"ގާނޫނުއަސާސީއަކީ އަޅުގަނޑުމެން އިރުއިރުކޮޅުން އިސްލާހު ކުރެވޭނެ އެއްޗެއް ނޫން. އެހާފަސޭހައިން އިސްލާހު ކުރެވޭނެ ގޮތަކަށްނޫނޭ އަޅުގަނޑުމެން މި ނިންމަމުން މި ގެންދަނީ ވެސް،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ 267 ވަނަ ޖަލްސާގައި އޭރުގެ އައްޑު އަތޮޅު މެމްބަރު އަދި މިހާރުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް ވިދާޅުވީ މިހެންނެވެ. މި ވާހަކައަކީ ގާނޫނުއަސާސީ އެކުލަވާލެވުނުއިރު ވަރަށް ބާރަށް ދެކެވުނު ވާހަކަ އެކެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ސިޔާސީ މަންފާއެއް ހޯދުމަށް ނުވަތަ ސަރުކާރަކުން ބޭނުންވީމާ ބޭނުން ވަގުތެއްގައި ކުރެވެން ވާނެ ކަމެއް ނޫން ކަމަށް އޭރުގައިވެސް ވާހަކަ ދެކެވުނެވެ.

އޭރުގެ ވާހަކަތަކާއި ގާނޫނުއަސާސީ އެކުލަވާލެވުނު އިރު ދެއްކި ވާހަކަތަކުގެ ރޫހަށް ބަލާއިރު މިއަދު އަމަލުކުރެވެމުން ދަނީ އެގޮތަކަށް ނޫނެވެ. ބޭރުފަރާތަކަށް ރަށެއް ވިއްކާލަން ބޭނުންވީމާ، ބޭނުންވާ މީހަކު މަގާމަކަށް ގެންނަން ބޭނުންވީމާ ނުވަތަ ވެރިކަމުގައި ހުންނަން މީހާ ބޭނުންވާ ހައްގެއް ހިފަހައްޓަން ބޭނުންވީމާ ގާނޫނުއަސާސީ ބަދަލުކުރަން ހިނދުކޮޅެއްވެސް ނުނަގަ އެވެ. ބޭނުންވާ އަދަދަށް މެމްބަރުންގެ ވޯޓު ނެތިޔާ ފައިސާ ދީ ވޯޓު ގަނެގެންވެސް ގާނޫނުއަސާސީ ބަދަލުކުރި ކަމީ ހަގީގަތެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭގޮތަށް ގާނޫނުއަސާސީގައި ލިޔެފައި ވަނިކޮށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެ މާއްދާ ބަދަލުކުރީ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށެވެ. އަނެއްކާ މިހާރު އޮތް 19 ވަނަ މަޖިލީހުން އެ އިސްލާހު އިހުއޮތް ގޮތަށް ބަދަލުކުރިއިރު ކުރިން 18 ވަނަ މަޖިލީހުގައި ވޯޓު ދެއްވި މެމްބަރުންވެސް އަނެއްކާ މިފަހަރު އެ އިސްލާހު ފާސްކުރަން ވެސް ވޯޓު ދެއްވި އެވެ. އެއީ ކުޅިވަރަކަށް ގާނޫނުއަސާސީއާ ކުޅުން ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު، އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވި ގޮތުގައި ހިތަށް އަރާ ކޮންމެ ފަހަރަކު ގާނޫނުއަސާސީ ބަދަލުކޮށްލުމުން ދޭހަވަނީ ހަދާ މަޖިލީހުގެ މެމްބަރުންގެ އިހުލާސްތެރިކަމެއް ނެތުމެވެ. މަޖިލީހުގެ މެމްބަރުން ގާނޫނުއަސާސީ އާއި ގާނޫނީ އޮނިގަނޑަށް އަމަލު ނުކުރުމަކީ ގާނޫނުއަސާސީގައި އޮންނަ އުނިކަމެކޭ ބުނެވޭކަށް ނޯންނާނެ ކަމަށް އިބުރާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ގާނޫނުއަސާސީއަށް މާގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަކަށް." އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ ފާސްކޮށްފައި އޭގެ ދަށުން 70 އެތަށް ގާނޫނެއް ހަދަން ލިސްޓެއް ހެދި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އެގޮތަށް ކުރެވިފައި ނުވާ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުން އެކަން ކުރަން މަސައްކަތްވެސް ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މަޖިލީހުން ކަމެއް ފާސްވުމުގެ އަގުލަބިއްޔަތު ދަށް ކުރުމަށް ބާރުއަޅައި އޭރުގެ އައްޑު އަތޮޅު މެމްބަރު އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވާހަކަފުޅުވެސް ދައްކަވާފައިވެ އެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކާއި ގުޅިގެން ތަފްސީލީ ގާނޫނުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ހަދަން ޖެހޭނެ ކަމަށެވެ.

"އެހެން ހަދަން ޖެހޭއިރު މަޖިލީހުން ކަމެއް ފާސްކުރެވޭ އަގުލަބިއްޔަތު ދަށްކޮށްފައި ބޭއްވުމަކީ އަޅުގަނޑަށް ހީވަނީ މި މަސައްކަތް ފަސޭހަވެގެން ދާނެ ކަމެއްހެން. އެހެންވީމާ އެގޮތުގެ މަތިން ހަމަ ޖެއްސުމަކީ އަޅުގަނޑަށް ހީވަނީ މަޖިލީހުގެ މަސައްކަތް އަވަސްވެ ހަލުވިވެ އަދި ފުރިހަމަ ނަތީޖާ ކުރުމުއްދަތެއްގެ ތެރޭގައި ހާސިލު ކުރުމަށް ބާރުއެޅިގެންދާނެ ކަމެއްހެން." ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 248 ވަނަ ޖަލްސާގައި 23 ޖެނުއަރީ 2008 ގައި ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.

އޭނާގެ އެވާހަކަތަކާ ގުޅިގެން ގާނޫނުއަސާސީގައި އެގޮތަށް ލިޔުނެވެ. ރައްޔިތުންގެ މަޖިލީހުގައި ނިންމުމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ވަނީ ލިޔެފަ އެވެ. އެކަމަކު ގާނޫނުއަސާސީ ބަދަލުކުރެވޭނީ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެން ކަމަށް ކަނޑައަޅައި އެކަން ހަރުކަށިކުރި އެވެ.

އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

ފަސޭހައިން ފާސްކުރެވެން އޮވެމެ، ރައްޔިތުންނަށް މުހިންމު ގާނޫނުތަކެއް ނުހަދައި ބޭނުންވީމާ ގާނޫނުއަސާސީ ބަދަލުކޮށްލަން މެމްބަރުން ހަމަކުރާ ކުރުމާމެދު ރައްޔިތުންވެސް ވިސްނަން ޖެހެ އެވެ. އިބުރާ ވިދާޅުވާ ގޮތުން އެ ގާނޫނުތައް ނުހަދާ ގާނޫނުއަސާސީގެ ހަގީގީ ފޮނިމީރު ކަމެއް ނުލިބޭނެ އެވެ. އެކަމުން ދޭހަކޮށްދެނީ، އަދިވެސް ވެރިން ރައްޔިތުންނަށް ބާރުދޭން ބިރު ގަންނަގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީއާ ހިލާފު ގާނޫނާއި އަމުރު، ފިޔަވަޅެއް ނެތް

ވޭތުވެ ދިޔަ ފަސް އަހަރު ނުވަތަ އޭގެވެސް ކުރިން އާންމުކޮށް އިދިކޮޅުގައި ތިބޭ މީހުންގެ ފަރާތުން އިވޭނެ އަޑަކީ ވެރިކަމުގައި ހުންނަ މީހާ ގާނޫނުއަސާސީއާ ހިލާފުވާ ވާހަކަ އެވެ. ގާނޫނުއަސާސީއާ ހިލާފު އަމުރު ކުރާ ވާހަކަ އެވެ. ސުޕްރީމު ކޯޓަށް ދަންވަރު ސަލާމަތީ ބާރުތަކުން ވަދެ ފަނޑިޔާރުން ހައްޔަރު ކުރުން ގާނޫނުއަސާސީއާ ހިލާފެވެ. ކުއްލި ހާލަތު އިއުލާނު ކުރެވޭނެ ހާލަތްތައް ކަމަށް ބުނެ ބޭނުންވާ ގޮތަކަށް މާނަކޮށްގެން އެކަންވެސް ކުރި އެވެ.

ގާނޫނުއަސާސީއާ ހިލާފަށް ކޯޓުތަކުގެ ގާޒީއިން ހައްޔަރުކޮށް ވަކިތަނެއްގައި ބަންދުކޮށްގެންވެސް ގެންގުޅުނެވެ. މިހުރިހާ ކަމެއް ކުރަން އަމުރު ކުރި ވެރިންނާއި ގާނޫނުއަސާސީއާ ހިލާފު ގާނޫނުތައް ހެދި މަޖިލީހުގެ މެމްބަރުންނަށް އެއްވެސް އަދަބެއް ދީފައެއް ނުވެ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި މިހާރު މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނީ ނިޒާމު އޮތީ ވަރަށް ފުރިހަމައަށް ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފުވުމުން ނުވަތަ ގައިރު ގާނޫނީ އަމުރުކުރުމުން އަޅާނެ ފިޔަވަޅުތައް ގާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު އެކަމަށް ފިޔަވަޅު އެޅޭތަން ނުފެނުމަކީ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް ގާސިމް ގަބޫލު ކުރައްވަ އެވެ.

"ގާނޫނުއަސާސީއާ ހިލާފު ގާނޫނުވެސް ހަދާފައި އެބަހުރި. ހަދައިގެން އެފަދަ އަމަލުވެސް ހިންގާފައި އެބަހުރި. އަދި ވެރިން ތަސްދީގުވެސް ކޮށްފައި އެބަހުރި." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

މިނިސްޓަރަކު އޭނާ އަދާކުރުމަށް ހަވާލުކުރާ ޒިންމާ އަދާނުކުރީމަ ނުވަތަ ގޯސްކޮށް ކަމެއް ކުރީމަ އެކަމަށް ދޭ އަދަބެއް ނޯންނަ ކަމަށް ގާސިމް ވިދާޅުވި އެވެ. އެމީހަކު ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވެސް ދާންވީ ދިމާލަކަށް ދާންވީ ކަމަށާއި، އެގޮތަށް އެކަން ހިނގާނަމަ ރައްޔިތުންގެ ކުރިމަތީގައި ގާނޫނުއަސާސީއާ ގާނޫނުތަކުގެ އެގުވެއްޓޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެގޮތަށް ނިންމާލެވޭ ނިންމާލެވުން އެއީ އަޅުގަނޑު މިދެންނެވީ ގޯހެކޭ." ގާސިމް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަކީވެސް ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެކެވެ. ކުރިން އެނގުމަކާ ނުލައި މިނިވަންކަމާއެކު އެއްވެ އުޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިދެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް ގާނޫނަކުން އެކަން ހަނިކޮށްލީ އެވެ.

ކުރިން ނާންގާ އެއްވެވޭނީ ކާނިވާ ސަރަހައްދަށް ކަމަށް މިހާރު އޮންނަނީ ކަނޑައަޅާފަ އެވެ. އެ އިސްލާހާ ދެކޮޅަށް އެންމެ ބާރަށް ވާހަކަ ދެއްކީ އެމްޑީޕީ މެމްބަރުންނެވެ. މިހާރު އެމީހުން ވެރިކަމަށް އައުމަށް ފަހުވެސް އެ އިސްލާހު ހަމަ އެގޮތަށް އޮތީ އެވެ. އެ އިސްލާހު އުވާލަން މަޖިލީހަށް ވެއްދި ބިލު ކޮމިޓީ މަރުހަލާގައި ޕާކުކޮށްފައި އޮންނަތާ އަހަރެއް ވެއްޖެ އެވެ.

އޮގަސްޓް 5، 2016: އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނުއަސާސީއާ ހިލާފު ގާނޫނުތައް ހެދުމާއި އެއަށް އަމަލުކުރުމަށް ރައްޔިތުންނަށް މަޖުބޫރު ކުރުވުމާއި، ނުކޮށްފި ނަމަ އަދަބު ދިނުމަކީ ކުށެކެވެ. އެކަން ވެރިން ދަންނަން އެބަ ޖެހެ އެވެ. ގާނޫނުއަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް އޭގެ ހަގީގީ މާނާގައި ލިބެން އޮތީ އެގޮތަށެވެ.

ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ އެ ގާނޫނުއަސާސީއާ ހިލާފަށް ހަދާ ގާނޫނާއި ކުރާ އަމުރާއި ކުރާ ކަމަކީވެސް ބާތިލު ކަމެއް ކަމަށެވެ. އަދި އެއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

ރައްޔިތުންނަށް ގާނޫނުއަސީއިން ވަނީ ބާރުވެރިކަމެއް ދީފަ އެވެ. ކޮންމެ މީހަކުވެސް ފާހަގަކުރާ ފަދައިން އެބާރު ލިބިގަތުން އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ގާނޫނުއަސާސީއާ ހިލާފު އަމުރަށް ތަބާވާކަށް ނުޖެހޭނެ އެވެ. އަދި ބޭނުންވީމާ ބޭނުންކަމެއް ކުރަން ގާނޫނުއަސާސީ ބަދަލުކުރުމަކީ ހެދޭ ބޮޑު ގޯހެކެވެ. ގާނޫނުއަސާސީ ބަދަލުކުރުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެ އެވެ.