2008 ވަނަ އަހަރު ތަސްދީގުކުރެއްވި ފެހި ގާނޫނުއަސާސީއިން ކުރެހީ ދިވެހި ދައުލަތުގެ މުޅިން އާ ތަސްވީރެކެވެ. ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކޮށް، އެއް ބާރުން އަނެއް ބާރު ޒިންމާދާރު ކުރެވޭނެ ނިޒާމަކަށް ދައުލަތް ބައްޓަން ކުރި އެވެ. ކުރިން ނުލިބޭ އެތައް ހައްގުތަކަކާއި މިނިވަންކަމެއް ކަޅާއި ހުދުން ލިޔެ، ރައްޔިތު މީހާއަށް ދިނެވެ. ބަދަލަކަށް ފެންބޮވައިގެންފައި ތިބި ރައްޔިތުންނަށް އެ ފެހި ގާނޫނުއަސާސީ ވީ ތަސައްލީއަކަށެވެ.

މިއަދު އެ ގާނޫނުއަސާސީއަށް 12 އަހަރު ފުރިއްޖެ އެވެ. ފާއިތުވި 12 އަހަރުގެ ތެރޭގައި އެއާ މުޅިން ފުށޫ އަރާ ގާނޫނުތައް ހަދާފައި އެބަ ހުއްޓެވެ. ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ދައުރުގެ ތެރެއަށް ވަންނަމުންދެ އެވެ. ގާނޫނުއަސާސީން ދީފައިވާ ވަރަށް ވުރެ ފުޅާކޮށް ބާރު ހިންގަމުންދެ އެވެ.

އެހެންކަމުން އުފެދޭ ސުވާލަކީ، އެ ގާނޫނުއަސާސީއިން ކުރެހި ތަސްވީރާ އެއްގޮތަށް ދައުލަތް އެބަ ހިންގޭ ހެއްޔެވެ؟

ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންމުގެ ޒިންމާ މަތިވަނީ، އެ ގާނޫނުއަސާސީން އެންމެ މަތީ ބާރު ދީފައިވާ، ރައްޔިތުން އިންތިހާބުކުރާ ވެރީންގެ މައްޗަށެވެ. އެހެންކަމުން ރަނގަޅު ވެރީން އިންތިހާބުކުރާށާއި އެ ވެރީން ޒިންމާދާރުކުރަން ރައްޔިތުންނަށް އެނގުމަކީ މުހިންމު ކަމެކެވެ.

ގާނޫނުއަސާސީގެ ތަސައްވަރު ރައްޔިތުންނަށް އެނގުމަކީވެސް މުހިންމު ކަމެކެވެ. އެހެން ނަމަވެސް މި ތަސައްވަރު ހާސިލުވާން ގާތްވެސް ނުވެ އެވެ. ގާނޫނުއަސާސީއާ މެދު ރައްޔިތުން އެކަށީގެންވާ ވަރަށް ހޭލުންތެރި ނުވާހާ ހިނދަކު، އަދި އިހުލާސްތެރި ވެރީން ނާންނަހާ ހިނދަކު އެ ތަސައްވަރު ހާސިލުވުމަކީ ނާދިރުކަމެކެވެ.

ރައްޔިތު މީހާއަށް ތަސްވީރު ދައްކަން ޖެހޭ

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެ ގާނޫނުއަސާސީއަކީ އެންމެ އާދައިގެ ރައްޔިތު މީހާއާ ހިސާބަށްވެސް ފޯރާފައިވާ، އަދި އެ މީހާ އެއާމެދު ހޭލުންތެރިވެފައިވާ އެއްޗަކަށް ވާންޖެހެ އެވެ. ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިގޮތުގައި "މަސްވެރި މީހާއަށްވެސް، ރަަށްރަށުގައި އުޅޭ އާދައިގެ އާންމު ރައްޔިތުންނަށްވެސް" ގާނޫނުއަސާސީ ފޯރަން ޖެހެ އެވެ.

"ކިޔައިދޭން އެބަ ޖެހޭ ގާނުނުއަސާސީގައި ގާނޫނުގައި މިހިރީ ކޯއްޗެއްކަން. ރައްޔިތުން އަހުލުވެރިކުރުވަން އެބަ ޖެހޭ. އޭރުން މި ކަންކަމުގެ މައްޗަށް ވިސްނައި މީސްމީހުން އެކަންކަން ކުރާނީ،" ގާސިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ފާއިތުވި 12 އަހަރުގެ ތެރޭގައި އެކަން އެންމެ އެދެވޭ މިންވަރަށް ހާސިލުވެފައި ނުވާކަމަށް ގާސިމް ގަބޫލުފުޅުކުރައްވަ އެވެ.

ޑިސެމްބަރ 9، 2019: ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގާނޫނުއަސާސީގެ ތަސައްވަރު އެނގި ތިބެ، އެންމެ ހެޔޮ ގޮތަށް ވޯޓުދޭނެ ހަރުދަނާ ޖީލެއް އުފެއްދުމަށް ހަރުދަނާ ތައުލީމީ ނިޒާމެއް ބޭނުންވެ އެވެ.

ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ދެކެވަޑައިގަންނަވާ ގޮތުގައި، މަންހަޖަށް ބަދަލު ގެނެސްގެން ވިޔަސް ތައުލީމީ ދާއިރާގެ ތެރެއިން ދަރިވަރުންނަށް މިކަމުގެ ތައުލީމު އުގަންނައިދޭން ޖެހެ އެވެ.

"އެޑިއުކޭޝަން ސިސްޓަމަށް ލާ އެއްޗެއްގެ ނަތީޖާ ނުކުންނާނީ ފަނަރަ އަހަރު ފަހުން. އެއަށްވެސް ލާން ޖެހޭ. އަޅުގަނޑު އޭރުވެސް ދެންނެވިން މިހާރުއްސުރެވެސް އޭތި ސްކޫލުތަކަށް ލާށޭ. އެހެންނަމަ ގައިމު މިހާރު ތިބޭނެ ދެއްތޯ ގާނޫނުއަސާސީ ނެރުނު ފަހުން ގްރޭޑް އެކަކަށް ވަދެގެން ދިހައަކުން ނިމުނު ކުދިން،" އިބްރާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައިވެސް ހިދުމަތްކުރައްވަމުން އަންނަ އިބްރާ ވިދާޅުވީ، ސްކޫލުތަކުގެ ނިޒާމުތަކުގެ ތެރެއަށް ކަމާ ބެހޭ އުސޫލުތައް ވައްދައިގެންވެސް ދަރިވަރުންނަށް އުނގަންނައިދެވިދާނެ ކަމަށެވެ.

އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

ގާސިމްވެސް ވިދާޅުވީ ޖީލުތައް ހޭލުންތެރިކުރުވަން އެންމެ އިސް ދައުރެއް އަދާކުރަންޖެހޭނީ ދެވޭ ތައުލީމާއި ތަރުބިއްޔަތު ބައްޓަން ކުރުމަށް ކަމަށެވެ. އަދި ދައުލަތުގެ ބައިތުލްމާލުން ކުރާ ހަރަދުގެ ތެރޭގައި މިކަންކަން ހިމަނަން ޖެހޭކަމަށް ގާސިމް ގަބޫލުކުރައްވަ އެވެ.

އޭގެ އިތުރުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާގެ ބޭނުން ކުރަންޖެހޭކަމަށްވެސް ގާސިމް ފާހަގަކުރެއްވި އެވެ.

"ކޮންޓިނުއަސްކޮށް ގާނޫނުއަސާސީގައި އޮތް އެއްޗެއް ރައްޔިތުންނަށް ކިޔައިދިނުމާއި، އެކަންތައްތައް ކުރަންވީ ގޮތާ އެއްޗެހި ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގައި ރޭޑިއޯ ޕްރޮގްރާމުތައް ހިންގުން ޓީވީ ޕްރޮގްރާމުތައް ހިންގުމާއި ސްކޫލުތަކުގެ މުގައްރަރަށް ބަދަލު ކުރުން، މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އެދެވޭ ގޮތެއްގައި ކުރެވިގެން މީހުންނަށް ތަންދޮރު އޮޅުންފިލުވޭނީ،" ގާސިމް ވިދާޅުވި އެވެ.

އިބްރާ ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ ތަސްދީގުކުރުމާއި އެ ގާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު، ގާނޫނުއަސާސީގެ މައުލޫމާތު ދެއްވަން ޓީވީއާއި ރޭޑިއޯ ޕްރޮގްރާމުތަކަށް އަރާވަޑައިގަތުމަށް އިބްރާ އިސްނަންގަވައި މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެންމެ މުހިންމު ދައުރު އަދާކުރެވޭނެ މީޑިއާގެ ފަރާތުން އޭރު އިބްރާއަށް މާ ބޮޑު އެއްބާރުލުމެއް އިބްރާއަށް ލިބިވަޑައެއް ނުގަތެވެ.

"ގާނޫނުއަސާސީ ފެއިލްވާން ދިމާވި، އޭތި ފަންކްޝަން ނުކުރަން އެންމެ ބޮޑު ރެސްޕޮންސިބިލިޓީ އެއް އަޅުގަނޑު އަޅުވަނީ ކޮން ބައެއްގެކަން އެނގޭތޯ. ތިބޭފުޅުންނަށް. މީޑިއާއަށް،" އިބްރާ ވިދާޅުވި އެވެ.

ބޭނުންވަނީ ހެވާ ނުބައި ވަކިވާ ރައްޔިިތުންތަކެއް

އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން އަދި މިހާތަނަށް އިހުލާސްތެރިކަމާއެކު ގާނޫނު ހިންގަން ބޭނުންވި ވެރިއަކު މިހާތަނަށްވެސް ގައުމަށް އިންތިހާބުވެފައެއް ނެތެވެ.

"އެއީ ޕްރޮސެސްއެއް. އެކަމަކު އޭގެ [ގާނޫނު އަސާސީއާ އެއްގޮތަށް ދައުލަތް ހިންގުމުގެ] ސްޕީޑް ތަންކޮޅެއް މަޑުވެގެން މިދަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާން ތިބި މީހުންގެ އަމިއްލަ އެދުން ބޮޑުކަމުން. އެ މީހުންގެ ނެތީ ގައުމާ ދޭތެރޭ، ރައްޔިތުންނާ މެދު އެއްވެސް އިހުލާސްތެރިކަމެއް. ގާނޫނު ހިންގުމުގެ ރޫހެއް، ރައްޔިތުންނަށް ގާނޫނު ދަސްކޮށްދިނުމުގެ ރޫހެއް، ރައްޔިތުންގެ އެމްޕަވާ ކުރުމުގެ ރޫހެއް ނެތީ،" އިބްރާ ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރު ރައީސް މައުމޫނުގެ ސަރުކާރުގެ ބަންޑާރަނައިބު ހަސަން ސައީދުވެސް ވިދާޅުވީ، އެ ގާނޫނުއަސާސީގެ ތަސައްވަރާ އެއްގޮތަށް ގައުމު ހިންގަން ނަޒާހާތްތެރި، އިހުލާސްތެރި މީހުން އިންތިހާބުކުރުން މުހިންމު ކަމަށެވެ. ނަމަވެސް އެކަން ކުރެވެން ފެށޭނީ ރަނގަޅު ރައްޔިތެއް ހިމެނޭ ޖީލުތަކެއް ބިނާކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމެއް ކުރިއަރައި ހަމައާ ލަމައާ އުސޫލުތައްވެސް އޮންނާނީ އެކަށީގެންވާ ރައްޔިތުންތަކެއް ތަމްރީނު ކުރެވިގެން، ތަރުބިއްޔަތު ކުރެވިގެން. އެކަން ކުރެވޭނީ ސްކޫލު ނިޒާމުން ފެށިގެން. މުޖުތަމައުގައި ހަމައާ ލަމަ ހުރެގެން. އޭރުން ރަނގަޅު ވެރިން އަޅުގަނޑުމެންނަށް ލިބޭނީ. އެ ކަމެއް ނުކުރެވެނީ. އެހެންވީމަ ވާ ގޮތަކީ ކިިތަންމެ ކޮރަޕްޓު މީހަކަސް ރަނގަޅު ކިތަންމެ ވިޔާނުދާ މީހަކަސް ރަނގަޅު، ތައުލީމެއް ނެތަސް ރަނގަޅު، އަޑުގަދަ ކުރާ ކޮންމެ މީހަކުވެސް ރަނގަޅު. އޭގެ ސަަބަބުން އެންމެ އެދެވޭ ނަތީޖާ ނުނެރެވެނީ،" ހަސަން ސައީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް މައުމޫންގެ ސަރުކާރުގެ ބަންޑާރަނައިބުގެ ހައިސިއްޔަތުން އިންނެވި ހަސަން ސައީދު --

ދައުލަތުގެ އިސް މަގާމުތަކަށް އިންތިހާބުކުރާ ވެރީންގެ ފަރާތުން ފެންނަ ކަންކަމުން، އެ މުޖުތަމައަކާ ބެހޭގޮތުން ވަރަށް ވާހަކަ ކިޔައިދެއެވެ. އެ މަންޒަރު އެންމެ ސާފުކޮށް ފެންނާނީ ގައުމުގެ އެކި ކަންކޮޅުތަކުން މަންދޫބުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުންނެވެ.

އިބްރާވެސް ވިދާޅުވަނީ މުޖުތަމައުގެ ހާލަތު އެންމެ ރަނގަޅަށް ފެންނަ "މީޓަރަކީ" ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

"އެތާ ތެރޭގައި ގަމާރުން ފެންނަންޏާ ރައްޔިތުން ގަމާރީ. އެތާ ތެރޭގައި އަހުލާގު ނެތް މީހުން ފެންނަންޏާ ރައްޔިތުންގެ އަހުލާގު ނެތީ. އެތާ ތެރޭގައި ވަގުން ގިނައިއްޔާ ރައްޔިތުންގެ ތެރޭގައި ވަގުން ގިނައީ. އެތާ ތެރޭގައި ރަނގަޅު އުސޫލަކަށް ކަންކަން ކުރަންޏާ ތަންދޮރު ދަނެ ރަނގަޅު އުސޫލު ބޭނުންވާ ރައްޔިތުން ގިނައީ،" އޭނާ ވިދާޅުވި އެވެ.