ކޮލަމްބޯ (އޮގަސްޓު 7): ސްރީލަންކާގައި ބުދަ ދުވަހު އޮތް އާންމު އިންތިހާބުން ނާކާމިޔާބުވެވަޑައިގެން، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި 43 އަހަރު ފުރުއްވަމުން ގެންދެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިންތިހާބީ މަޖިލިސް ގޮނޑި ގެއްލިއްޖެއެވެ.

ލަންކާގައި ބުދަ ދުވަހު ބޭއްވި ޕާލިމެންޓު އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ އިރު، ސީދާ ވޯޓުން ހޮވާ އެއްވެސް ގޮނޑިއެއް ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ލިބިފައި ނުވެ އެވެ. އެ ވޯޓުގައި ކޮންމެ ޑިސްޓުރިކްޓަކަށް މެމްބަރުން އިންތިހާބުވަނީ، އެ ޑިސްޓްރިކްޓަކަށް ވާދަ ކުރާ ޕާޓީތަކުގެ ތެރެއިން މަދުވެގެން ފަސް ޕަސެންޓު ވޯޓު ލިބޭ ޕާޓީތަކުންނެވެ.

އިންތިހާބުގައި ލަންކާގެ އެއްވެސް ޑިސްޓުރިކްޓަކުން ޔޫއެންޕީއަށް ފަސް ޕަސެންޓު ވޯޓު ލިބިފައި ނުވެ އެވެ. ވިކްރަމަސިންހަ ވާދަ ކުރެއްވި ކޮލަމްބޯ ޑިސްޓްރިކްޓުގެ ގޮނޑިއެއްވެސް ޔޫއެންޕީއަށް ނުލިބުނެވެ. އެ ޑިސްޓުރިކްޓުން ޔޫއެންޕީއަށް ލިބުނީ 2.61 ޕަސެންޓު ވޯޓެވެ. އަދި 57 ޕަސެންޓު ވޯޓާ އެކު އެ ޑިސްޓްރިކްޓުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ.

ވިކްރަމަސިންހަ އެންމެ ފުރަތަމަ ޕާލިމެންޓަށް އިންތިހާބުވީ މީގެ ކުރިން ވަކި އިލެކްޓޯރަލް ޑިސްޓްރިކްޓެއްގެ ގޮތުގައި އޮތް ބިޔާގަމައިން 1978ގަ އެވެ. އަދި 1989ގައި ބިޔާގަމަ، ގަމްޕަހަ އިލެކްޓޯރަލް ޑިސްޓުރިކްޓުގައި ހިމެނުމުން ވެސް އެ އަހަރުގެ ޕާލިމެންޓު އިންތިހާބުން ވިކްރަމަސިންހަ ގޮނޑިއެއް ކާމިޔާބު ކުރެއްވި އެވެ. އޭގެ ފަހުން ކޮލަމްބޯ ޑިސްޓްރިކްޓުގެ ގޮނޑިއެއް ވިކްރަމަސިންހަ ހޯއްދެވީ 1994ގަ އެވެ. އަދި އެ އަހަރު އޭނާ ޔޫއެންޕީގެ ލީޑަރު ކަމަށްވެ ވަޑައިގެން، އޭގެ ފަހުން ގެންދެވީ ކޮލަމްބޯއިން ގޮނޑި ދިފާއު ކުރައްވަމުންނެވެ.

ވިކްރަމަސިންހަ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. އެއީ 1993އިން 1994އަށް އަދި 2001އިން 2004އަަށް އަދި 2015އިން މިދިޔަ އަހަރާ ޖެހެންދެނެވެ.

ވިކްރަމަސިންހައަށް މިފަހަރުގެ އިންތިހާބުން އެހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި ވަނީ ޔޫއެންޕީގައި ބައިބައިވުންތައް އުފެދިފައި އޮންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔޫއެންޕީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަ ޕާލިމެންޓު އިންތިހާބުގައި ވާދަ ކުރައްވަން އާ އިއްތިހާދެއް ހެއްދެވި އިރު، ޔޫއެންޕީއިން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސަޖިތުގެ ޔުނައިޓެޑް ޕީޕަލްސް ފްރަންޓް (އެސްޖޭބީ)އާއެކު އިންތިހާބަށް ނުކުތުމަށެވެ. ނަމަވެސް ވިކްރަމަސިންހަ އެންމެ ފަހު ވަގުތު އެސްޖޭބީން އެ ޕާޓީ ވަކި ކުރެއްވި އެވެ. އެއާއެކު ޔޫއެންޕީގެ ގިނަ މެމްބަރުން ނިންމެވީ އެސްޖޭބީއާއެކު ޕާލިމެންޓުގައި ވާދަ ކުރާށެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަތީޖާގައިވާ ގޮތުން އެސްޖޭބީއަށް ޕާލިމެންޓުން 54 ގޮނޑި ލިބިފައި ވެއެވެ. އަދި އެންމެ ގިނަ އަދަދެއްގެ ވޯޓާއެކު ޕާލިމެންޓުގެ އަގުލަބިއްޔަތު ހޯދާފައި ވަނީވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީންނެވެ. އެ ޕާޓީއަށް 145 ގޮނޑި ލިބިފައިވެ އެވެ.

ލަންކާގެ ޕާލިމެންޓުގައި ތިއްބަވާ 225 މެމްބަރުންގެ ތެރެއިން ސީދާ ވޯޓުން ހޮވަނީ 196 މެމްބަރުންނެވެ. އަދި ބާކީ 29 ގޮނޑިއަށް މެމްބަރުން ކަނޑައަޅަނީ ކޮންމެ ޕާޓީއަކަށް ލިބޭ ވޯޓުގެ މިންވަރަށް ބަލާފައި، ނޭޝަނަލް ލިސްޓު މެމްބަރުންގެ ގޮތުގައެވެ. އެވެ. އެހެންކަމުން ނޭޝަނަލް ލިސްޓު މެދުވެރިކޮށްވެސް މަޖިލީހުގެ ސްލޮޓުތައްވެސް ޕާޓީތަކަށް ލިބޭނީ ޕާލަމެންޓުގެ އަގުލަބިއްޔަތު ލިބޭ މިންވަރަށް ރިއާއަތްކޮށެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އެސްއެލްޕީޕީއަށް 146 ގޮނޑި ލިބިފައި ވަނީ ނެޝަނަލް ލިސްޓު ގޮނޑިތަކާ އެއްކޮށެވެ. އަދި ޔޫއެންޕީއަށް 2.15 ޕަސެންޓު ވޯޓު ލިބިފައި ވުމުން އެޕާޓީއަށް ނެޝަނަލް ލިސްޓު އެއް ގޮނޑި ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާގައިވެ އެވެ.

އެހެންކަމުން ވިކްރަމަސިންހަގެ ސީދާ އިންތިހާބީ ގޮނޑި ދިފާއު ނުކުރެވުނު ނަމަވެސް، ނޭޝަނަލް ލިސްޓުން އޭނާގެ ޕާޓީއަށް ލިބުނު ހަމައެކަނި ސްލޮޓުގައި އޭނާއަށް ޕާލަމެންޓުގެ މެމްބަރުކަމަށް އައުމުގެ ފުރުސަތު ބޮޑެވެ.