08 Aug 2020, 10:57
ކުއާލަލަންޕޫރު (އޮގަސްޓް 8) : މެލޭޝިއާގެ ޒަމާނީ ތަރައްގީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު ސިޔާސީ އައު ޕާޓީއެއް އުފައްދަވައިފި އެވެ.
މިކަން ހާމަކުރައްވަމުން މަހާތީރު ވިދާޅުވީ އައު ޕާޓީއެއް އުފައްދަން ޖެހުނީ މެލޭޝިއާގައި ހެޔޮވެރިކަން (ގުޑް ގަވާނެންސް) ގެއްލި ކޮރަޕްޝަނާ ފަސާދަ އިތުރުވެ އަދި ރައްޔިތުންނަށް އިންސާފު ނުލިބުން ފަދަ ނުރަނގަނޅުކަންކަން މެލޭޝިއާގައި އަށަގަންނަމުންދާތީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަމަށެވެ.
މިކަން ކުރުމަށްޓަކައި އައު ޕާޓީއެއް އުފައްދަންޖެހުނީ އޭނާ އިސްކޮށް ހުންނަވައިގެން 2016 ވަނަ އަހަރު ރަޖިސްޓްރީކުރި ޕާޓީކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕާޓީ ޕްރިބުމީ ބެރުސާތު މެލޭޝިއާ) އިން މިދިޔަ އަހަރު މަހާތީރު ބޭރުކޮށްލުމާ ގުޅިގެންނެވެ. ބެރުސާތު ޕާޓީ އަކީ މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޕާޓީ ކަމަށްވާ ޕާޓީ ކެއަޑިލަން ރަކްޔަތު (ޕީކޭއާރު) އާ ކޯލިޝަން ހަދައިގެން 2018 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބުކުރި ޕާޓީ އެވެ.
އެކޯލިޝަންގެ ފަރާތުން 2018 ވަނައަހަރާއި 2019 ވަނަ އަހަރު ބޮޑުވަޒީރުކަންކުރެއްވީ މަހާތީރެވެ. އެއަށް ފަހު އަންވަރާ ބޮޑުވަޒީރުކަން ހަވާލުކުރުމަށް ކުރިން އެއްބަސްވެފައި އޮތްނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ބެރުސާތު ޕާޓީގެ އިސްބޭފުޅެއްކަމަށްވާ މުހްޔިއްދީން ޔާސީން އިސްކޮށް ހުންނަވައިގެން އޭނާ ވަނީ ކޯލިޝަންގައި ހިމެނޭ ޕާލަމެންޓް މެންބަރުންތަކެއްގެ ތާއީދު ސިއްރިޔާތުގައި ހޯއްދަވައިގެން އެޕާޓީން މަހާތީރުގެ ބާރު ކަނޑުވާލައި ބޮޑުވަޒީރުކަމުން އިސްތިއުފާދޭން މަހާތީރަށް މަޖްބޫރު ކުރުވައިފަ އެވެ. މިއާއެކު މަހާތީރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މަހާތީރު އިސްތިއުފާ ދެއްވިނަމަވެސް ކޯލިޝަންގައި ހިމެނޭ ޕާލަމެންޓް ބައެއް މެންބަރުން އަންވަރަށް ޚިޔާނާތްތެރިވުމުން އަންވަރަށް ބޮޑުވަޒީރުކަން ނުލިބި މުހްޔިއްދީން ޔާސީން ވަނީ އެމެންބަރުންގެ ތާއީދާ އަދި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ޕާޓީ ކަމަށްވާ އުމްނޯ (މެލޭޝިއާގެ މިހާރުގެ އިދިކޮޅު ޕާޓީ) އަށް ނިސްބަތްވާ ޕާލަމެންޓްގެ ބައެއް މެންބަރުންގެ ވެސް ތާއީދާ އެކު ބޮޑުވަޒީރުކަން ހޯއްދަވައިފަ އެވެ. މުހްޔިއްދީން އަށް ތާއީދުކުރި އުމްނޯގެ ބައެއް މެންބަރުން ފަހުން ވަނީ އޭނާ ލީޑުކުރައްވާ ބެރުސާތު ޕާޓީއާ ގުޅިފަ އެވެ.
ބޮޑުވަޒީރުކަން ނުލިބުނު މައްސަލާގައި އަންވަރު ވަނީ އޭނާގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓްގެ ބައެއް މެންބަރުން ވެސް އޭނާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރައްވައި ވަރަށް ދެރަވެވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ސަރުކާރު ވެއްޓިދާނެތީ، ބެރުސާތު ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލަން އަންވަރަށް ކެރިވަޑައިގެންފައެއް ނުވެ އެވެ.
މަހާތީރު ވިދާޅުވި ގޮތުގައި އޭނާ އަލަށް އުފެއްދެވި ޕާޓީ މިހާރު މެލޭޝިއާގައި ވެރިކަންކުރާ ބެރުސާތު-ޕީކޭއާރު، ކޯލިޝަން އާވެސް އަދި އިދިކޮޅު އުމްނޯ ޕާޓީއާ ވެސް ނުގުޅޭނެ އެވެ. މަހާތީރު އަލަށް އުފެއްދެވި ޕާޓީގެ ނަން އޭނާ އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
އަލަށް އުފެއްދެވި ޕާޓީގެ މައިގަނޑު އެޖެންޑާއަކީ ގުޑް ގަވާނެންސް އަށް މަސައްކަތް ކުރުމާއި ކޮރަޕްޝަނާ ފަސާދަ ހުއްޓުވަން މަސައްކަތްކުރުމާ އަދުލު އިންސާފަކީ ވަކިބަޔަކު އިސްތިސްނާ ނުވާގޮތަށް ހުރިހާ މީހުންނަށް ވެސް ލިބޭނެ އެއްޗަކަށް ހެދުންކަމަށް މަހާތީރު ވިދާޅުވި އެވެ.
މެލޭޝިއާގެ އިސްފަރާތްތަކުން ހިންގާ ކޮރަޕްޝަނާއި ގާނޫނާ ޚިލާފު އަމަލުތައް ނުބެލޭ ކަމަށާއި އެކަމުގެ ފަހަތުގައިވާ ފަރާތްތަކަށް ފިޔަވަޅު ނޭޅޭ ކަމަށާއި މިކަން ހުއްޓުވައި އަދުލު އިންސާފަށް މަސައްކަތްކޮށް މިނިވަން މުސްތަގިއްލު ތަހްގީގީ އިދާރާއަކާއި މިނިވަން މުސްތަގިއްލު ޖުޑިޝަރީއެއް ބިނާކުރަން ޖެހޭ ކަމަށް މަހާތީރު ވިދާޅުވި އެވެ. މކަންކަން ކުރުމާ އަދި ކުރާނެ ޒުވާން ލީޑަރުން އުފެއްދުމަކީ އަލަށް އުފެއްދި ޕާޓީގެ މައިގަނޑު އެޖެންޑާކަމަށް މަހާތީރު ވިދާޅުވި އެވެ.
އުމުރުފުޅުން 94 އަހަރުގެ މަހާތީރަކީ މެލޭޝިއާގެ އާންމުން އަދި ވެސް ވަރަށް އިހުތިރާމް ކުރަ ބޭފުޅެކެވެ. ނަމަވެސް މަހާތީރު ސިޔާސީ ކަންކަމާ ދުރަށް ވަޑައިގެން އެއަށް ވުރެ ދަށުގެ ޖީލުތަކަށް ފުރުސަތުދީ މަހާތީރު ފަދަ ވަރުގަދަ ލީޑަރުން އުފެއްދުމަށް މަސައްކަތް ކުރެއްވުމަށް މަހާތީރަށް ތާއީދުކުރަ ފަރާތްތަކުން އޭނާގެ ކިބައިން އެދެ އެވެ. މެލޭޝިއާ ޒަމާނީ ތަރައްގީގައި ކުރިއަރާފައިވާ ގައުމަކަށް ހެެއްދެވި ވަރުގަދަ މޭސްތިރިއަކީ ޑރ. މަހާތީރެވެ. (ނޫސްއެޖެންސީތައް)