ބަޑި ބުރާސްފަތީގެ ނަމުން ދިވެހިންގެ ތެރޭގައި މަޝްހޫރު، 1988 ވަނަ އަހަރުގެ ބަޣާވާތާ ގުޅިގެން ރާއްޖެ އަށް އަސްކަރީ ގޮތުން އެހީތެރިވާން އިންޑިޔާ އަށް ލިބުނު ފުރުސަތުގެ ފައިދާ ނުނެގި، ]އިންޑިޔާގެ ދަށަށް ރާއްޖެ ނުގެންދެވި[ އޮތް އޮތުމަކީ "ނަގާލެވުނު ފުރުސަތެއް" ކަމަށް އިންޑިޔާގެ މަޝްހޫރު ނޫސް "ދަ ޓައިމްސް އޮފް އިންޑިޔާ" އިން އިއްޔެ ސިފަކޮށްފި އެވެ.

އެ ނޫހުގައި "ޓަސުލް އޯވާ ދަ ޓްރެޝާ އައިލެންޑް" ]ހަޒާނާ ހުރި ރަށާ ހެދި ތަޅާފޮޅުން[ މިސުރުޚީގެ ދަށުން އިއްޔެ ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ އެ ހާދިސާ ]1988 ވަނަ އަހަރުގެ ބަޣާވާތުގެ ހާދިސާ އަށް[ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ، ޗައިނާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވުމުން ދާތީ އިންޑިޔާ އަށް އޭރު ބޭނުން ކުރެވެން އޮތް ފުރުސަތު ބޭނުން ނުކޮށް ދޫކޮށްލި ކަމުގެ ތުހުމަތު އިންޑިޔާގެ އަސްކަރީ މާހިރުން ކުރާ ކަމަށެވެ.

"އާދައިގެ މަތިން ދިވެހި ރާއްޖެއާ މެދު ޗައިނާގެ ސީރިއަސްކަން ހުރި ވަރު އިންޑިޔާ އަށް އެނގުނީ މާ ފަހުން. އެއީ އިންޑިޔާގެ އަވަށްޓެރި އެހެން ގައުމުތައް ކަމަށްވާ ނޭޕާލާއި މިޔަންމާ އާއި ސްރީލަންކާ އާ މެދު ވެސް ކަންތައް ވީގޮތް. ނިއުދިއްލީން ދިޔައީ ދިވެހިރާއްޖެ އަބަދު ވެސް އޮންނާނީ އިންޑިޔާގެ ޖީބުގެ ތެރޭގައި ކަމަށް ހީކުރަމުން،" ކިންގްސް ކޮލެޖް ޑިފެންސް ސްޓަޑީސްގެ ލެކްޗަރާއެއް ކަމަށްވާ ހަރުޝް ވީ ޕާންޓް ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިޔާގައިވެ އެވެ.

ޓައިމްސް އޮފް އިންޑިޔާގައި ބުނެފައި ވަނީ ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމާޔަތްކުރަން ގާޑުންކޮޅެއް ތިބުމުން ނިއުދިއްލީގެ އެހީތެރިކަން ހޯދާނެ ވަގުތު އެމަނިކުފާނަށް ލިބުނު ކަމަށެވެ. އަދި ބަޣާވާތް ނާކާމިޔާބު ކުރަން ގާނޫނީ ހުއްދައާ އެކު އިންޑިޔާގެ 1600 ވައިގެ ސިފައިން ރާއްޖެ އަށް އުދުހުނު ކަމަށެވެ.

"އާމީއެއް ވެސް ނޭވީއެއް ވެސް އޭރު ނެތް ރާއްޖެ އަށް ރަނގަޅު ވަގުތުގައި އިންޑިޔާ އިން އެހީވި އިރު. އިންޑިޔާ ކަނޑުގެ މުހިއްމު މަގުތަކުގެ މެދުގައި އޮތް ރާއްޖޭގެ މުހިއްމުކަމާ މެދު އޭރު ވިސްނާފައި ވަނީ މާދަށްކޮށެވެ. އެކަމަކު އޭގެ ފަހުން ވިއްސަށް ވުރެ ގިނަ އަހަރު ދުވަހަށް ފަހު ، ޗާއިނާ އިން ސަރަހައްދުގައި ނުފޫޒު ގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް އަމާޒު ހިފުމުން، އޭރު ފުރުސަތު ނަގާލާފައިވާ ކަމުގެ ތުހުމަތު މާހިރުން ދަނީ ކުރަމުންނެވެ،" ޓައިމްސް އޮފް އިންޑިޔާގައިވެ އެވެ.

ހަރުޝް އަދި ވިދާޅުވި ކަމަށް އެ ނޫހުގައި ވަނީ ރާއްޖެ އަށް ފައިސާ ހަރަދުކުރުމުގައި ޗައިނާ އިން އިންޑިޔާގެ މައްޗަށް ކުރިހޯދާފައިވާ ކަމަށެވެ. އަދި ބައެއް ކަންތައްތަކުގައި ޗައިނާ އިން ރާއްޖޭގައި އިންޑިޔާ ފަހަތަށް ޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގައި ޗައިނާ އިން އިންޑިޔާގެ މައްޗަށް ކުރިހޯދާފައިވާ ކަމުގެ ހެކިތަކެއްގެ ގޮތުގައި ޗައިނާ އިން ރާއްޖޭގައި ކޮށްފައިވާ ބައެއް ކަންތައްތައް ނޫހުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހަތަރު ލައްކަ މީހުން ހަމަނުވާ ރާއްޖޭގައި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންއެއް ގާއިމް ކުރި އިރު ޗައިނާ ވެފައި ވަނީ ރާއްޖޭގައި އެމްބަސީ ގާއިމް ކުރި ދެކުނު އޭޝިޔާ ސަރަހައްދުން ބޭރުގެ ފުރަތަމަ ގައުމު ކަމަށް ބުނެފަ އެވެ. އަދި ދާރުލް އާސާރާއި ފޮރިން މިނިސްޓްރީ އިމާރާތްކުރުމާއި ޗައިނާ ކުންފުންޔަކުން ރާއްޖޭގައި އިމާރާތް ކުރަމުން އަންނަ 1000 ހައުސިން ޔުނިޓްގެ މަސައްކަތުގެ ވާހަކަ ވެސް ވަނީ ޗައިނާ އިން އިންޑިޔާގެ މައްޗަށް ކުރިހޯދާފައިވާ ކަމުގެ ހެކިތަކެއްގެ ގޮތުގައި ބުނެފަ އެވެ.

ނޫހުގައި ބުނެފައި ވަނީ ޗައިނާ އިން ރާއްޖޭގައި ނުފޫޒު ގަދަކުރަމުން ދިޔަ ނަމަވެސް 2008 ވަނަ އަހަރު ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް ފަހުން އިންޑިޔާ އާއި ރާއްޖޭގެ ރަހުމަތްތެރިކަން އިތުރުވެފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތް ފަހުން އިންޑިޔާ އަށް ފައިދާވާގޮތަށް ކޮށްފައިވާ ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އެއާޕޯޓް އަލުން ބިނާކުރުމުގެ ފުރުސަތު އިންޑިޔާގެ ކުންފުންޔަކަށް ދިނުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރާޑަރު ބެހެއްޓުމުގެ ފުރުސަތު އިންޑިޔާ އަށް ދިނުމާއި އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ހުއްދަ ދިނުމެވެ.

"އެއާބޭސްއެއް އަލުން މަރާމާތުކުރުމުގެ ފުރުސަތު ވެސް އިންޑިޔާގެ ކުންފުންޏަކަށް ވަނީ ދީފަ އެވެ. އެއީ އިންޑިޔާގެ ޖާސޫސީ އަދި ސަވައިލެންސް މަތިންދާބޯޓްތަކަށް ހޮސްޓް ކުރުމަށެވެ،" ދަ ޓައިމްސް އޮފް އިންޑިޔާގައިވެ އެވެ.
ޓައިމްސް އޮފް އިންޑިޔާގެ ލިއުން ނިންމާލަމުން ބުނެފައި ވަނީ "ސަލާމަތުން ދެމިއޮތުމަކީ ސީޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް" ކަމަށެވެ.