މެޖިސްޓްރޭޓުންގެ ތެރެއިން އެހެންކޯޓަކަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ވަނީ 14 މެޖިސްޓްރޭޓް ކޯޓެއްގެ މަގާމުތަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ކޯޓެއްގެ މެޖިސްޓްރޭޓު ކަމުގެ މަގާމާއި، 10 ކޯޓެއްގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމެވެ.

އެގޮތުން އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހދ. ނޮޅިވަރަމު، ރ. މަޑުއްވަރީ، ބ. ތުޅާދޫ، އއ. ހިމަންދޫ، މ. މުލަށް، ފ. ފީއަލީ، ފ. ބިލެއްދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫ އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށެވެ.

މެޖިސްޓްރޭޓް ކަމުގެ މަގާމު ހުޅުވާލާފައި ވަނީ ގދ. ތިނަދޫ، ވ. ފެލިދޫ، ނ. މަނަދޫ އަދި ށ. ފުނަދޫ ކޯޓަށެވެ.

އެހެންކަމުން އޭގެން ކޯޓަކަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބަދަލުވާން އެދޭ ކޯޓާއި އަދި އެ ކޯޓަށް ބަދަލުވުމަށް އެދޭ ސަބަބު ބަޔާންކޮށް، އޯގަސްޓް 12 ވާ ބުދަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޖޭއެސްސީއަށް ސިޓީ ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޖޭއެސްސީން ބުނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތައް ކޯޓު ބަދަލުކުރުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލަސްޓާގައި ތިބި ފަނޑިޔާރުންނަށާއި އަދި އެ ކްލަސްޓާގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިއާޔަތް ކުރާނެ ކަމަށެވެ.