07 Aug 2020, 12:28
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޓީވީ ޑްރާމާ ސިލްސިލާތަކުން ފެނުނު އެކްޓަރު ސަމީރު ޝަރްމާ 44، މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. މުމްބާއީގައި އޭނާ ދިރިއުޅޭ ގޭތެރެއިން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭ ސެކިއުރިޓީ ގާޑަށް ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ މަރުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު ސަމީރުގެ ހަށިގަނޑުގެ ޕޯސްޓްމޮޓާމް ރިޕޯޓް ހެއްދުމަށް ކޫޕާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެކްޓަރު ސަމީރު ދަންޖެހިގެން މަރުވިކަމަށް ލަފާކުރެވޭކަމަށް ފުލުހުން ބުނިއިރު އެގޭ ތެރެއިން އެއްވެސް ކަހަލަ ސުއިސައިޑް ނޯޓެއް ފެނިފައިނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސަމީރު މަރުވިއިރު އޭނާ މަސައްކަތްކުރަމުން އައީ ސްޓާޕްލަސްއިން ގެނެސްދެމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގައެވެ. އެ ޑްރާމާގައި އޭނާ ފެނިގެންދަނީ ބަތަލާ ކާވެރީ ޕްރިޔަމް (ކުހޫ)ގެ ބައްޕަގެ ރޯލުންނެވެ.
އޭގެ ކުރިން އޭނާ ވަނީ ސްޓާޕްލަސްގެ މަޝްހޫރު ސީރީސް "ކަހާނީ ގަރް ގަރް ކީ"ގައި ކްރިޝްނާ އަގަރްވާާލްގެ ރޯލާއި، "ކްޔޫންކީ ސާސްބީ ކަބީ ބަހޫ ތީ"ގައި ތުޝާރްގެ ރޯލުވެސް ކުޅެފައެވެ.
އޭނާ މަސައްކަތްކޮށްފައިވާ ބައެއް ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "އިއްތިފާގް" އާއި "ހަސީ ތޯ ޕަސީ" ހިމެނެއެވެ. ސަމީރު ކުޅުނު ބައެއް ޑްރާމާ ތަކުގެ ތެރޭގައި "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން"، "ގަންގާ" އަދި "ވޯ ރެހެނޭ ވާލީ މެލޯން ކީ" ހިމެނެއެވެ.