06 Aug 2020, 14:56
ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރައްވައިފިއެވެ.
ޑރ. އަބްދުﷲ މައުސޫމް މިއަދާ ހަމައަށް ހުންނެވީ ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.
ޓޫރިޒަމް ދާއިރާގައި ތަޖުރިބާކާރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.
އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން ޑރ. މައުސޫމް ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި 2018 ވަނަ އަހަރާ ހަމައަށް ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއަށް ވަގުތުދެއްވުމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވި ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަފީރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކޮށްފައި މިވަނީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރިތާ މަހެއް ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ.
މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރީ، ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި، މަގާމުން އިސްތިއުފާ ދޭން އެންގުމުން ވެސް އިސްތިއުފާ ނުދެއްވުމުންނެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށް، ވަގުތީގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގުން ހަވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއެވެ.