09 Jan 2012, 14:39
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ހާއްސަ ތައުލީމް ދެމުން އަންނަ ޖަމާލުއްދީން ސުކޫލްގެ އެފަދަ ދެ ދަރިވަރަކު މިއަހަރުގެ ކެމްބްރިޖް އޯލެވެލްގައި ބައިވެރި ކުރާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ޖަމާލުއްދީން ސުކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ އަޑުއިވުމުން މަހްރޫމްވެފައިވާ ދެ ކުއްޖަކު މިއަހަރު އަލަށް ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި އިށީންނާނެ ކަމަށާއި އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަޑު އިވުމުން މަހުރޫމްވެފައިވާ އަށް ކުއްޖަކު އެ އިމްތިހާނުގައި ބައިވެރި ކުރާނެ ކަމަށެވެ.
އޯލެވެލް ހަދާ ދެ ދަރިވަރުންނަކީ އަލީ ޝުއިބާއި ދީނާ ލަތީފެވެ.
"މިއަހަރު އަޅުނގަޑުމެންގެ ދެ ކުއްޖަކު ކެމްބްރިޖް އޯލެވެލް ހަދާނެ، އެއީ އަންހެން ކުޖަކާ ފިރިހެން ކުއްޖެއް،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޑު އެހުމުން މަހުރޫމް ވެފައިވާ އެ ސްކޫލްގެ ދެ ދަރިވަރުން ބައިވެރިވާ ކެމްބްރިޖް އިމްތިހާނަކީ އަޑުއެހުން ވެސް އޮންނަ އިމްތިހާނަކަށްވާތީ އެކުދިންނަށް ހާއްސަ ގޮތްތަކެއް ހަމަޖެއްސުމަށް މިހާރު ކެމްބްރިޖް ޔުނިވާސިޓީއާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިއަހަރު ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށައި ސްކޫލަށް ނުގެންދެވޭފަދަ ކުދިންނަށް ފުރޮޅުލީ ގޮނޑި ހޯދައި ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.