09 Jan 2012, 15:18
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނެކޭ އެގޮތަށް މިއަހަރުގެ ސީޒަންގައި ވެސް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
ވިކްޓަރީއާއެކު އެސްޓީއޯއިން މިއަދުވި އެއްބަސް ވުމުގައި ވިކްޓަރީގެ ފަރާތުން ސޮއި ކުރެއްވީ ޗެއާޕާޝަން އީވާ އަބްދުއްﷲ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑް ޑިރެކްޓާ އަހުމަދު އާރިފެވެ.
ވިކްޓަރީގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސުމުގެ ގޮތުން މިއަދު މެދުރު ފަހުގެ ވަގުތެއްގައި އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗެއާޕާޝަން އިވާ އަބްދުއްﷲ ވިދާޅުވީ، މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސި ނަމަވެސް ކުރިއެކޭ އެއްގޮތަށް ހިޓާޗީ ބްރޭންޑަކީ ވެސް މިއަހަރުގެ ސީޒަންގައި ވިކްޓަރީގެ ސްޕޮންސަރެއް ކަމަށެވެ.
އީވާ ވިދާޅުވީ، ވިކްޓަރީން އެސްޓީއޯ އާއެކު މިއަދުވި އެއްބަސް ވުމުގެ ދަށުން މިއަހަރު ތިން ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހެން އަހަރު ތަކެކޭ އެއްފަދައިން ވިކްޓަރީގެ ފަރާތުން ހިންގާނެ ކަންތައްތައް ހިމެނޭ ކަމަށް އިވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ވިކްޓަރީން ކުރާނެ ކަންތައްތަކުގެ ތެރޭގައި ވަކި ވަރަކަށް މެޗްތަށް ކުޅުމާއި ވަކި އަދަދަކަށް ޕްރެސްކޮންފަރެސްތައް ބޭއްވުމާއި ފުޓްބޯޅައިގެ އިތުރުން ސޯސަލް އިވެންޓުތައް ކުރިއަށް ގެންދިއުމާއި އިޖްތިމާއީ ހަރަކާތްތައް ބޭއްވުން ހިމެނެއެވެ. އަދި ކެރެލާ ފުޓްބޯލް އެސޯސިއޭޝަން އިން މި މަހު ފަހުކޮޅު އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވުމަށް ވިކްޓަރީ ނިންމާފައިވާކަމަށް ވެސް އީވާ ކަށަވަރު ކޮށްދީފައެވެ.
"ވިކްޓަރީގެ ފަރާތުން މިއަހަރު ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ. އޭގެ ތެރޭގައި 2009 އަދި 2010 ވަނަ އަހަރު ވިކްޓަރީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތައް ހިމެނޭނެ. މިއަހަރު ވެސް އިމާދުއްދީން ސްކޫލަށް އެހީވުމުގެ ގޮތުން ފަންޑުރައިސް ކުރުން އޮންނާނެ. ސޯސަލް އިވެންޓުތައް ހިންގުމުގެ މައިގަނޑު މަގްސަދަކީ ވިކްޓަރީ ޕޮރޮމޯޓް ކުރުން " އީވާ ވިދާޅުވި އެވެ.
އެސްޓީއޯ އަކީ އަބަދުވެސް ވިކްޓަރީގެ ހުރިހާ ހަރަކާތެއްގައި ވެސް އެހީތެރިވާ ކުންފުންޏެއް ކަމަށް ވީއިރު، އެ ކުންފުނީގެ ދީލަތި އެހީތެރިކަމަށް އީވާ އާއި ކޯޗް އަލީ ސުޒޭން މިއަދު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެސްޓީއޯގެ ހިޓާޗީ ބްރޭޑްގެ އިތުރުން ހެޕީ މާކެޓުން ވެސް ވަނީ ވިކްޓަރީ ސްޕޮންސާ ކޮށްފައެވެ.
ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނީ، ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫތް ޓީމާއެކު ވިކްޓަރީގެ ފަރިތަކުރުންތައް މާދަމާ ފަށާނެ ކަމަށެވެ.
ވިކްޓަރީ ވަރުގަދަކުރުމުގެ ގޮތުން އެޓީމުން ވަނީ މާޒިޔާ އަށް މިދިޔަ އަހަރު ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމެއިރާއި ވީބީ ސްޕޯޓްސްގެ އަހުމަދު ސައީދު (އައްމަޓީ) އާއި ވެލެންސިއާގެ ރިލްވާން ވަހީދު (ރިލޭ) އަދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ހޯދައިފަ އެވެ. އެހެންނަމަވެސް ނިމިގެން ދިޔަ ސީޒަންގައި ވިކްޓަރީއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން މުހިންމު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ އެ ޓީމު ދޫކޮށް ނިއު އަށް ބަދަލުވާން ނިންމައިފަ އެވެ.