ޖޫން 26، 2008 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، އޯގަސްޓް 7، 2008 ވަނަ ދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވާ، މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" އަށް މިއަދު 12 އަހަރު ފުރުނުއިރު، އެ ގާނޫނުއަސާސީގެ ތަޖުރިބާ، އެކި ބޭފުޅުން ސިފަކުރައްވަނީ އެކި ގޮތަށެވެ. މުޒާހަރާ ކުރުމާއި މިރުސްދުމާއި އެތައް ޒުވާބަކާއި ހާޖާނެއްގެ ތެރެއިން ހޯދި ފެހި ގާނޫނުއަސާސީގެ އުމުރުން އަދި މާ ގިނަ ދުވަސްތަކެއް ނުވަނީސް މި ގާނޫނުއަސާސީއާ މެދު ބޮޑެތި ބަހުސްތަކާއި އަރައިރުންތައް މި ވަނީ އުފެދިފަ އެވެ. ހަތަރު އަހަރުގެ މުއްދަތަކުން ލިޔެ އެކުލަވާލި މި ގާނޫނުއަސާސީއާ އެކު އަދި މި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާއިން ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނު އަސާސީ ތަސައްވަރު ކުރާ ތިން ބާރު ވަކިކުރުމުގެ ނިޒާމު މަސައްކަތްނުކޮށް، ފެއިލްވެއްޖެ ކަމަށެވެ. އަނެއް ބައެއްގެ ނަޒަރުގައި ގާނޫނުއަސާސީ އެކުލަވާލުމުގައި ތަސައްވަރުކުރެވިފައިވާ، މިނިވަން ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މަސައްކަތް ނުކުރަނީ، އޭގެ ޒާތުގައި ގާނޫނުއަސާސީގައި ހުރި ބޮޑެތި ބާގަނޑުތަކެއްގެ ސަބަބުންނެވެ.

އެހެންވީމާ؛ ގާނޫނުއަސާސީއާ މެދު މިހިނގާ ބަހުސްތަކުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ މީގެ 12 އަހަރުކުރިން ފެހި ގާނޫނުއަސާސީ ލިޔުއްވުމުގެ އެކި މަރުހަލާތަކުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅުން އެހާރާއި މިހާރު އަޅާ ކިޔުއްވާ ވިދާޅުވަނީ ކޮން ވާހަކަފުޅުތަކެއް ހެއްޔެވެ؟ ގާނޫނުއަސާސީއާ މެދު އުފެދިފައި އޮތް ބަހުސްތަކުގައި އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟

ފެހި ގާނޫނުއަސާސީ: 30 އަހަރުގެ ވެރިކަން ނިންމަން

އާ ގާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތް ފެށި ދުވަސްވަރު، ރައީސް މައުމޫންގެ ސަރުކާރުގައި ބަންޑާރަނައިބުކަމުގެ މަގާމު ފުރުއްވި، އަދި އޭރުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ގާނޫނު އަސާސީ އިސްލާހު ކުުރުމުގެ މަސައްކަތްކުރެއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް ހިމެނިވަޑައިގެންނެވި، ޑރ. ހަސަން ސައީދު ވިދާޅުވީ އާ ގާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތް ފެށުނީ ވެސް ރަނގަޅު ނިޔަތެއް އޮވެގެނެއް ނޫނެވެ. އަދި ގާނޫނުއަސާސީ އެކުލަވާލާ ނިމުނީ ވެސް ގައުމުގެ މުސްތަގުބަލަށް ވިސްނައިގެން ހެޔޮ ނިޔަތުގައި ކަމަށް އޭނާ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ.

ޑރ. ހަސަން ސައީދު

އޭރު އަމަލު ކުރަމުން ދިޔަ "ނޫ ގާނޫނުއަސާސީ" އިން ވެސް ގިނަ ހައްގުތަކެއް ރައްޔިތުންނަށް ކަށަވަރުކޮށްދޭކަން ފާހަގަ ކުރައްވާ ޑރ. ހަސަން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އޭރު ރައީސް މައުމޫން ފެއްޓެވީ، އެވަގުތު ހުރި ޕްރެޝަރުތަކަށް ބައްލަވައި އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް އެ ވަގުތު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވިސްނިވަޑައިގެން އެވެ. އަދި އޭރު ބޮޑުވެ ފުޅާވަމުން އައި އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ވެސް ބެލީ އެ ދަނޑިވަޅުގެ ފައިދާ ނަގައި ރައީސް މައުމޫން ދެން ވެރިކަމަށް ނައުމަށް އެޅެން ހުރި ހުރިހާ ހުރަހެއް އެޅޭނޭ ގޮތަކަށް ގާނޫނުއަސާސީ ބައްޓަން ކުރަން ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގެ ސަބަބުން އާ ގާނޫނުއަސާސީގެ އުފަންކުރުވުން ގުޅިފައި ވަނީ ރަނގަޅު ސަބަބަކާ ނޫނެވެ. އެއީ ގައުމަށް ދިގު މުއްދަތެއްގައި ފައިދާވާނެ ގޮތަކަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީ އަކީ، ފުރިހަމަ ގޮތެއްގައި ވެރިކަމުގެ ނިޒާމެއް ހިންގުމަށް އެކުލަވާލެވުނު އެއްޗެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

އެކަމުގެ ނަތީޖާއަކަށްވީ ފުށުއެރުންތަކެއް އުފެދެން ފެށުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ތަސައްވަރަށް ވެސް ނާދޭ ރައީސް މައުމޫން ނޫން ބޭފުޅަކު ވެރިކަމަށް އަތުވެދާނެ ކަމަކަށް. މައުމޫން ވެރިކަމުން ވަކިވާނެ ކަމަކަށް. އެހެންވެ، އެބޭފުޅުން ބެއްލެވީ އެބޭފުޅުންނަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ، މަޖިލީހުން އެކަށީގެންވާ އަދަދެއް އެބޭފުޅުންނަށް [އިދިކޮޅަށް] ލިބިދާނޭ. އެހެންވެ، އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ބެއްލެވީ މަޖިލީހުގެ ދައުރު ހަރުދަނާ ކުރައްވަން، މެންބަރުންގެ ދައުރު ހަރުދަނާ ކުރައްވަން. ދެން ވެރިކަމުގައި ހުންނަ މީހަކަށް ޖެއްސުން ކުރަން ދަތިކުރުން. އެފަދަ ނިޒާމެއް މި ހެދީ. އެ ނިޒާމުން ދެން މިވީ ގޮތަކީ ރައީސްއަށް ވުރެ މެންބަރުންނާއި މަޖިލީހުގެ ހައިބަތު، ބާރު މާ ބޮޑު. އެ މީހުންނަށް ލިބޭ އިނާޔަތްތައް ވެސް ރައީސުލްޖުމްހުރިއްޔާއަށް ވުރެ މާ ބޮޑު. އެއީ އެބޭފުޅުން ގަސްތުގައި ކުރެއްވި ކަމެއް. އެއީ އެބޭފުޅުންނަށް ބާރު ނުލިބޭނެ ކަމަށް ވިސްނަވައިގެން އެބޭފުުން އޭރު [ވެރިކަމުގައި] ހުންނެވި ބޭފުޅަކަށް ދަތިކުރަން ކުރެއްވި ކަމެއް. އެއީ ދިގު މުއްދަތަކަށް ފައިދާއަށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކުރި ކަމެއް ނޫން," ގާނޫނުއަސާސީއަށް 12 އަހަރު ފުރުމާ ވިދިގެން "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ހަސަން ވިދާޅުވި އެވެ.

ހަސަންގެ މި ވާހަކަތަކަށް މިހާރު އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އަދި އޭރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެ މަޖިލީހުގެ ސ. އަތޮޅު މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ އޭރު ގާނޫނުއަސާސީ ޑްރާފްޓް ކުރިއިރު ފޯކަސް އޮތީ ރައީސްގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައި ބޭއްވުމަށް ކަމަށެވެ. ސަބަބަކަށްވީ އޭރުގެ ހާލަތު އޮތް ގޮތުން ވެރިކަން ކުރާ ފަރާތަށް މާ ބޮޑެތި ބާރުތަކެއް ދީފި ނަމަ، އެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަ ކަމަށް ރައްޔިތުން ނިންމި، ނަމަވެސް އެފަދަ ނިޒާމެއްގައި ރައީސްއަށް ލިބޭ އެތައް ބާރެއް ގާނޫނުއަަސާސީއިން ހަނިކުރި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މިއަދު މައްސަލަތައް ކުރިމަތިވަމުން އަންނަކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

"އެގޮތަށް ގާނޫނުއަސާސީ ބައްޓަން ކުރެވުނީމާ އެ ތަޖުރިބާއަށް ބަލާފައި އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ ވެރިކަން ހިންގާ މީހެއްގެ ބާރުތައް ރިޔާސީ ނިޒާމެއްގައި އޮންނަ ވަރަށް ވުރެ މާ ބޮޑަށް ހަނިކުރެވިފައި އޮތް ކަމަށް. އޭގެ ސަބަބުން ގާނޫނުގެ ވެރިކަމެއް އަމާން އޮމާންކޮށް ހިންގަން އެބަ މައްސަލަތައް ދިމާވޭ. މިސާލަކަށް ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި ރައީސްއަށް އެބަ އޮވޭ މަޖިލީހުން ހަދާ ގާނޫނެއް ވީޓޯ ކުރުމުގެ ބާރުވެސް. ރާއްޖޭގައި އެ ބާރުވެސް ނޯވޭ އޭގެ ޒާތުގައި ރައީސްއަކަށް. އެކަމަކު ރައީސްއަކީ ދައުލަތުގެ ވެސް އެންމެ އިސްވެރިއާ ކަމަށް ގާނޫނުއަސާސީގައި މި އޮންނަނީ. ވެރިކަން ސްމޫތް ކަމާ އެކު ހިންގަން ހުންނަވަނީވެސް އެބޭފުޅާ. މިކަން އެބަ ރަނގަޅުވާން ޖެހޭ ގައުމަށް ހަމަޖެހުމެއް ގެންނަން،" ޝަރީފް ވިދާޅުވި އެވެ.

ސްރީލަންކާއިން މިސާލު ނަންގަވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ރައީސްއަށް އޮންނަ ބާރުތައް މަޖިލީހުން މާ ބޮޑަށް ހަނިކުރުން އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫނެވެ. މިއަދު އޭގެ ނަތީޖާއަކަށް ވަނީ ޝަރީފް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަކިވެފައި އޮތުމުގެ މަފްހޫމް މުޅިން އޮޅި، ހަމަނުޖެހުމާއި އަރައިރުމަށް ގައުމު ސޮއްސާލުމެވެ.

މީގެ އިތުރަށް ވެސް، އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރުން ވަކިކުރުމުގެ ކަންކަން ވެސް މިހާރު ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތީ ވަރަށް ބޮޑަށް ވެރިކަން ހިންގަން ހުންނަ ބޭފުޅަކަށް ޖެއްސުން ކުރެވޭ ގޮތަށް ކަމަށެވެ. ޝަރީފް ވިދާޅުވީ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއްގެ ބަދަލުގައި އެކަމަކީ، ވަރަށް ދިގު މަރުހަލާއަކުން ކުރެވޭ ކަމެއްގެ ގޮތުގައި އޮންނަން ފެނެ އެވެ. އެހެން ނޫން ނަމަ، މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ނުކުރެވޭ ވަރަށް ކަންކަން ފިއްތާލުމުގެ ސަގާފަތެއް އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އެބޭފުޅާގެ މަސްއޫލިއްޔަތު އަދާކުރަން އައްޔަން ކުރާ ބަޔަކު އެހާ ފަސޭހައިން މަޖިލީހަށް ވަކިކުރެވޭނެ ގޮތެއް އޮވެގެން ނުވާނެ. އޭގެ ބަދަލުގައި އެމެރިކާގައި އޮންނަ ފަދަ ވަރަށް ދިގު އިމްޕީޗް ޕްރޮސެސްއެއް އޮންނަން ޖެހޭނީ. އެހެން ނޫނީ އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަން ކުރަން ހުންނަ މީހަކަށް ޖެއްސުން ކުރަން ގަސްތުގައި މަޖިލީހުން ކަންތައްތަކެއް ކުރާތަން. އެ ތަޖުރިބާ އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެހެންވީމާ، އެއީ އަޅުގަނޑުމެން ފުރުސަތު ދޭންވާނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

"އޭރު ވިލް އޮތް ގޮތްވީމާ، ހާލަތު އޮތް ގޮތްވީމާ ގާނޫނުއަސާސީ އެގޮތަށް ފާސްވެގެން އައީ. އެކަމަކު ތަޖުރިބާއަށް ބަލާ ރިވިސްޓް ކުރަން ޖެހޭ ކަންކަން އެބަހުރި،"

ފެހި ގާނޫނުއަސާސީ ތަސައްވަރު ކުރީ، އަދި އަކުރުން އަކުރަށް ލިޔުނީ ވެސް ވެރިކަން ކުރާ ބާރާއި، ގާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ވަކިކުރުމަށެވެ. އަދި އެއް ބާރުން އަނެއް ބާރަށް ޒިންމާދާރު ކުރެވޭނެ ޗެކް އެންޑް ބެލެންސް ނިޒާމެއް ގާނޫނުއަސާސީއިން ގާއިމްކުރި އެވެ. ބޭނުމަކަށްވީ، ގާނޫނުއަސާސީގެ ޗާޓުން ބޭރަށް އެއްވެސް ބާރަކަށް ނުދެވޭނެ ދިފާއެއް ގާއިމްކުުރުމެވެ.

ޝަރީފް އަދި ޑރ. ހަސަން ވެސް ފާހަގަ ކުރެއްވީ، މައްސަލަތައް ދިމާވާން ފެށީ ޗެކް އެންޑް ބެލެންސް ނޫނީ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ގާއިމް ކުރި ގޮތުން، ބާރުތަކަށް ހުދޫތައް އޮޅޭ ހިސާބަށް ކަންކަން ދިޔުމެވެ. އޭގެ ސަބަބުން އަމާން އޮމާން ވެރިކަމުގެ ނިޒާމާއި ހަމަޖެހޭ ދިވެހިރާއްޖެއެއްގެ ތަސައްވަރު ދިވެހިންނަށް ގެއްލޭ ފަހަރުތައް އަންނަކަމަށް އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވަނީ އެވެ.

ނަމަވެސް، ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) އެ ވާހަކަތަކަށް އެއްބަސްވެ ވަޑައެއްނުގަންނަވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުއަސާސީގައި ބާރުތައް ވަކިކޮށްފައި އޮތް މަފުހޫމުގައި މައްސަލައެއްނެތެވެ. އަދި ގާނޫނުއަސާސީ އޮތްގޮތުން ވެރިކަން ހިންގުމަށް ދަތިވާ ކަމަށް ބުނަނީ، ބާރުގައި ތިބޭ ފަރާތްތަކަށް، "ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ނުކުރެވިގެން" ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީ ހެދީ ރައްޔިތުންގެ ހައްގުތަކަށް ވެރިން ހިތުހުރިގޮތަކަށް އަރައިގަތުމުގެ ސަގާފަތް ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ބާރުތައް ވަކިވެފައި އޮތް ގޮތުން، އެ މިންވަރުން އެ މަގުސަދު ކިތަންމެހާ ވެސް ރަނގަޅަށް ހާސިލްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ގާނޫނުއަސާސީގެ މައްސަލައެއް ނޫން އެއީ ވެރިކަމަށް އަންނަ މީހަކަށް އެޔާ އެއްގޮތަށް ވެރިކަން ކުރަން ނޭނގުމަކީ. ބާރުތައް ބެހޭ ގޮތް ވަރަށް ތަފްސީލްކޮށް ވަނީ ގާނޫނުއަސާސީގައި ލިޔެފައި. މައްސަލައަކީ މަގާމުތަކަށް އަންނަ ބޭފުޅުންގެ ވިލް، އިހުލާސްތެރިކަން އެބޭފުޅުންގެ ނެތުން. ގާނޫނުއަސާސީ އަކީ މުހިންމު އެއްޗެއް ކަމަށް އެބޭފުޅުން ނުބެއްލެވުން. ރާއްޖޭގައި ކޮންމެހެން ބަރުލަމާނީ ނިޒާމެއް ނޫނީ އެމެރިކާގައި އެ އޮންނަ ރިޔާސީ ނިޒާމު އޮންނާކަށް ނުޖެހޭ. އަޅުގަނޑުމެން ބެލިން ދުނިޔޭގެ 20 ގައުމެއްގެ ގާނޫނު އަސާސީ. އެކި ގޮތަށް އޮންނަނީ. އެއްގޮތެއް ނުވޭ އެއްވެސް ތާކު. ހަމަ އެކި މަސްހުނި ގޮތްތައް އޮންނަނީ. ރާއްޖޭގައި އުފަންކޮށްފައި މި އޮތީ ރާއްޖޭގެ ނިޒާމު. ރާއްޖޭގެ މިނިޒާމަށް ވެރިކަން ނުކުރެވޭ ބޭފުޅުން ބަހަނާ ނުދައްކަވާ އިސްތިއުފާދެއްވުން އެއީ ރަނގަޅު ގޮތަކީ. މި ނިޒާމަށް ވެރިކަން ކުރަން ގާނޫނު ހަދަން ޝަރީއަތް ހިންގަން ފަރިތަވާންވީ. އެއީ ހައްލަކީ،" އިބުރާ ވިދާޅުވި އެވެ.

އަދުލު އިންސާފުގެ ހުރަހަކަށް ގާނޫނުއަސާސީ؟!

ނޫ ގާނޫނުއަސާސީއާ ހިލާފަށް ފެހި ގާނޫނުއަސާސީއިން އުފަންކުރި އެންމެ މުހިންމު އެއް މަފްހޫމް އަކީ ނުފޫޒެއް ނެތް މިނިވަން ފަނޑިޔާރުގެއެއް ރައްޔިތުންނަށް ލިބުމުގެ ހައްގެވެ. އެހެން ނަމަވެސް، 12 އަހަރުވީއިރު އެ ހައްގު ރައްޔިތުންނަށް ލިބުނުތޯ އެއީ ރައްޔިތުން ކުރާ ސުވާލެކެވެ. ފަނޑިޔާރުގެއަކުން އިންސާފުވެރި ހުކުމެއް ނުކުމެދާނެ ކަމަށް އަދިވެސް ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގެ ސިޔާސީ ނުފޫޒާއި ބާރުވެރިންގެ އަތްދަށުން މިނިވަން ވެފައި އޮތް ކަމަށް އަދިވެސް އާންމު ރައްޔިތު މީހާއަށް ގަބޫލެއް ނުކުރެވެ އެވެ. ފެންނަ މަންޒަރުން މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް އޮތްކަމަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ.

އެކަމަކު، އެ މަގުސަދަށް ޓަކައި ގާނޫނުއަސާސީގައި އެތައް މާއްދާއެއް ލިޔެ ނިޒާމްތަކެއް ކަނޑައެޅި އެވެ. ނަމަވެސް، އެ ނިޒާމް ފެއިލްވެއްޖެ ކަމަށް ގަނޫނުއަސާސީ ވުޖޫދު ކުރުމުގެ މަސައްކަތުގައި އުޅުއްވި ގިނަ ބޭފުޅުން ވެސް ތަޖުރިބާގެ އަލީގައި މިއަދު ގަބޫލު ކުރައްވަ އެވެ.

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. ހަސަން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުންގެ ކަންކަން ބެލުމަށް އުފެއްދި، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަކީ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަދުލު އިންސާފުގެ ހައްގު ރައްޔިތުންނަށް ހޯދައިދެވޭނެ ގޮތަކަށް އެކުލަވާލެވިފައިވާ މުއައްސަސާއެއް ނޫނެވެ. ޑރ. ހަސަން ވިދާޅުވި ގޮތުގައި ސީދާ މަޖިލީހުގެ ނުފޫޒާއި ބާރު ފަނޑިޔާރުގެއަށް ވަންނަ ގޮތަށް ޖޭއެސްސީގެ އެކުލަވާލާހާ ހިނދަކު ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ އެވެ. އޭގެ ސަބަބުން، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގުން އާންމުން މަހުރޫމުވެ އެވެ. އަދި ގާނޫނުއަސާސީއަކީ އޭގެ ޒާތުގައި އެކަމަށް ހުރަސް އަޅާ އެއްޗަކަށް ބަދަލުވެދެ އެވެ.

ޑރ. ހަސަން ވިދާޅުވި ގޮތުގައި އޭގެ ބަދަލުގައި ޖޭއެސްސީއަކީ މަޖިލީހުގެ ބައިވެރިވުމެއް ނެތި، އަދި ހުދު ފަނޑިޔާރުންގެ ބާރުވެސް ކުޑަވާނެ ގޮތަށް އެކުލަވާލަން ޖެހޭ ކޮމިޝަނެއް ކަމަށް އޭނާއަށް ގަބޫލު ކުރެއްވެ އެވެ. އަދި ރައްޔިތުންގެ އިތުބާރު ޝަރީއަތް ކުރުމުގެ ބާރަށް ހޯދައިދެވޭނީ އެ އިސްލާހުގެ ތެރެއިން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އޭރު ގާނޫނުއަސާސީ ހެދިއިރު މިހާރު މި އޮތް ޖޭއެސްސީގެ މޮޑެލް ގެންނަން އުޅުނީމާ އަޅުގަނޑު ބުނިން މިއީ ހެޔޮވާވަރު މޮޑެލްއެއް ނޫނޭ. އަޅުގަނޑު ދެކޮޅު ހެދިން. މޮޑެލްގެ މައްސަލައިގެ އިތުރަށް ޖޭއެސްސީއަށް އަންނަ މީހުންގެ ބެކް ގްރައުންޑްއާ މި އެއްޗިހި ވެސް ނުބައި. ނަތީޖާއަކަށް މިވަނީ، ކުރީގެ ޖަސްޓިސް މިނިސްޓްރީއަށް މިފަހުން ޖޭއެސްސީ ބަދަލުވެގެން މިދަނީ. ޖޭއެސްސީއިން ހުރިހާ ގާޒީންނަށް ބިރުދެއްކުމާ، ވަޒީފާގައި ބެހެއްޓުމާ ވަކިކުރުމާ މާ ބޮޑަށް ވަދެގެން މި އުޅެނީ މީގެ ތެރެއަށް. އެއް އިރެއްގައި ވެސް މިއީ ޖޭއެސްސީގެ ދައުރެއް ނޫން. ޖޭއެސްސީއިން މި ނިންމަނީ އަޑުއެހުންތައް ބާއްވާނެ ގޮތްވެސް. މިފަހުން ވެސް މި ނިންމަނީ ކުއްލިއަށް މި ބަންދުގައިވެސް އަޑުއެހުންތައް ބާއްވަންވީއޭ. އެކަމަކު ޖޭއެސްސީއަކީ އެހާ އިންކްލޫސިވް ބާރެއް ދީފައި އޮންނަން ޖެހޭ ބައެއް ނޫން،" ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ހުށަހަޅުއްވާ ގޮތަކީ ގާނޫނީ ދާއިރާގެ ޓެކްނިކަލް ބޭފުޅުންނާއި ބާ ކައުންސިލާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ބޮޑު ކުރެވޭ ގޮތަކަށް ފަނޑިޔާރުގެއަށް ފާރަވެރިވެވޭނެ ނިޒާމެއް އުފެއްދުމެވެ. އެހެން ނޫނީ ގާނޫނުއަސާސީއިން ރައްޔިތުންނަށް ހޯދައިދޭން ވައުދުވެފައިވާ އިންސާފު ރައްޔިތުންނަށް ހޯދައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެން ނަމަވެސް، އިބުރާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ މިހާރު އޮތްގޮތަށް ވުރެ، އެ ކޮމިޝަންގެ އެކުލަވާލާނެ އެ ނޫން ރަނގަޅު ގޮތެއް ނެތެވެ. އަދި ޖޭއެސްސީއަކީ ގާނޫނުއަސާސީގައި އެކުލަވާލާފައިވާ ހުރިހާ މުއައްސަސާއެއްގެ، ބްރޭކިން ޕޮއިންޓު ކަމަށް އިބުރާ ވިދާޅުވެ އެވެ. ތިލަކޮށް ބުނާ ނަމަ، ގާނޫނުއަސާސީގެ ހުރިހާ ބާރެއް އެކުވާ މުއައްސަސާއަކީ ޖޭއެސްސީ އެވެ. އެ މުއައްސަސާ އުފެދެނީ ބާރުތައް މަސްހުނިވާ ގޮތެއްގެ މަތިންނެވެ.

އިބުރާ ވިދާޅުވީ ގޮތުގައި އެތަނަށް ހޮވޭ ފަރާތްތަކަކީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ މީހުން އެވެ. ގާނޫނުއަސާސީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވީމާ، ރައްޔިތުންގެ ރުހުން އޮންނަ ބަޔަކު ޖޭއެސްސީއަށް އިންތިހާބު ވުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް (އިބްރާ) --

"ޖޭއެސްސީ މި އިންނަނީ ހުރިހާ ބާރެއްގެ ފަރާތްތައް މަސްހުނިވެގެން އުފެދިފައި. ވެރިކަން ހިންގާ ފަރާތް، ދައުލަތުގެ ބަންޑާރަ ނައިބު، މަޖިލިސް ފަނޑިޔާރުގެއިން ބޭފުޅުން. އާންމުންގެ ތެރެއިން ބޭފުޅެއް ދެން އޭގައި ވިޔާ ނުދާ އެއްޗެއް އޮތީ އިތުރުކޮށްފައި. އެއީ ގާނޫނީ ވަކީލުންގެ ތެރެއިން ބޭފުޅެއް. އޭގެއިން މިވާކަމަކީ ނުބައި ނަތީޖާއެއް ނިކުންނަނީ. އެ ގާނޫނީ ވަކީލު އެބަވޭ މައްސަލަތައް ނިންމަން ނުފޫޒު ބޭނުން ކުރާ މީހަކަށް ޖޭއެސްސީ ބޭނުންކޮށްގެން. އެހެން ނޫނީ އޭގައި [ޖޭއެސްސީ]ގައި މައްސަލައެއް ނެތް. ރައްޔިތުން މަޖިލީހަށް ރައްޔިތުން މެންބަރުން ހޮވަނީ، ރައީސުލްޖުމްހޫރިއްޔާ ހޮވަނީ. ގިނަ ރައްޔިތުން އެމްޑީޕީއަށް ހުރިހާ ބާރެއްހެން ދީފައި އޮތީމާ ޖޭއެސްސީއަށް އެ ފޯމޭޝަން އައިސްގެން އުޅެނީ،" އިބުރާ ވިދާޅުވި އެވެ. އޭނާގެ ނަޒަރުގައި މިކަމުގައި ވެސް ރައްޔިތުންގެ ވިސްނުން ބަދަލުވާންވީ އެވެ.

"ޑިމޮކްރަސީއެއްގައި ގިނަ ރައްޔިތުން ބޭނުންވާ ގޮތް މި ވަނީ. އެހެން ވީމާ ރައްޔިތުންގެ ވިސްނުން ބަދަލުވީމާ ޖޭއެސްސީވެސް އޮންނާނީ ރަނގަޅަށް. އެއްބަޔަކަށް މިހާ ބޮޑު ބާރެއް ދިނުން ރަނގަޅު ނޫންކަން ރައްޔިތުން ގަބޫލު ކުރަންވީ. އެ ދުވަހަކުން ރަނގަޅުވާނީ،" އިބުރާ ވިދާޅުވި އެވެ.

މިހާރު ގާނޫނުއަސާސީއިން އަދުލު އިންސާފުގެ ބާރު ތަރުތީބުކޮށްފައި އޮތްގޮތުން، ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބިއްޖެ ނަމަ، ޝަރުއީ ދާއިރާ އެ ފަރާތެއްގެ ބާރުގެ ދަށަށް ދިޔުމުގެ މަގު އޮތީ ހުޅުވިފަ އެވެ. ގާނޫނުއަސާސީއާ މެދު ކުރެވޭ ބަހުސްތަކުގެ ތެރެއަށް އަދުލު އިންސާފު ގާއިމް ނުކުރެވުމުގެ ބަހުސާއި ޖޭއެސްސީގެ އެކުލެވުމުގެ ބަހުސް ގުޅެނީ މިހެންވެ އެވެ. ގާނޫނުއަސާސީއަށް 12 އަހަރު ފުރޭއިރު، ދިވެހިންނަށް ހައްގުވާ، އަދުލު އިންސާފެއް އަދިވެސް ނުލިބިގެން އުޅެނީ ގާނޫނުއަސާސީން އުފަން ކުރާ ޖޭއެސްސީގެ ސަބަބުން، ޝަރުއީ ދާއިރާއަށް ވަންނަ ސިޔާސީ ނުފޫޒުން ކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑަށް ވެސް އެބައޮތެވެ. މިއީ ޖޭއެސްސީގެ ފޯމޭޝަން ބަދަލުކޮށްލަން ބަހުސް ފަށަންވީ ރަނގަޅު ވަގުތެކެވެ.

އުފަންވީ ހަރަދުބޮޑު، ދިވެހިން ފަރިތަނުވި ނިޒާމެއް

ގާނޫނުއަސާސީ އެކުލަވާލުމުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން 12 އަހަރު ފަހުން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި ތަސައްވަރު ކުރި އޭގެ ހަގީގީ ފައިދާތައް އާންމު ރައްޔިތު މީހާއާ ހަމައަށް ނުފޯރައިގެން މި އުޅެނީ، ގާނޫނުއަސާސީއިން އުފަންކުރުވާފައި މި އޮތް ނިޒާމަށް ދިވެހިން އަދިވެސް ފަރިތަނުވާތީ އެވެ.

ގާނޫނުއަސާސީގައި އުސޫލީ މާ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އެބޭފުޅުން އިއްތިފާގުވެ އެވެ. ނަމަވެސް މައްސަލައަކީ، އެ އެ ނިޒާމު ހިންގަން އަންނަ ސިޔާސީ ވެރިންގެ އިހުލާސްތެރި ކަމެއް ނެތުމެވެ. ނަތީޖާއަކަށް ވަނީ ބާރުތައް މުށުތެއަށްލާ ރައްޔިތުން ފިއްތާލުމެވެ. އިދިކޮޅު ހިޔާލަށް ފުރުސަތު ނުދީ، ތަފާތު ހިޔާލުގެ ކޮންމެ މީހަކީ ދުޝްމަނެއް ކަމުގައި ބަލައި އެ މީހަކަށް ދަތިކުރުމުގެ ސަގާފަތެއް ރާއްޖޭގައި އެބަ އޮތެވެ. އަމިއްލަ އެދުމާއި ސިޔާސީ މަންފާ ގާނޫނުއަސާސީ ހިންގުމަށް ސިޔާސީ މީހުންނަށް ބޮޑުވެ އެވެ.

"ކުޑަ މިސާލެއް، ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރުން، ކޮރަޕްޝަން ހުއްޓުވަން ގާނޫނުއަސާސީގައި އަޅުގަނޑުމެން ނުލިޔަނީ ކޮން މާއްދާއެއްތޯ އެކަން ހުއްޓުވަން. ހުރިހާ ކަމެއް، އެންޓިކޮރަޕްޝަން ކޮމިޝަނެއް ފާރަވެރިވާނެ އުސޫލެއް ހިމެނިން. އެހެން ނަމަވެސް، ދުވަހަކު ކޮރަޕްޝަން ނެތް މިންވަރަށް ހިޔާނާތުގެ ކަންކަން މިއަދު އެބަ ހިނގާ. އެކަން ނުހުއްޓުވޭ. އާންމުވެއްޖެ އެކަން. ދެން އެއީ ގާނޫނުއަސާސީގެ އުނިކަމަކުން ވާކަމެއް ނޫން. ސިޔާސީ މީހުންގެ އިހުލާސްތެރިކަން ނެތުން އޭގެ އަސްލަކީ،" އިބުރާ ވިދާޅުވި އެވެ.

"މި ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން، 2008 އަށް ފަހުވެސް މިއައި އެއްވެސް ބަޔަކު ވެރިއަކު ބޭނުމެއް ނޫން ގައުމަށް ރައްޔިތުންނަށް އިހުލާސްތެރިވެގެން ކަންކަން ކުރަން. އެހެން ނޫން ނަމަ، ގާނޫނުއަސާސީ އެގޮތުގައި ރައްޔިތުންނަށް ހިންގައިދޭނެ. ހުރިހާ ވެސް މައްސަލައަކީ އިހުލާސްތެރިކަން އަޅުގަނޑުމެންގެ ލީޑަރުންގެ ނެތުން. ގައުމަށް ވުރެ އަމިއްލަ ސިޔާސީ އެޖެންޑާ، ސިޔާސީ މަންފާ ނަގަން ބޭނުންވުން،"

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ/ ރައީސް އޮފީސް

ނަތީޖާއަކަށްވީ ގާނޫނުއަސާސީއިން ދިވެހިންނަށް ލިބުނީ މިއިން ދުވަހަކު ދިވެހިންނަށް ނުދެކޭ ވަރުގެ ބިޔަ ބޮޑު ނިޒާމެކެވެ. އެ ބުރަހެލިކަމާ އެއްވަރަށް ނިޒާމުވެސް ވީ، ހަރަދު ބޮޑު ނިޒާމަކަށެވެ.

މަވޯޓާ ޝަރީފް ވިދާޅުވި ގޮތުގައި، އޭރުގައި ބެލީ ބޭރުގެ ބޮޑެތި ގައުމުތަކަށް ވުރެވެސް ގިނަ މުއައްސަސާތައް ރާއްޖޭގައި އުފެއްދުމަށެވެ. އޭގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން، ރާއްޖެ ފަދަ ކުޑަ ގައުމެއް ފަންގްޝަން ކުރަން ކުޅަދާނަ ނުވާ ވަރަށް މުއައްސަސާތައް އުފަންވެ، ހަރަދުތައް އިތުރުވުން ދިޔުން ނޫންކަމެއް ދިވެހިންނަށް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްސަސާތައް ފަންގުޝަން ނުވެ އޭގެ ފައިދާއެއް ނުވި އެވެ.

"އޭރުގައި ބޭރުގެ ޕްރެޝަރުތައް ވެސް ހުރީމާ ބެލިފައި އޮތީ ބޭރުގެ ގައުމުތަކުގައި އޮތް ކޮންމެ މުއައްސަސާއަކަށް މުއައްސަސާއެއް ހަދަން. އަދި އެއަށް ވުރެ އިތުރަށް ވެސް ހަދަން. މީގެއިން ގާނޫނުއަސާސީގައި އެ ބުނާ މަގުސަދު ހާސިލްނުވާ އެތައް ކަމެއް ފަހިވެގެން ދިޔަ. އެހެންވީމާ މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް މިއަދު. މިއީ ތަޖުރިބާއަށް ބަލާ އަޅުގަނޑުމެން ރިވައިޒް ކުރަން ޖެހޭކަންކަން،" ޝަރީފް ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީގެ ހިޔަލުގައި ދިވެހިން މި ހޭދަކުރި ދުވަސްތަކުން ތަފާތު ތަޖުރިބާތަކެއް ލިބިއްޖެ އެވެ. އެ ތަޖުރިބާތަކާ އެކު، ފެހި ގާނޫނުއަސާސީއާ މެދު ބަހުސްތައް އެބަ އޮތެވެ. އެ ބަހުސްތަކާ އެކުވެސް ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި، މިހާރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެއްވީ އުންމީދީ މެސެޖެކެވެ. ވިދާޅުވީ؛ މި ގާނޫނުއަސާސީ ކަމުނުގޮސްގެން އުޅެގަންނަން އަދި މާ އަވަސްކަމަށެވެ. އަދި 12 އަހަރަކީ އާ ނިޒާމަކަށް ދިވެހިން ލޯ ހުޅުވެ ފަރިތަވާން އަދި ކުރު މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނިޒާމަށް ރަނގަޅަށް ދިވެހިން ހޭނުމުން ގާނޫނުއަސާސީގައި މައްސަލައެއް ނޯންނާނެ ކަމުގެ އުންމީދު އޭނާ އާކުރައްވަ އެވެ.

"ގާނޫނުއަސާސީގައި މައްސަލައެއް ނެތް. މީގައި ވެރިކަން ކުރަން ދަސްކުރަންވީ. ގާނޫނުއަސާސީގައި ލާޒިމްކޮށްފައި ހުރި ގާނޫނާއި ގަވާއިދުތައް ހަދަންވީ. ކޮންމެ ކަމެއް ކުރުމުގެ ކުރިން އެއީ ގާނޫނީ އިމުން ކުރާ ކަމެއްތޯ ބަލަންވީ. މި ގާނޫނުއަސާސީއަށް އަޅުގަނޑުމެން އެންމެން އަހުލުވެރިވާންވީ. އޭރު ހުރިހާ ކަމެއްވެސް ދާނީ ބަރާބަރަށް،" ގާސިމް ވިދާޅުވި އެވެ.