09 Jan 2012, 15:05
"ޑިސާސްޓާސް ޕްރިޕެއާޑްނެސް ވީކް" ގެ ނަމުގައި ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ހާއްސަ ޑްރިލްތަކެއް ހިންގަން ނިންމައި އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ހިމަނައިފި އެވެ.
މިނިސްޓަރީގެ ޑިރެކްޓަރު ހުސެއިން ރަޝީދު ވިދާޅުވީ އެ ހަރަކާތްތަކަކީ ކުރިން ވެސް ސުކޫލުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށާއި ނަމަވެސް ހިރިޔާ ސްކޫލުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާދިސާތަކަށް ސްކޫލުތައް އިތުރަށް އަހުލުވެރި ކުރުމުގެ ގޮތުން އެ ހަރަކާތް ރަސްމީކޮށް އެކަޑަމިކް ކަލަންޑަރުގައި ހިމެނީ ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ ފެބުރުއަރީގައި އެ ހަރަކާތް ފަށާއިރު ހިންގަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ބާއްވާނީ ފެބުރުއަރީ 26 އިން މާޗް މަހުގެ އެކަކަށް ކަމަށެވެ. އަދި ދެވަނަ ޑްރިލް ބާއްވާނީ ޖުލައި މަހުގެ އަށަކުން 12 އަށް ކަމަށެވެ.
ހުސައިން ވިދާޅުވި ގޮތުގައި ޑްރިލް ބާއްވާނީ މިނިސްޓްރިން ތައްޔާރުކޮށްފައިވާ ގައިޑަކަށް ސުކޫލް ފެންވަރުގަ އެވެ. އަދި އެ ޑްރިލްތައް ހިންގަމުންދާނީ މިނިސްޓްރިން އެކަމަށް ތަމްރީން ކޮށްފައި ތިބި މީހުންގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ޑްރިލްތަކަށް އަމާޒުކޮށް ރާއްޖޭގެ ހަތަރު އަތޮޅެއްގެ ސުކޫލުތައް ފިޔަވާ ހުރިހާ ސުކޫލަކުން މިހާރު ވަނީ މީހުން ތަމްރީންކޮށްފަ އެވެ.
"އެ ޑްރިލްތައް ހިންގަމުންދާނީ މިނިސްޓްރީގެ ފަރާތުން ދީފައި އޮންނަ 'ޑްރިލް ގައިޑް' ގެ ދަށުން ކޮންމެ ސުކޫލެއް ވަކިވަކިން. މިހާރު އެކަމަށްޓަކައި ފ އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ އަތޮޅުގެ ސުކޫލުތައް ފިޔަވާ، ހުރިހާ އަތޮޅެއްގެ ސްކޫލްތަކުގައި އެއްބޭފުޅަކު ތަމްރީން ކުރެވިފައި ހުންނާނެ." ހުސެން ވިދާޅުވި އެވެ.