އެ ބޭފުޅުންނަކީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނެވެ.
ކޮމެޓީ ބައްދަލުވުގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްވީ ޑރ. އިސްހާގެވެ. އޭނާ ވިދާޅުވީ މިވަގުތު ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. މި ސަރުކާރުން ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަމަށް ހީފުޅު ކުރެއްވުނު ނަމަވެސް، މިހާރު ފެންނަނީ ފަހަތަށް ފިޔަވަޅު އެޅެމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕަބްލިކް ހެލްތުގެ ނިޒާމު ދަނީ ފެއިލްވަމުން"
އެ ބޭފުޅުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުންތައް ފާޅުކުރެއްވީ ހަފީޒާ އެވެ. އާންމު ސިއްހަތުގެ ނިޒާމު އޮތް ހާލަތާ މެދު ވާހަކަ ދައްކަވަމުން ހަފީޒާ ވިދާޅުވީ އެ ނިޒާމު މަޑުމަޑުން ފެއިލްވަމުންދާ ކަމަށެވެ. ވެކްސިން ދެވޭ ރޭޓު ދަށްވުމާއި، ބަނޑުގައި އޮންނަ ދަރިފުޅު މަރުވުން ފަދަ މައްސަލަތައް އޭނާ ފާހަގަކުރެއްވި އެވެ.
"ޕަބލިކް ހެލްތު ނިޒާމު މަޑުމަޑުން ފެއިލްވަމުން ދާތަން ފެންނަނީ. މައިންނާއި ޅަ ދަރިންގެ ސިއްހީ ނިޒާމު ފުރިހަމައައަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ. ހެލްތު ސާވިސަސްއާއި ޕަބްލިކް ހެލްތު ނިޒާމުގެ ގުޅުން ކުޑަވެ، މިނިސްޓްރީގެ ކޯޑިނޭޝަން ގެއްލިފައި އޮތީ،"
މިހާރު ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ދިނުމުގައި ސިއްހީ ނިޒާމު ވަރަށް ބޮޑަށް ފަރުވާ ކުޑަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޓެސްޓުތައް ހެދޭނެ ގޮތާއި ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަނިވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެން ބަލި ބަލީގެ މީހުން ތިބީ ގޭގައި ތާށިވެފައި. އެ މީހުން މަރުވިޔަސް ހެޔޮ،" ހަފީޒާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ކޮވިޑް-19ގެ ޓެސްޓު ހަދަން އަންނާނަމޭ ބުނެފައި އެޗްޕީއޭއިން އައުން ލަސްވާ ކަމުގެ ޝަކުވާއާއި، ކަރަންޓީނު ކުރަން އައުމުގައި ލަސްވުމުގެ ޝަކުވާ ފަދަ ކަންކަން ވަރަށް ގިނަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19 ކޮންޓްރޯލު ކުރަން، ކުރަން ޖެހޭ މަސައްކަތްތަކާ މެދު އިހުމާލުވާ ތަން ފެނުން. ވަރަށް ބޮޑަށް އާންމުންގެ ޝަކުވާތައް މިކަމުގައި ލިބޭ. ޓެސްޓުތައް ހަދަން އަންނާނަމޭ ބުނެފައި ނައޭ، ފެސިލިޓީއަށް ގެންދަން އަންނާނަމޭ ބުނެފައި ނައޭ،" ހަފީޒާ ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގައި ހުރި ވޯޑުތައް ފަދަ ތަންތަން ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހާއްސަކަން ދިނުމުން އެތަންތަނުގައުި ދެމުން އައި ހިދުމަތް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ހުޅުދޫމީދޫގައި ހުރި ސިއްހީ މަރުކަޒަކީ ޕްރީމެޓާނިޓީ ޕޯސްޓް މެޓާނިޓީ ވޯޑްތަކާ އެކީގައި ވަރަށް ރަނގަޅަށް ވިހެއުމާ ގުޅިގެން ދެވޭ ހިދުމަތްތައް ދެވެން ހުރި ތަނެއް. އެކަމަކު އެތާ ހުރި ހުރިހާ ވޯޑުތައް ކޮވިޑްގެ ފެސިލިޓީތަކުގެ ގޮތުގައި ބަދަލުކޮށްފައި ނަރުހުން ބޭނުންކުރާ ތަނެއްގެ ގޮތުގައި ނޫނީ ފެންވަރާ ތަނެއްގެ ގޮތުގައި ހަދާފައި ހުރީ. މިހާރު އެއިން ތަނަކުން އެއްވެސް ހިދުމަތެއް ނުލިބޭ. މިހާރު ވިހަން އައީމަ ބުނަނީ ކަލޭމެން ގެއަށް ދާށޭ. ވިހެއުމުގެ ކުރިންވެސް އައިސްފިއްޔާވެސް ބުނަނީ ބާއްވާނެ ތަނެއް ނެތޭ،" ހަފީޒާ ވިދާޅުވިއެވެ.
ސަރުކާރުން ކޮވިޑް-19އާ ގުޅޭ ކަންކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމު އެކުލަވާލި ގޮތަށްވެސް އެ ބޭފުޅުން ފާޑު ވިދާޅުވި އެވެ. އެ ބޭފުޅުން ވިދާޅުވީ، އެ ޓީމު އެކުލަވާލީ ބަލި ޕްރިވެންޓު ކުރާ ގޮތް ދަންނަ ޕަބްލިކް ހެލްތު އޮފިޝަލުންނަށް ވުރެ ބޮޑަށް ބައްޔަށް ފަރުވާ ކުރާ ޑޮކްޓަރުން ލައިގެން ކަމަށެވެ.
އޭގެ އިތުރުން މިނިސްޓްރީގެ ތެރެއިން ފެންނަނީ ޕަބްލިކް ހެލްތު ފީލްޑުގެ މީހުން އެކަހެރި ކުރާ މަންޒަރު ކަމަށާއި، ބަސް ބުނުމުގައި އިސް ކުރަނީ ނުފޫޒުގަދަ ބައެއް މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.
ގައިޑްލައިންތަކާއި ސިޔާސަތުތަކަށް އަމަލު ނުކުރުން
ދެން ހަފީޒާ ވާހަކަދެއްކެވީ ސިއްހީ ދާއިރާގައި ހުރި ގައިޑްލަައިންތަކާއި އެެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ވާހަކައެވެ. އެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރާތޯ ބަލާނެ މީހަކު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޕޮލިސީތަކެއް ގައިޑްލައިންތަކެއް ހުރޭ، އެކަމަކު އެއެއް ވީތަނެއް އެނގޭ މީހަކު ހުރިހެނެއް ހިޔެއް ނުވޭ. އެކަންކަން ބަލަހައްޓާނެ މީހަކު ނެތުމުން މަސައްކަތުގެ ފުރިހަމަ ޒިންމާ ނުނެގުން، އެކައުންޓަބިލިޓީއެއް ނެތް އެއްގޮތަކަށްވެސް. ބައެއް މުވައްޒަފުންގެ ފޭވާއަށް ބައެއް މަސައްކަތްތައް ދޫކޮށްލެވިފައި ހުންނަނީ،"
އޭގެ އިތުރުން، ކަންކަމުގައި އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމެއް މިނިސްޓްރީ ތެރޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތައް މިނިސްޓްރީއަކު ނުބޭއްވޭ. މިނިސްޓަރު ސިޔާސީ ބޭފުޅުންނާވެސް، މަހަކު އެއްފަހަރުވެސް ކީއްކުރަން ދެމަހުން އެއްފަހަރުވެސް ބައްދަލުނުކުރައްވާ، މަޝްވަރާކޮށް ނުގެންދެވުނު އެކަންކަމެއް ކުރިއަކަށް،" ހަފީޒާ ވިދާޅުވިއެވެ.
"މަސައްކަތުގައި އެއްވެސް ގޮތަކަށް މަޝްވަރާނުކޮށް އެ މީހަކަށް ފެންނަ ގޮތަކަށް އެ މީހަކާ ހަވާލުވެފައިި އޮންނަ މަސައްކަތެއް އެ މީހަކު ކުރަމުންދާތަަން މި ފެންނަނީ،"
މިނިސްޓްރީގެ ބޭނުމަށް ތަކެތި ހޯދުމުގައި އެއްވެސް ގޮތަކަށް ދެފުށް ފެންނަ ގޮތަކަށް އަމަލު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓެންޑާ ބޯޑުވެސް ކަމެެއް ކުރަންވީމާ ބަދަލުކޮށްފައި ނިންމުންތައް ނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކޮންމެވެސް ރައްޓެހި ގާތް މީހަކަށް ގުޅާލައިގެން އަޅުގަނޑު ކުރަން ބޭނުންވާ މަސައްކަތެއް ކުރަން ހޯދަން ޖެހޭ ތަކެތި ހޯދަންވީ. ޓެންޑާ ކުރުމެއް އިއުލާނު ކުރުމެއް މިކަހަލަ އެއްވެސް ކަމެއް އޮންނަ ތަނެއް ނުފެނޭ އަޅުގަނޑުމެންނަކަށް،" ހަފީޒާ ވިދާޅުވިއެވެ.
ބައެއް ޑިޕާޓްމެންޓުތަކުގައި މުވައްޒަފުން ތިބޭނެ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެތް އިރު މިނިސްޓްރީ ތެރޭގައި "ގަނޑުވަރު" ހަދަމުންދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެގޮތަށް ވިދާޅުވިއިރު، ހެލްތު މިނިސްޓްރީގެ މީޓިން ހޯލު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާތީ އެއީ ބޭކާރު ހަރަދެއް ކަމަށް ބުނެ ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިއްހީ ދާއިރާގެ ނޭޝަނަލް މާސްޓާ ޕްލޭނެއް އޮންނަ ކަމަށާއި، ނަމަވެސް، އެއާ އެއްގޮތަށް އެއްވެސް ގޮތަކަށް އަމަލު ނުކުރާ ކަމަށްވެސް ހަފިޒާ ވިދާޅުވިއެވެ. އަދި އެއީ މިހާރު މިހާރު ބައެއް ބޭފުޅުންނަށް ނެތް އެއްޗަކަށް ވެއްޖެ ކަމަށް ވިދާޅުވިއެވެ.
"މާސްޓާ ޕްލޭނުގައި އޮއްވާ އަޅުގަނޑު ދުށިން، މި ރަށުގައި ހުންނަ މީހާ ބަލިވީމާ މިތައް ގަޑިއިރު ދަތުރުކޮށްގެން މީގެ ސްޕެޝަލިސްޓަކާ ހަމައަށް ވާސިލުވެވެން ޖެހޭނެއޭ. އެ އަމަލުތައް ހިނގަމުންދާތަނެއް ނުފެނޭ. އެކަހަލަ އެއްވެސް ނިޒާމެއް ގާއިމްކޮށްފައެއްވެސް ނެތް،" ހަފީޒާ ވިދާޅުވިއެވެ.
މި ކަންބޮޑުވުންތަކުގެ އިތުރުންވެސް ބައެއް ވަކިވަކި މައްސަލަތައް އެ ބޭފުޅުން ފާޅުކުރެއްވިއެވެ. އެގޮތުން، ގިނަ އަދަދެއްގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސާފައި ނުވުމުން އެ މަގާމުތައް ހުސްކޮށް ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ހޮސްޕިޓަލުތަކެއް ހަދަމުން ދިޔަޔަސް އެތަންތަނުގައި ސްޕެޝަލިސްޓު ހިދުމަތެއް ދެވޭތަން ފެންނަމުން ނުދާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
"އައްޑޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމްކޮށްފައިވާއިރު އެ ހޮސްޕިޓަލުން މިހާރުވެސް ދެވެނީ ކުރިންވެސް އެ ހޮސްޕިޓަލުން ދެވޭ ހިދުމަތް އިތުރަކަށް ސްޕެޝަލިޓީއެއް އެތަނަކަށް ތައާރަފުކޮށްފައި ނެތް. އިރު ހިދުމަތްތަކެއް އެތަނަށް ދެވޭނެ ގޮތެއް ނެތް. އެގޮތަށް ނުބަލައި ތަންތަނުގައި އިމާރާތްތައް ހަދަމުން ގެންދަނީ އިމާރާތް ހެދިޔަކަސް ހިދުމަތެއް ނުދެވޭ،" ހަފީޒާ ވިދާޅުވިއެވެ.
ރަހިމު ނެގުން ފަދަ އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްއެޗްގައި ނަން ނޯޓުކޮށްގެން ބަލިމީހުން އަހަރު ދެ އަހަރު މަޑު ކުރަން ޖެހިފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ހޮސްޕިޓަލުތަކުގައި އިހުމާލުގެ މައްސަލަތައް ބަލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ކަންބޮޑުވުންވެސް އެ ބޭފުޅުން ފާޅުކުރިއެވެ. ހޮސްޕިޓަލުތަކުގައި ގައިޑްލައިންތައް ނެތް ކަމަށާއި، އެހެން ކަމުން ބޭސްދިނުމުގައި އެކި ގޮތްގޮތަށް އަމަލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ޑޮކްޓަރުން ހަމަޖެއްސުމުގައި ކަންކަން ކުރާ ގޮތާ މެދުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރަނގަޅު ދިވެހި ޑޮކްޓަރުން ތިއްބާ އެ މަގާމުތައް ބޭރު ޑޮކްޓަރުންނަށް ދޭކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.