ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި ކަރުނަ ގޭސް ބޭނުންކުރަން އަމުރުކުރި އެމެރިކާގެ ވިސްކޮންސިން ސްޓޭޓްގެ މިލްވައުކީ ސިޓީގެ ފުލުހުންގެ ޗީފް އަލްފޮންސޯ މޮރާލޭސްގެ މަގާމު ކެޕްޓަނެއްގެ މަގާމަށް ދަށްކޮށްފި އެވެ.

އޭނާ މަގާމުން ދަށްކުރަން ނިންމީ މިލްވައުކީ ސިޓީގެ ފަޔާ އެންޑް ޕޮލިސް ކޮމިޝަންގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މޮރާލޭސްގެ މަގާމު ދަށްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ އޭނާއަށް މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ މިލްވައުކީގެ 15 މެމްބަރުންގެ ކޮމަން ކައުންސިލްއިން މިދިޔަ ޖުލައި 20ގައި ނެރުނު ބަޔާނާ ގުޅިގެންނެވެ.

ފްލޮއިޑްގެ މަރަށް ފަހު އެ ސިޓީގެ ފުލުހަކު މީހެއްގެ ކަރަށް ފައިން އެރި މައްސަލަ އާއި އޭނާ މަގާމުން ދުރުނުކުރާ މައްސަލަ ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން ކަރުނަ ގޭހާއި ރަބަރު އުންޑަ މުޒާހަރާތަކުގައި ބޭނުންކޮށްފައިވާތީ އެކަމަށް ވެސް ވަނީ ފާޑުކިޔައިފަ އެވެ.

މޮރާލޭސް ފުލުހުންގެ ހިދުމަތާ ގުޅުނީ 1993 ވަނަ އަހަރު އެވެ. އަދި ފުލުހުންގެ ޗީފްގެ މަގާމާ ހަވާލުވެވަޑަިއގެންނެވީ 2018 ވަނަ އަހަރު އެވެ.

އޭނާ މަގާމު ދަށްކުރި މައްސަލާގައި މިލްވައުކީގެ މޭޔަރު ޓޮމް ބެރެޓް ވަނީ ފަޔާ އެންޑް ޕޮލިސް ކޮމިޝަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ޖަވާބުދާރީވުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން ސިޔާސަތުތަކާ ހިތްހަމަ ނުޖެހިގެން އެމެރިކާގެ އެކި ސަރަހައްދުތަކުގެ ފުލުހުންގެ އިސްވެރިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެޓްލާންޓާ ސިޓީގެ ޕޮލިސް ޗީފް އެރީކާ ޝީލްޑް އަދި ޕޯޓްލޭޏްޑްގެ ޕޮލިސް ޗީފް ޖެމީ ރެސްޗު ހިމެނެ އެވެ..-- ސީއެންއެން، އޭޕީ--