07 Aug 2020, 22:59
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 12 ގައެވެ. އެއް މަހުގެ މުއްދަތަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ މިރޭ ނެރުނު ގަރާރުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިހާރު ކޮވިޑް19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ.
އަދި މާޗު މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަމަށާއި، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރާސް ލަފާދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސެޕްޓެމްބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.