ގަވައިދަށް ނުފެތޭ 20 ތަނެއް މިއަދުވެސް ބަންދުކުރިކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނި ޑރ. ނަޒްލާ ރަފީގު ހިއްސާ ކުރެއްވި ތަފާސް ހިސާބަށް ބަލާއިރު މިއަދު 235 ތަނެއް އިންސްޕެކްޓު ކޮށްފައިވެއެވެ.

އޭގެތެރޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ 51 ތަނަކާއި 154 ފިހާރަ، 21 ސެލޫން، ފަސް ޖިމް އަދި ހަތަރު މާރުކޭޓް ހިމެނެއެވެ.

މިއަދު ބަންދު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ނުފެތޭ ހަ ސެލޫން އަކާއި އަށް ފިހާރަ އަދި ތިން މާރުކޭޓާއި ތިިން ރެސްޓޯރެންޓެވެ.

އެޗްޕީއޭ އިން ވަނީ ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.

މިހާރު ކުރިއަށްދާ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.