ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ 1،869 މީހުންގެ ތެރެއިން 110 މީހުންނަށް ފަރުވާދެނީ އެޑްމިޓްކޮށްގެން ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެ އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެޗްއީއޯސީ އިން މިރޭ ހިއްސާކުރި މައުލޫމާތަށް ބަލާޢިރު އެޑްމިޓްކޮށްގެން ފަރުވާދެމުންދާ 110 މީހުންގެ ތެރެއިން 85 މީހަކަށް ފަރުވާދެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ދެމީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ހަ މީހަކަށް ފަރުވާދެމުންދެއެވެ.

މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީ އަދި ށ. ފުނަދޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. އެޗްއީއޯސީ އިން ބުނީ 1،282 މީހަކު މިވަގުތު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިބި ކަމަށެވެ.

ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,594 އަށް އަރައިފައެވެ. 2،706 މީހުން ބަލިން ރަނގަޅުވެފައިވާއިރު ރާއްޖޭގައި ކޮވިޑު ޖެހިގެން 19 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.