ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ކޮޓަރިކޮޅު ކަމަށްބުނެ ދައުރުވަމުންދަނާ ފޮޓޯތަކަކީ މިނިސްޓަރުގެ ކޮޓަރިކޮޅުގެ ފޮޓޯ ނޫންކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީިއާ ގްރޫޕުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މީޑިއާ އޮފިޝަލު ވިދާޅުވީ ހެލްތު މިނިސްޓަރު އިންނަވާ ކޮޓަރީގެ ފޮޓޯކަމަށްބުނެ ދައުރުވަމުންދަނީ ރަނގަޅު ފޮޓޯތަކެއް ނޫން ކަމަށެވެ.

އެއީ ހެލްތު މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ރޫމު ކަމަށްވެސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓުތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށާއި އެގޮތަށް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުުރުމަށް ހެލްތު ފަންޑަށް ޖަމާކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ހެލްތު މިނިސްޓަރުގެ ކޮޓަރިކޮޅުގެ ޑިޒައިން ކަމަށް ބުނެ ދައުރުވާ ފޮޓޯ އެއް ---

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގްގެ ނުވަ ވަނަ ފްލޯގައި ހުންނަ އެ ކޮންފަރެންސް ރޫމްގެ ނަމަކީ "މޫމިނާ ހަލީމް މާލަން" ކަމަށާއި އެ އީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް ދެވިފައިވާ ނަމެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

އެ ކޮންފަރެންސް ރޫމް ހެދުމަށް ހޭދަވި ހަރަދު ހާމަ ކުރާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ، ހެލްތު މިނިސްޓްރީ އަކީ ގިނަ އިވެންޓުތަކެއް ބާއްވާ ތަނަކަށްވެފައި، މިފަދަ އިވެންޓުތައް މިނިސްޓްރީ އިން ބޭރުގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީ އެގޮތަށް ކުރާ ހަރަދު ކުޑަކުރުން ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ ނުވަވަނަ ފަންގިފިލާގައި ހެދި ކޮންފަރެންސް ރޫމް ---

ހެލްތު މިނިސްޓްރީ އިން ބުނީ އެ ކޮންފަރެންސް ރޫމްގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމުގެ އިގްތިސޯދު އަނދަވަޅެއްގައި އޮއްވާ ހެލްތު މިނިސްޓްރީގެ ކޮޓަރިއެއް ބޮޑު ހަރަދުކޮށްގެން "ގަނޑުވަރެއް ސިފަވާގޮތަށް" ތައްޔާރު ކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.