ކޮލޮމްބޯ (އޮގަސްޓް 7) : އާންމު އިންތިހާބުގައި ލިބުނު އާދަޔާހިލާފު ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ތަރައްގީގައި ބޮޑު ތަފާތެއް ދެއްކޭނެ ވަރުގެ ސިޔާސަތުތަކެއް ތަންފީޒުކުރެވޭނެ ވަރުގަދަ ޕާލަމެންޓެއް ގާއިމުކުރައްވާނެކަމަށް ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިން ޕާލަމެންޓުގެ ޖުމްލަ 60 ޕަސަންޓު ކާމިޔާބުކުރިކަން ރަސމްމީކޮށް އިއުލާނުކރުުމާ ގުޅިގެން ދެއްވި ބަޔާނެއްގައި، ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވީ ރައްޔިތުން ދިން އިތުބާރަށް ޝުކުރު އަޑާކުރައްވާ ކަމަށެވެ. އަދި އެ އިތުބާރުގެ ބަދަލުގައި، ރައްޔިތުން އުފާވާނެ ފަދަ ތަރައްގީއެއް އޭނާގެ ސަރުކާރާއި ޕާލަމެންޓު ގުޅިގެން ގެނެސްދީ، އިގްތިސާދު ރަނގަޅުކޮށް އަދި ރައްޔިތުންގެ އަތްމަތި އަލުން މުއްސަނދި ކޮށްދެއްވާނެކަމަށް ރައީސް ގޯޓަބަޔަ ވިދާޅުވިއެވެ.

ބުދަ ދުވަހު އޮތް އިންތިހާބުން ބޮޑު އަގުލަބިއްޔަތެއް ހޯދައި، 225 ގޮނޑީގެ ތެރެއިން 128 ގޮނޑި (އަދި ނޭޝަނަލް ލިސްޓުން 17 ގޮނޑި) ޕޮޑުޖަނަ ޕާޓީން ކާމިޔާބުކުރިކަން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެއާއެކު މިހާރު ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި، ރައީސް ގޯޓާބަޔަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަލުން ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވަނީ އޯގަސްޓް ނުވައެއް ވާ އާދީއްތަ ދުވަހުއެވެ.

ސްރީލަންކާގެ ޕާލަމެންޓުގެ އަގުލަބިއްޔަތަކީ 113 ގޮނޑި ކަމުގައި ވާ އިރު، ޕޮޑުޖަނަ ޕާޓީއަށް ބުދަ ދުވަހުގެ އިންތިހާބުން ލިބުނީ ސުޕަ މެޖޯރިޓީއެވެ. މިއީ ސްރީލަންކާގެ ގާނޫނު އަސާސީވެސް ބަދަލުކޮށްލެވޭ ވަރުގެ ބާރެކެވެ.

ޕޮޑުޖަނަ ޕާޓީއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ 2019 ގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔަ ރާޖަޕަކްސައާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރޭމަދާސަގެ ލީޑަޝިޕްގައި އިންތިހާބަށް ނުކުތް ސަމަގި ޖަނަ ބަލަވޭގަޔަ (އެސްޖޭބީ) އިއްތިހާދުންނެވެ. އެސްޖޭބީއަށް އިންތިހާބުން 24 ޕަސަންޓާއެކު ލިބުނީ މަޖިލީހުގެ 47 ގޮނޑި (އަދި ނޭޝަނަލް ލިސްޓުން 7 ގޮނޑި)އެވެ. ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިލަންކައި ޓަމިލް އަރަސު ކައްޗި (އައިޓީއޭކޭ) ޕާޓީންނެވެ. އެ ޕާޓީއަށް ނުވަ ގޮނޑި އަދި ނޭޝަނަލް ލިސްޓުން އެއް ގޮނޑި ލިބުނެވެ.

ދެން އެންމެ ގިނަ ގޮނޑި ހޯދީ ސްރީލަންކާގެ ކޮމިއުނިސްޓް ފިކުރުގެ ޕާޓީ ޖަނަތަ ވިމުކްތި ޕެރަމުނަގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކަގެ ލީޑަޝިޕްގައި ވާދަކުރި ޖާތިކަ ޖަނަ ބަލަވޭގަޔަ (ޖޭޖޭބީ) ކޯލިޝަނާއި، އީލާމް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އީޕީޑީޕީ)ންނެވެ. ޖޭޖޭޕީ ކޯލިޝަނަށް އިންތިހާބީ ދެ ގޮނޑި އަދި ނޭޝަނަލް ލިސްޓުން އެއް ގޮނޑި ލިބުނު އިރު އީޕީޑީޕީއަށް ލިބުނީ އިންތިހާބީ ދެ ގޮނޑި އެކަންޏެވެ. އަދި އަހިލަ އިލަންކައި ޓަމިލް ކޮންގްރެސް (އޭއައިޓީސީ)އަށް އިންތިހާބީ އެއް ގޮނޑިއާއި ނޭޝަނަލް ލިސްޓުގެ އެއް ގޮނޑިއާއެކު ދެ ގޮނޑި ލިބުނެވެ.

ސްރީލަންކާގެ އެހެނިހެން ސިޔާސީ ޕާޓީތަކުގެ ތެރެއިން ޓެމިލް ކޮންގްރެސް ޕާޓީއާއި، ޓަމިލް މައްކަލް ވިޑުތަލައި ޕުލިކަލް (ޓީއެމްވީޕީ)އާއި، މުސްލިމް ނޭޝަނަލް އެލަޔަންސްއާއި، ޓަމިލް މައްކަލް ތެސިޔަ ކުއްޓަނި (ޓީއެމްވީކޭ)އާއި، އޯލް ސިލޯން މައްކަލް ކޮންގްރެސް (އޭސީއެމްސީ)އާއި ނޭޝަނަލް ކޮންގްރެސްއާއި ސްރީލަންކާ މުސްލިމް ކޮންގްރެސްއަށް ލިބުނީ އިންތިހާބީ އެއް ގޮނޑިއެވެ.

އަދި ސްރީލަންކާގައި ކުރިން ވެރިކަން ކުރި ސްރީލަންކާ ފްރީޑަމް ޕާޓީއަށްވެސް ލިބުނީ އިންތިހާބީ އެއް ގޮނޑިއެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު އިރު، އެ ޕާޓީއަށް ނޭޝަނަލް ލިސްޓުން އެއް ގޮނޑި ލިބޭކަމަށް ވަނީ ނިންމާފައެވެ.

ރަނިލް ވިކްރަމަސިންހައަށް ބޮޑު ނާކާމިޔާބަކާއި މާޔޫސްކަމެއް

ސްރީލަންކާގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި އެންމެބޮޑަށް ފާހަގަވެގެން ދިޔަކަމަކީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށާއި އޭނާގެ ޕާޓީއަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނުކަމެވެ. މި އިންތިޚާބުގައި ރަނިލް ކުރިމަތިލެއްވި ގޮނޑި އޭނާއަށް ކާމިޔާބު ނުވުމުގެ އިތުރުން އޭނާގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ފަރާތުން ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. ރަނިލްއަކީ ފައިތުވި 42 އަހަރު ތެރޭގައި ކޮންމެ އިންތިޚާބެއްގައިވެސް ގޮނޑި ކާމިޔާބު ކުރައްވާ ލީޑަރެކެވެ.

ސްރީލަންކާގައި އެންމެފަހުން އޮތް މައިތުރިޕަލަ ސިރިސޭނާ ގެ ސަރުކަރުގެ ބޮޑުވަޒީރަކީވެސް ރަނިލްއެވެ. އޭރު ރަނިލްގެ ޔޫއެންޕީ އާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތެވެ. ނަމަވެސް މި އިންތިޚާބުގައި ހާލަތު މުޅިން އެކޮޅުކޮޅުން ޖެހި ޚުދު ރަނިލް ކުރިމަތިލެއްވި ގޮނޑިވެސް އޭނާއަށް ވަނީ ކާމިޔާބު ނުވެފައެވެ.

ރަނިލްގެ ވެރިކަމުގެ ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި އިގްތިސާދު ވަޅުޖެހި ރައްޔިތުންގެ އަތްމަތިވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. (ނޫސްއެޖެންސީތައް)