08 Aug 2020, 11:02
ގޭތެރޭގައި ނުވަތަ ވަޒީފާގައި ވިޔަސް ބަރު ތަކެތި އުފުލައި، އަދި އާންމުކޮށް ބުރަ މަސައްކަތް ކުރާނަމަ އަތާއި ބުރަކަށީގައި ރިއްސައެވެ. މި ހަފްތާގެ ފުރަބަންދު ވޯކްއައުޓް އެޕިސޯޑުގައި މި ގެނެސްދެނީ އަތާއި ބުރަކަށީގެ މަސްތަކަށް ހާއްސަ ކަސްރަތުތަކެކެވެ.
މިއަދުގެ ކަސްރަތުތައް ކުރާނެގޮތް ކިޔައިދެނީ "ގެޓް ފިޓް ވިތު ރަން"ގެ ޑރ. ރަނާ އަހުމަދު ހަމީދާއި ޝާހިދާ ސައީދު (ޝާއީ) އެވެ. ޝާއީއަކީވެސް "ގެޓް ފިޓް ވިތު ރަން"ގެ އިންސްޓްރަކްޓަރެކެވެ.
ޑރ. ރަނާ ބުނާގޮތުން ހަށިގަނޑުގެ އެހެން މަސްތަކެކޭ އެއްފަދައިން އަތާއި ބުރަކަށީގެ މަސްތަކަކީވެސް ވަރަށް ގިނަ ފަރާތްތަކުން ހިއްކާލަން އަދި ޓޯން ކޮށްލަންބޭނުންވާ މަސްތަކެކެވެ.
މިއަދުގެ ކަސްރަތުތައް ކޮށްލުމަށްޓަކައި ބޭނުންކުރަނީ ޑަމްބެލް އެކެވެ. ޑަމްބެލްއެއް ނެތްނަމަ ފެންފުޅިއެއްވެސް ބޭނުންކުރެވިދާނެ އެވެ. މިއަދުގެ ކަސްރަތުތަކުގެ ތެރޭގައި ހިމެނެނީ؛
ޑަމްބެލް ޝޯލްޑާ ޕްރެސް
- ބައިސެޕް ކާލް
- ހެމާ ކާލް
- އަރައުންޑް ދަ ވޯލްޑް ޝޯލްޑާ ޕްރެސް
- ބެންޓް އޯވާ ޑަމްބެލް ރޯލް
- އާނޯލްޑް ޕްރެސް
- ލައިން ސުޕަމޭން
ބުރަކަށްޓަށް އަމާޒުކޮށްގެން ކޮންމެވެސް ވަރެއްގެ ކަސްރަތުތަކެއް ކުރުމަކީ އާންމުކޮށްދިމާވާ އެކިވަރުގެ ބުރަކަށީގެ މައްސަލަތަކާއި ކުދި ތަދުތައް ފިލުވާލުމަށް ވަރަށް ބޮޑު އެހީއަކަށްވާނެ އެވެ. އަދި ބުރަކަށީގެ މަސްތައް ވަރުގަދަކޮށްދިނުމުގައިވެސް މިފަދަ ކަސްރަތުތައް މުހިންމު ދައުރެއް އަދާކުރާނެ އެވެ.
ހަމައެޔާއެކު އަޕާ ބޮޑީއަށް ހާއްސަކޮށްގެން ހިމަނާލެވިފައިވާ މި ކަސްރަތުތަކަކީ ހަށިގަނޑު ސީދަލަށް ބެހެއްޓުމާޢި، ބަރުދަން ލުއިކުރުމާއި ހަށިގަނޑު ބެލެންސްކުރުމަށްޓަކައިވެސް އެހީއެކެވެ. މި ކަސްރަތުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ "ގެޓް ފިޓް ވިތު ރަން"އާ، ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކޮށްލެވޭނެއެވެ.
"ފުރަބަންދު ވޯކްއައުޓް"އަކީ ފުރަބަންދާއި ދިމާކޮށް ގޭގައި ތިބެގެން ކުރެވިދާނެ ކަސްރަތުތަކެއް "ސަން"ގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ސީރީޒްއެކެވެ.