އިންޓަމިލާން ދޫކޮށް އެ ކްލަބުގެ ހޮލެންޑް މިޑްފީލްޑަރު ވެސްލޭ ސްނައިޑާ ޖެނުއަރީ ޓްރާންސްފާ ގައި ނުދާނެކަމަށް އެ ކްލަބުގެ ކޯޗް ކްލައުޑިއޯ ރަނިއެރީ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު، ސްނައިޑާއަށް ހަމަސް ތެރޭ ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް އިންޓަ ދޫކޮށް އެއްވެސް ކުލަބަކަށް ސްނައިޑާ ދިއުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް އެ ކުލަބުގެ ކޯޗް ރަނިއެރީ ބުންޏެވެ.

"ސްނައިޑާ އަކީ އިންޓަގެ ކުޅުންތެރިއެއް. އޭނާ ހުންނާނީ ވެސް އިންޓަގައި." ރަނިއެރީ ބުންޏެވެ.

ސްނައިޑާ އަކީ ހޮލެންޑްގެ އަޔެކްސް އެމެސްޓެޑަމް އިން ވިދާލުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ކުޅުންތެރިއެކެވެ. ރެއާލް އިން 15 މިލިޔަން ޔޫރޯ އަށް އިންޓަ އަށް ބަދަލުވެ ސްނައިޑާ ވަނީ އެ ކުލަބަށް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2009-2010 ގެ ޗެމްޕިއަންސް ލީގާއި އިޓަލީ ލީގެވެ. އެ ދެލީގު ކާމިޔާބު ކޮށްދިނުމުގައި އެކުލަބަށް ސްނެއިޑާގެ ބޮޑު އެހީތެރިކަމެއް ލިބިފައި ވެއެވެ.