09 Jan 2012, 16:28
ބައިނަލްއަގުވާމީ މީޑިޔާތަކުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަގީގަތާ ހިލާފަށް ދޮގު މައުލޫމާތު ދެއްވަމުން ގެންދަވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރުގެ ތަފާތު މީޑިއާތަކަށް ހަގީގަތާ ހިލާފު މައުލޫމާތުތައް ދެއްވަމުން ގެންދަވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ދެއްވާ އިންޓަވިއުތަކުގައި ހަގީގަތް ނުވަތަ ތެދު މައުލޫމާތު ހާމަކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ނުގެންދަވާކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވެރިކަމުގެ ކުރީކޮޅު ރައީސް ނަޝީދު ބައިނަލްއަގުވާމީ މީޑީއާގައި ދެއްކެވި ފާހަކަފުޅުތަކުގެ ސަބަބުން ހީވީ ހަމަ ދެންމެ ދެންމެ ރާއްޖެ އަޑިއަށް ހިނގައިދާނެ ހެން. މިކަމުގެ ސަބަބުން އިންވެސްޓަރުންނާއި ފަތުރުވެރިން ރާއްޖެ އާއި ދުރުވާން ފެށި. އެއަށް ފަހު ދިވެހިންގެ ތެރޭގައި ބޮންގޮއްވާ، ޓެރަރިސްޓުން އުޅޭ ކަމަށް ނަޝީދު ވިދާޅުވުމުން ބޭރު ގައުމުތަކަށް ދަތުރު ފަތުރުކުރުމުގައި ދިވެހިންނަށް ދަތިވެ، އެންމެ އަވަށްޓެރި ގައުމުތަކުން ފެށިގެން ދުނިޔޭ އެތައް ގައުމަކަށް ދަތުރުކުރުމަށް ވިސާހޯދުމުގައި ދިވެހިންނަށް އިންތިހާއަށް އުނދަގޫވެގެންދިޔަ،" ގައުމީ ޕާޓީން ބުނެފައިވެ އެވެ.
ގައުމީ ޕާޓީން ބުނީ ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި އަމަލުފުޅުތައް އަމާޒުވެފައި ހުރީ ކޮންމެހެން ގައުމަށް ފައިދާ ހުރި، ރައްޔިތުންނަށް ލާބަލިބެނިވި ގޮތަކަށް ނޫން ކަމަށެވެ.
އޮސްޓްރޭލިއާގެ ނޫހެއް ކަމުގައިވާ ދަ ސަޓަޑޭ އޭޖަށް ރައީސް ނަޝީދު ދާދިފަހުން ދެއްވާފައިވާ އިންޓަވިއުއެއްގައި ކޮންމެ އަހަރަކު ރާއްޖެ އިން ތިން ރަށް ގެއްލޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިފަދަ ބޮޑު އިތުރުފުޅެއް އެމަނިކުފާނު ހެއްދެވީ، ރާއްޖޭގެ ރިޒޯޓްތަކުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ފާހަކަފުޅުތަކުގެ ސަބަބުން ބައިނަލްއަގުމާވީ ދުނިޔޭގައި ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
ރައީސް ނަޝީދު ބޭރުގެ ބައެއް މީޑިއާތަކަށް ދެއްވާ އިންޓާވިއުތަކަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަފުޅަށް މަލާމާތްކޮށް ރާއްޖޭގެ ރީތި ނަމަށް ހުތުރުވާ ގޮތަށް ވަރަށް ބޮޑަށް ހިޔާލުފާޅުކޮށްފައިވާކަން ގައުމީ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅުތައް ގެންގުޅުއްވުމުގެ ސަބަބުން ގައުމަށް ލިބިދާނެ ނިކަމެތި ކަމަކަށް ނުވަތަ ގެއްލުމަކަށް ނުބައްލަވާ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
"ރައީސް ނަޝީދުގެ އެފަދަ އިންޓަވިއުތަކަށް ދެއްވާ ބަސްފުޅުތަކުގެ ޝިކާރައަކަށް ވަނީ ދިވެހި ރައްޔިތުން"، ކަމަށް ވެސް ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ނަމަވެސް ރައީސް އޮފީހުން ވަނީ ގައުމީ ޕާޓީގެ އެ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ހަގީގަތާ ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އެ އަށް ވުރެ ޒިންމާދާރު ގޮތެއްގައި އެ ޕާޓީން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.
ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ބޭރުގެ މީޑިއާތަކަށް ރައީސް ނަޝީދު ދެއްވާ އިންޓަވިއުތަކަކީ އެމަނިކުފާނު އަމިއްލަފުޅަށް ދެއްވާ އެއްޗެއް ނޫން ކަމަށާއި އެފަދަ އިންޓަވިއުތައް ދެއްވަމުން ގެންދަވަނީ ރާއްޖޭގައި ހިނގަމުންދާ އެކިއެކި ކަންތައްތަކާ ގުޅިގެން ކުރަމުން ގެންދާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަޑިއަށްދާ ވާހަކަ ދައްކަނީ ސަރުކާރުން ނޫން ކަމަށާއި ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ކަން އެއީ ސަރުކާރުން ދައްކާ ވާހަކައެއް ނޫން ކަމަށެވެ.
"ގައުމީ ޕާޓީން ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާފައިވާ ވާހަކަތަކެއް. އެއަށް ވުރެ ޒިންމާދާރުކަން ބޮޑު ގޮތެއްގައި އެބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރަން. ދެން ރާއްޖޭގައި ހިނގާކަންކަން އެއީ ބޭރުގެ މީޑިއާތަކަށް ސިއްރުކުރެވޭނެ ކަންތައްތަކެއް ނޫން. އަދި އެކަންތައްތަކާ ގުޅިގެން ބޭރުގެ މީޑިއާތަކުން ރައީސް ނަޝީދާ ސުވާލުކުރެއްވުމުން އެވާހަކަތައް ނުވަތަ އެކަމެއް ނުހިނގާ ކަމަށް ވިދާޅުވެވޭކަށް ވެސް ނޯންނާނެ،" ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު އަދި ވިދާޅުވީ ރާއްޖޭ އަޑިއަށްދާ ވާހަކައަކީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ބޭރުގެ މީޑިއާތަކުގައި ދައްކަވާ ވާހަކަފުޅުތަކުގައި ރާއްޖޭގެ ރަށްތައް ގިރަމުންދޭތޯ ސުވާލުކުރުމުން އެކަން ދޮގުކުރެއްވެން ނޯންނާނެ ކަމަށެވެ.