ރ. ކިނޮޅަހުގައި ބަންގުލަދޭޝް މީހަކު ކުޑަ އަންހެން ކުއްޖަކާއެކު ފަޅުގެއެއްގެ ތެރޭ ބަދުއަޚްލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ 12 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަޚްލާގީ ޢަމަލު ހިންގި 30 އަހަރުގެ ބަންގުލަދޭޝް މީހަކު ކިނޮޅަހުން ރޭ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިނޮޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެއެއްގައި މަސައްކަތެއް ކުރުމަށް ގޮސް ހުރި ބަންގުލަދޭޝް މީހާ ދިރިއުޅޭ ގެއާ އިންވެގެން ހުރި ފަޅުގެއެއްގެ ތެރޭ ކުޑަ އަންހެން ކުއްޖާއާ ބަދުއަހުލާގީ ޢަމަލު ހިންގަމުން ދަނިކޮށް އެ ރަށު ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ އިރާކޮޅު ކަމަށެވެ.

ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަޚްލާގީ ޢަމަލު ހިންގައިގެން ކިނޮޅަހުން ބަންގުލަދޭޝް މީހަކު ހައްޔަރު ކުރި އިރު، ބ. ގޮއިދޫގައި މަސައްކަތް ކުރަން ގޮސް ހުރި ބަންގުލަދޭޝް މީހަކު، މީހެއްގެ އަންބެއްގެ އަތުގައި ހިފި މައްސަލައެއްގައި މޫނު ނިވާ ކޮށްގެން ތިބި މީހުންގެ ގުރޫޕަކުން ގޮސް އެމީހާއަށް ހަމަލާދީ ވަނީ މިދިޔަ އަހަރު ފަހުކޮޅު ޒަޚަމްކޮށްލާފައި ވެއެވެ.